ads
ފޮޓޯ: ވީނިއުސް
35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރި ބޭފުޅުންނަށް ގައުމީ ފެންވަރުގެ އިނާމެއް
ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް، ”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ޤައުމީ ފެންވަރުގެ އިނާމެއް މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެއްވާ ގޮތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

އެމަނިކުފާނު މިއަދު ވަނީ އެކަމުގެ މައުލޫމާތު ވަޒީރުންގެ މަޖިލީހާ މިއަދު ހިއްސާ ކުރައްވާފައެވެ. މިއަދު މެންދުރުފަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި އިނާމުގެ ތަފްސީލު ދެއްވަމުން ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި، ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު، އެބޭފުޅުންގެ ހިދުމަތްތަކަކީވެސް ގައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަންޖެހޭނެ ހިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ދައުލަތަށް 35 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ހިދުމަތް، ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު، އެފަދަ ބޭފުޅުންނަށް މި އަހަރުން ފެށިގެން ޝަރަފުވެރިކަމުގެ ޤައުމީ އިނާމެކޭ އެއްފެންވަރެއްގައި އިނާމެއް އެރުވުމަށް ނިންމެވީ ކަމުގައި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ. 

އެކަމާބެހޭ މަސައްކަތް، ޤައުމީ އިނާމާބެހޭ ކޮމިޓީއާ މިހާރު ހަވާލުކުރައްވާފައިވާ ކަމަށާއި، އިނާމު ދެއްވުމުގެ އުސޫލު އެކޮމިޓީން ކަނޑައެޅުއްވުމުން، އެ އުސޫލަށް މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ހިޔާލުފުޅު ހޯއްދަވާނެ ކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް