ads
ފޮޓޯ: ޖެންޑާ މިނިސްޓްރީ
އަމާންވެއްޓަށް ބަދަލު ކުރާ ކުދިންނާ މެދު ފަތުރަނީ ދޮގު ވާހަކަ: ޖެންޑާ
ޖެނޑަ މިނިސްޓްރީން އަތޮޅުތަކުގައި ހިންގާ "އަމާން ވެށި" ތަކަށް ބަދަލުކުރެވެމުންދާ ކުޑަ ކުދިންނާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާކެއްގައި ބުނެފައި ވަނީ ކުޑަކުދިންނަކީ ބޮޑެތި މީހުންނާ ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށާއި އަދި ގާނޫނު އަސާސީ އާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އެންމެހައި ހައްގުތައް އެ ކުދިންނަށް ކަށަވަރުކޮށްދިނުމަށް ބާރުއަޅާ ކަމަށް ވެސް އެމިނިސްޓްރީން ބުނެ އެވެ.

އަދި އާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަމުން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ
ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމަށާއި އެ ގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ އެ ފަދަ ކުދިން
ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުންދިޔައީ މާލޭ ސަރަހައްދުގައި ގާއިމުކުރެވިފައިވާ ދެ މަރުކަޒެއްގައި ކަން ޖެންޑާއިން ވަނީ ފާހަގަކޮށްފަ އެވެ.

އެހެން ނަމަވެސް، ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން
މުޖުތަމައުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެ ކަމަށް ހާއްސަކުރެވިގެން
ގާއިމުކޮށްފައިވާ އަމާން ވެށި ތަކަށް ބަދަލުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށައިފައިވާ ކަން ފާހަގަކޮށް ޖެންޑާއިން ބުނެފައި ވަނީ އެ ފަދަ މަސައްކަތެއް  ފުޅާ ދާއިރާއެއްގައި ކުރެވެމުންދާއިރު، އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ހައްލުކުރުމަށް ގުޅުންހުރި ފަރާތްތަކާއެކު އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށެވެ.

އެހެން ނަމަވެސް މިމަސައްކަތަށް ހުރި ގޮންޖެހުންތަކަށް ރިއާޔަތްކުރުމެއްނެތި ބައެއް ފަރާތްތަކުން ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު، އެ ކުދިންނަށް ފޯރާ ހާލަތުތައް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާ "އަޅައިލުމާއި ޙިމާޔަތް ލިބުން"ގެ (ހ) އަދި އެ ގާނޫނުގެ 33ވަނަ މާއްދާ "ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމުނުކުރުން"ގެ (ހ)އާ ހިލާފަށް، ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރާކަމީ އެ މިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށް ޖެންޑާއިން ވަނީ ބުނެފަ އެވެ.

އަދި އެ ކަމުގެ ސަބަބުން، އެ ކުދިންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ މުޖުތަމައުގެ ތެރޭގައި ފެތުރުމާއި، އެ ކުދިންނާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ފަދަ ޝުއޫރު ފާޅުކުރެވިގެންދާ ހާލަތުތައް އަންނަ ކަމަށާއި އެ ފަދަ ބައެއް ހާދިސާތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށް ވެސް ޖެންޑާއިން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން ޖެންޑާއިން ބުނެފައި ވަނީ ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ހާލަތްތަކުގެ ސަބަބުން އެ ފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ކުދިން މުޖުތަމައުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ.

އަދި އެ ފަދަ ގޮންޖެހުތައް ހައްލުކުރުމުގައި، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޖުތަމައުގެ ޒިންމާތަކެއް ވާކަން ވެސްއެ މިނިސްޓަރީއިން ވަނީ ފާހަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް