ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރު ފަޒްލާ އަހުމަދު ޝަހީމް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަހުލު ޕްރޮގްރާމްއަށް ހުޅުވާލި ފުރުސަތުގައި ހަ އާއިލާއަކުން މިހާތަނަށް ވަނީ ބައިވެރިވެފައި ކަމަށެވެ.
އަދި އެއާއިލާތަކުގެ ހާލު ޖެންޑާގެ ސޯޝަލް ސާވިސަސް ޑިޕާޓްމެންޓް އިން ވަނީ ބަލާފައި ކަމަށާއި އަދި އެމީހުންގެ ދިރިއުޅުމުގެ ހާލަތު ޖެންޑާއިން މޮނިޓަރު ކުރަމުންދާ ކަމަށް ވެސް ފަޒްލާ ވިދާޅުވި އެވެ.
އޭގެ އިތުރުން ފަޒްލާ ވިދާޅުވީ އަންނަ ހަފްތާގެ ފަހުކޮޅުގައި ބައެއް އާއިލާތައް ރަށަށް ބަދަލު ކުރުމުގެ މަސައްކަތް ޖެންޑާއިން ކުރަމުން ގެންދާ ކަމަށެވެ.
ޖެންޑާއިން އަހުލު ޕްރޮގްރާމުގައި ބައިވެރި ވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުގަ އެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގެ ހަތަރުވަނަ ބާބާށް ރިއާޔަތްކޮށް، އެ ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) އިން ޖެންޑާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅު ތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކޮށް ޖެންޑާ މިނިސްޓްރީން ވަނީ ގަވާއިދެއް ވެސް އާންމުކޮށްފަ އެވެ.
އެ ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް އެދި ހުށަހަޅާ އާއިލާތަކަށް، މި ގަވާއިދުގައި ވާ ގޮތުގެ މަތިން، ރަށަށް ބަދަލުވެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ އާއިލާތަކުން ރަށަށް ބަދަލުވުމަށް ކުރަންޖެހޭ ހަރަދުތައް ދިނުމަށް ޖެންޑާ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ސަރުކާރުން 3000 ރުފިޔާގެ އެލަވަންސެެއް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.
އަދި ވަޒަންވެރިވުމަށް ދަތުރުކުރާ ރަށަށް ދިއުމަށް އެއްކޮޅު ޓިކެޓްގެ އިތުރުން، އެމީހަކު ބަދަލުވާ ރަށެއްގައި އުޅޭ ގެދޮރު މަރާމާތުކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ހަރަދުގެ އިންސައްތައެއް ވެސް ދޭނެ އެވެ. ޝަރުތު ހަމަވެގެން ރަށަށް ފޮނުވާ އާއިލާތަކުގެ ހާލަތު އެއް އަހަރު ދުވަސް ވަންދެން މޮނިޓާކުރާނެ އެވެ. ރަށަށް ބަދަލުވާން 500 އާއިލާއަކަށް އެހީ ދޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެކަމަށް 26.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.
އެހީއަށް އެދެން ޖެހޭނީ ހާއްސަ ފޯމެއް މެދުވެރިކޮށެވެ. އެގޮތުން ފޯމު ހުށަހަޅަން ޖެހޭނީ އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާ ރަށުގެ ކައުންސިލަށެވެ. އަދި އެކަމަށް އެދޭ ފަރާތްތަކަށް 30 ދުވަހުގެ ތެރޭގައި އެފަރާތަކީ އެހީއަށް ޝަރުތު ހަމަވާ ފަރާތެއްކަން ނުވަތަ ނޫންކަން ޖެންޑާ މިނިސްޓްރީން އަންގާނެ އެވެ.
އެހީއަށް އެދޭ ފަރާތްތަކުގައި ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ނުވާ އެއް ކުއްޖަކު ހުރުމާއެކު ވަޒަންވެރިވާން ބޭނުންވާ ރަށުގައި އެމީހަކަށް ހުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނަން ޖެހެ އެވެ. އޭގެ އިތުރުން މާލޭ ސަރަހައްދުގައި އެމީހަކު ދިރިއުޅެމުންދާތާ މަދުވެގެން އަހަރު ދުވަސް ވާން ޖެހޭއިރު ފަގީރުކަމުގެ ހާލަތު ދެނެގަތުމަށް އެންސްޕާ އިން އާންމުކޮށްފައިވާ ގަވާއިދު ބުނާ މިންވަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވެސް ވާންޖެހެ އެވެ.