ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
އިންސާނީ ހައްގުތަކުގެ ދާއިރާއިން ކުރިއެރުން ހޯދުނީ ހާރިޖީ ސިޔާސަތުގެ ސަބަބުން!
އިންސާނީ ހައްގުތަކުގެ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ހާރިޖީ ސިޔާސަތާއި ތަރައްގީގެ ފްރޭމްވޯކްގެ ކާމިޔާބުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ދައުރުގެ ހައި-ލެވެލް ސެގްމަންޓްގައި މިނިސްޓަރު ޝާހިދު ދެއްވި ވީޑިއޯ މެސެޖްގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވަން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. 

އަދި އިންސާނީ ހައްގުތަކުގެ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބުތަކަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތާއި ތަރައްގީގެ ފްރޭމްވޯކްގެ ކާމިޔާބުކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. އަދި އެންމެ ފަހުގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ގައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒްކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، އިޤްތިސާދީ، އިޖްތިމާއީ އަދި ސަގާފީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލް ރާއްޖެއިން ތަންފީޒުކުރިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

އދ ގެ ސްޕެޝަލް ޕްރިސީޖާސް މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ދީފައިވާ ހުޅުވާލެވިފައިވާ ދައުވަތަށް ބަދަލެއް ނާންނަކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެބޭފުޅުންގެ ޒިޔާރަތްތަކަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ފާހަގަކުރެވޭ އިންސާނީ ހައްގުތަކުގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށްވެސް މިނިސްޓަރު ޝާހިދު ވަނީ އަލިއަޅުވާލާފައެވެ.

އެގޮތުން އިންސާނީ ވަގުވިޔަފާރި ހުއްޓުވުމާއި، ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި އިންތިގާލީ އިންސާފު ގާއިމްކުރުމުގެ އިތުރުން ނުރައްކަލަށް ހުށަހެޅިފައިވާ މުޖްތަމައުގެ ފަރުދުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ ގޮތުން މިނިސްޓަރު ވާހަކަ ދެއްކެވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ކުދި ޖަޒީރާ ގައުމުތަކަށް އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ދިމާވާ އިތުރު ގޮންޖެހުންތަކާ ބެހޭ ގޮތުން މިނިސްޓަރު ވާހަކަ ދެއްކެވިއެވެ. 

އަދި ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، އެ ގޮންޖެހުންތަކުން އަރައިގަތުމުގައި އދ ގެ ޗާޓަރުގައި ކަށަވަރުކޮށްދޭ އިންސާނީ ހައްގުތަކަށް ސަމާލުވުމަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ. އަދި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތަކީ އެއްވެސް މީހަކު ބާކީ ވިޔަނުދޭނެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ފުރުސަތެއްކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދުގެ ވާހަކަ ނިންމަވާލެއްވުމުގެ ކުރިން ފަލަސްތީނުގެ މުސްލިމުންނާއި މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ އިންސާނީ ކާރިސާއާ ބެހޭ ގޮތުން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ބައްދަލުވުން ކުރިއަށްދާނީ 22 ފެބްރުއަރީ އިން 23 މާޗް އަށެވެ. އެކިއެކި އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖެއިން 13 އިންޓަވެންޝަނެއް ރާއްޖެއިން މިފަހަރުގެ ސެޝަންގައި ހަދާނެއެވެ. 

އދ ގެ ސްޕެޝަލް ރެޕަޓުއާ 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތާ ބެހޭ ރިޕޯޓް އޭނާ މި ސެޝަނަށް ހުށަހަޅުއްވާނެއެވެ. އަދި ރާއްޖެއާ ގުޅޭ ޔޫ.ޕީ.އާރް އައުޓްކަމް ރިޕޯޓް އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިފަހަރުގެ ސެޝަންގައި އެޑޮޕްޓް ކުރާނެއެވެ. 

ހައި-ލެވެލް ސެގްމަންޓަކީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މިއަހަރުގެ ސެޝަންގެ ފުރަތަމަ ސެގްމަންޓެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު މި އަހަރުގެ ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްދާނީ ޖެނީވާގައި ބާއްވާ ބައިތަކުގެ އިތުރުން ވާޗުއަލް އިވެންޓްތަކެއްގެ ގޮތުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް