ރިފްއަތު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން 2008 އަކުން ފެށިގެން ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާއިރު، މިއަދާ ހަމައަށް އައިސްފައި މިވަނީ އެކި ސިފަސިފައިގައި ކޯލިޝަން ހެދިގެންކަން ރިފްއަތު ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖޭގައި ކޯލިޝަން ހެދުން ވަނީ "ކަސްޓަމަރީ" ކަމަކަށް ވެފައި ކަމަށް ރިފްއަތު ވިދާޅުވިއެވެ.
ރިފްއަތު ވިދާޅުވީ، އެފަދަ އެއްބަސްވުމެއް ހެދުމަކީ މަނާ ކަމެއްކަމަށް ގާނޫނު އަސާސީގައިވެސް ކަނޑައެޅިގެން މަނާ ކޮށްފައި ނެތް ކަމަށެވެ.
މީގެ އިތުރުން މި ކޮމެޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ، ގާނޫނީ ގޮތުން މިކަމުގައި މައްސަލައެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ. އަދި މިކަމާ ގުޅޭ ގާނޫނެއް ވުޖޫދަށް އައުން ނުވަތަ ގާނޫނު އަސާސީގައި މިކަން ތަފްސީލުކޮށްދިނުން ވެގެންދާނީ އެންމެ ފުރިހަމަ ގޮތަކަށް ކަމަށް ރިފްއަތު ވިދާޅުވިއެވެ. އަދި އެފުރުސަތު ނެތް ކަމަކަށް ނުދަންނަވާނެ ކަމަށް ވިދާޅުވިއެވެ.
މިހާރު މިއޮތް ސަރުކާރުގެ ތެރެއިން ކޯލިޝަނަށް ވާގިވެރި ވެދިނުމަށްޓަކާ މިހާތަނަށް އޭނާގެ ލަފައަކަށް ރައީސް އައްސަވާފައި ނުވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ. އަދި ކޯލިޝަން ގާނޫނެއް ހެދުމުގެ މަސައްކަތެއް ނުކުރާ ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.