ads
ވީޑިއޯ ރިޕޯޓް-
އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމިތާ އަހަރެއް ނުވަނީސް ޒާހިދުއަށް އީސީގެ މަގާމެއް!
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އެންމެ ބޮޑަށް އޮތް އެއް ކަންބޮޑުވުމަކީ ނުވަތަ މައްސަލަ އަކީ، ލޯކަލް ކައުންސިލް އިންތިހާބައި މެދު އުފެދޭ ކަންބޮޑުވުންތަކެވެ. ސިޔާސީގޮތުންވެސް އެކިއެކި މަގްސަދުތައް ފަހަތުގައި ބާއްވައިގެން މިއަދު އެތައް ސުވާލުތަކެއް އުފައްދަމުން އަންނަ އެއް މައްސަލައަކީ ކައުންސިލް އިންތިހާބު ލަސްވާ މައްސަލައެވެ. ކައުންސިލް އިންތިހާބުގެ މައްސަލަތަކާއި ޝަކުވާތަކާއި ތުހުމަތުތަކަށް ރައްޔިތުންގެ މަޖިލީހާއި އިލެކްޝަން ކޮމިޝަނުން ހައްލު ހޯދުމަށް އެތައް ކަންތައްތަކެއް ކުރަމުން އަންނައިރު، އެދެފަރާތުގެ ދެމެދުގައިވެސް ހިޔާލު ތަފާތުވާ ކަންތައްތަކެއް ހުރިކަން ކަށަވަރެވެ.

ކޮވިޑާއި ގުޅިގެން ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުމާއިއެކު އެކުލަވާލި ހާއްސަ ގާނޫނުގެ ދަށުން އަހަރަކަށް އިންތިހާބު ފަސްކޮށްފައި އޮތްއިރު އެކަމުގެ ސަބަބުން ގާނޫނީ ގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލުމަށްޓަކައި މަޖިލީހުން ވަނީ އެ ގާނޫނަށް އިސްލާހުވެސް ގެނެސްފައި. ނަމަވެސް އޭގެފަހުންވެސް އިންތިހާބާއި ގުޅޭގޮތުންނާއި، އަދި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގާނޫނުން ހާއްސަ ގާނޫނުގައި ބުނެފައުވާ އެޗްޕީއޭގެ ގައިޑްލައިނުގައި ހުރި ކަންބޮޑުވުންތައް އީސީން ތަކުރާރުކޮށް ތިލަކުރަމުން އަންނައިރު އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިންތިހާބުގެ ސައްހަ ކަމާއިމެދު ސުވާލު އުފައްދަމުންނެވެ. 

އިންތިހާބުގެ މަސައްކަތްތަކާއި ގުޅޭގޮތުން އީސީން މިހާތަނަށް ބުނެފައިވަނީ، ކޮމިޝަނުން މިހާރު ކުރަމުން އަންނަނީ އިންތިހާބަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އެގޮތުން އިންތިހާބުގެ ކަންކަމާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އެކުލަވާލަންޖެހޭ ކޮމްޕްލެއިންސް ބިއުރޯ އެކުލަވާލާފައި ވާކަމަށް މައުލޫމާތު ލިބޭއިރު، އެކަމުގެ ތެރެއިންވެސް އަނެއްކާވެސް ވަނީ ސުވާލު އުފެދޭފަދަ ދެކޮޅު ނުޖެހޭ ކަމެއް ފެންމަތިވެގެން ގޮސްފައެވެ. 

ފާހަގަކުރަން މިއުޅޭ ވާހަކައަކީ އިންތިހާބުގެ ކޮމްޕްލެއިންސް ބިއުރޯގެ ހެޑްގެ މަގާމަށް ހައުމަން ރައިޓްސް ކޮމިޝަން އޮދް ފަ މޯލްޑިވްސްގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޒާހިދު އައްޔަނުކުރި ވާހަކައެވެ. މިކަމުގައި ސުވާލު އުފެދޭ ހިސާބަކީ އެބޭފުޅާ ކުރިން ހުންނެވި މަގާމުން ވަކިކުރެވުނު ސަބަބާއި ގުޅޭގޮތުން ކަންބޮޑުވުން އުފެދުމުގެ ޖާގަ އޮންނާތީއެވެ. މި ފާހަގަކުރަނީ އެޗްއާރިސީއެމްގެ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރި މައްސަލައެވެ. 

އެބޭފުޅާ މަގާމުން ވަކިކޮށްފައިވަނީ، ހައްސާސް ބޮޑެތި މައްސަލަތަކެއްގެ ސަބަބުން އެބޭފުޅާގެ އިތުބާރު ނެތްކަމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުން ފާސްވެގެންނެވެ. އެ މައްސަލަ ތަކަކީ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ތަކުރާރުކޮށް ދޮގު މައުލޫމާތުދިން މައްސަލައާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅި މައްސަލައާއި، ޔާމިނު ރަޝީދުގެ މަރުގެ މައްސަލަ ބެލުމުގައި އިހުމާލުވެފައިވާ މައްސަލައާއި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމުގައި އިހުމާލުވި މައްސަލަ އެވެ. 

މިފަދަ ބޮޑެތި މައްސަލަތަކެއްގައި އެބޭފުޅާގެ އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމާފައި ވަނިކޮށް އެކަމަށް އަހަރެއް ނުވަނީސް އަނެއްކާވެސް މިނިވަން މުވައްސަސާއެއްގެ ޖަވާބުދާރީ ވާންޖެހޭފަދަ މަގާމަކަށް އެބޭފުޅާ އައްޔަން ކުރުމުން އެކަމުގައި ކަންބޮޑުވުން ނެތި ނުދާނެކަން ޔަގީނެވެ. 

މިކަމުގެ އިލެކްޝަން ކޮމިޝަންގެ ބަހެއް ލިބޭތޯ ކުރި މަސައްކަތުގައި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ، ކޮމްޕްލެއިންސް ބިއުރޯގެ ހެޑްއަކަށް ޒާހިދު އައްޔަން ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ. 

ޝަރީފް ވިދާޅުވީ ޒާހިދު އަކީ އެ ބިއުރޯގެ ހެޑް ކަމަށާއި، އަދި އެކަމުގައި އެއްވެސް މައްސަލައެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން، އެބޭފުޅާ މަގާމަށް އައްޔަނުކޮށްފައިވަނީ، އޮންނަ އުސޫލުގެ ތެރެއިން މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އިންޓަވިއުކޮށް، އެމަގާމަށް އެންމެ ގާބިލު ފަރާތަކީ ޒާހިދު ކަމަށްވާތީ ކަމަށެވެ. 

އަދި އިސްވެ ބުނެވުނު މައްސަލަތަކުގައި މަޖިލީހުން އެބޭފުޅާގެ އިތުބާރު ނެތްކަމަށް ކުރިން ނިންމާފައިވީނަމަވެސް، އެބޭފުޅާ މިހާރު އައްޔަނުކޮށްފައި ހުރީ އިލެކްޝަންގެ އިސް މަގާމަކަށް ނޫން ކަމަށާއި، އިލެކްޝަންގެ ސެކްޝަނެއްގެ އިސް މަގާމަކަށް ކަމުން، އެއީ މައްސަލައެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

ނަމަވެސް އެފަދަ މައްސަލަތަކެއްގައި މަޖިލީހުން، ނުވަތަ ރައްޔިތުންގެ މަންދޫބުންގެ އިތުބާރު ނެތްކަމަށް ނިންމާފައިވާ ބޭފުޅަކު އިންތިހާބުގެ ކޮމްޕްލެއިން ބިއުރޯގެ ވެރިއަކަށް ވުމަކީ، މިނިވަން ދެފުއްފެންނަ އިންތިހާބަކަށް ތައްޔާރުވާއިރު މާ ދެކޮޅުޖެހޭ ކަމެއް ކަމަށް ނުފެނެއެވެ. 

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
86%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް