ads
ފޮޓޯ: ޖެންޑާ މިނިސްޓްރީ
ހިޔާ ކުދިންނާ ގުޅޭ އެތައް ޝަކުވާއެއް، އެކަމަކު ލޯބިދޭންޖެހޭ!
އަޅާލާނެ ފަރާތެއް ނެތި ދައުލަތުގެ ބެލުމުގެ ދަށަށް ގިނަ ކުޑަކުދިންތަކެއް ގެންދެވިފައިވެ އެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔަވަތީގައި 130 ކުދިން އެބަތިއްބެވެ.

ބަންދުވެފައިވާ މާހައުލެއްގައި ކުދިންނަށް އެތަނުގައި ތިބެން ޖެހިފައިވާއިރު ސްކޫލަށް ދިޔުން ފަދަ މަދު ކަމެއްގައި ނޫނީ ދައުލަތުން އަޅާފައިވާ އެ އިމާރާތްތަކުން އެކުދިންނަށް ނުނިކުމެވެ އެވެ. އެހެންކަމުން އާދައިގެ ކުދިން ފަދައިން ބޮޑުވުމުގެ ހައްގު އެކުދިންނަށް ވަނީ ނުލިބިފަ އެވެ. 

މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުމަށް ޖެންޑާއިން ބައެއް ކުދިން ރާއްޖޭގެ ތިން ރަށެއްގައި ގާއިމްކޮށްފައިވާ އަމާން ވެއްޓަށް ވަނީ ބަދަލުކޮށްފަ އެވެ. 

އެގޮތުން ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 17 ކުއްޖަކު ވަނީ ބ. އޭދަފުށްޓަށް މިދިޔަ ޑިސެމްބަރު މަހު ބަދަލުކޮށްފަ އެވެ. އެކުދިން ގޮވައިގެން މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެރަށަށް ވަޑައިގެން ނެވި އެވެ. އަދި އެކަމަނާ ވަނީ އެކުދިންނަށް މުޖްތަމައުގެ އާންމު ކުދިންނެކޭ އެއްފަދައިން ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުމަށް މުޖްތަމައުގެ އެހީވެސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެކުދިން އެތަނަށް ބަދަލު ކުރިތާ މިވީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެކުދިންނާ ގުޅިގެން އެކި ވާހަކަތައް ވަނީ ރަށު ތެރޭގައި ފެތުރިފަ އެވެ. އެކުދިންގެ އަހުލާގު ގޯސް ވާހަކަތަކާއި އުޅުން ކަމުނުދާ ވާހަކަ ތަކެކެވެ. އަދި ރަށުގެ އާންމު މީހުންނަށް އެކުދިންގެ ފަރާތުން އެކި އުނދަގޫތަކާ ކުރިމަތިވާ ވާހަކަތައްވެސް ވަނީ ފެންމަތިވެފަ އެވެ.

އޭގެ އިތުރުން ޖެނުއަރީ ހަ ވަނަ ދުވަހު ށ. ފޮނަދޫ އަމާން ވެއްޓަށް ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 16 ކުއްޖަކު ވަނީ ބަދަލުކޮށްފަ އެވެ. 

އޭދަފުއްޓެކޭ އެއްގޮތަށް ފޮނަދޫއިން ވެސް އެކުދިންގެ ޝަކުވާތަކުގެ ވާހަކަތައް ތިލަވީ މަހެއް ނުވަނީހެވެ. މިކަމާ ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ ޖެންޑާއިން އެރަށުގެ އަމާން ވެއްޓަށް ބަދަލުކޮށްފައިވާ ކުދިން ހުންނަނީ ރަށު ތެރެއަށް ދޫކޮށްލާފައި ކަމަށެވެ.

އަދި އެއް ބެލެނިވެރިއަކަށް ތިން ހަތަރު ކުދިން ހަވާލުކޮށްފައި ހުރުމުގެ ސަބަބުން އެކުދިން ބެލުމުގައި އެ ފަރާތްތަކަށް ވެސް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައި ކަމަށެވެ.

އެކުދިން ރަށުގެ ގޭގެއަށް ވަދެ ގޭގޭގައި އިންދާފައި ހުންނަ ގަސްތައް ހަލާކުކުރުމާއި މަގުމަތީގައި ގިނަވެގެން އުޅޭ ކަަމަށް ވެސް ވިދާޅުވި އެވެ.

އަދި އެ އެކުދިންގެ އަތުން ވަރަށް ފަހުން ވަނީ އެރަށުގެ ބަނދަރުގައި އަޅާފައި އޮތް ޖެޓްސްކީއެއް ވެސް ހަލާކުވެފައި ކަމަށާއި އޭގެ ސަބަބުން އެ ވިޔަފާރި ހިންގަމުންދާ ފަރާތަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. 

ސްކޫލުގައި އެކުދިންގެ އުޅޭގޮތުގެ ވާހަކަދައްކަމުން ވިދާޅުވެފައި ވަނީ އެކުދިން ވާހަކަ ދައްކަނީ ވަރަށް ބޭއަދަބީ ގޮތްގޮތަށް ކަމަށެވެ. ފޮނަދޫއަށް ގެންދިޔަ ކުދިންނާ ގުޅިގެން ކައުންސިލްގެ ކަންބޮޑުވުންތައް ބަންޑުންކޮށްލިއިރު ކައުންސިލުން ތުހުމަތުކުރާ ގޮތުގައި އޭގެ ތެރެއިން ބައެއް ކުދިން އެގޮތަށް އުޅެނީ އެމީހުން އެރަށުގައި އުޅެން ބޭނުން ނުވާތީ އެގޮތަށް އުޅުމުން ފޮނުވާލާނެ ކަމަށް ހީކޮށެވެ.  

އެ ދެރަށުގައި މި ކުދިންނާ ގުޅިގެން ކަންބޮޑުވުންތަކެއް ހުއްޓަސް، ފުވައްމުލަކު ސިޓީ ކައުންސިލުން ވާހަކަ ދެއްކެވި ޑެޕިއުޓީ މޭޔަރު ވިދާޅުވީ އެރަށުގައި އެ ކުދިންގެ ފަރާތުން އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ލިބިފައިނުވާ ކަމަށެވެ. އަދި ރަށުތެރޭގައި ވެސް އެފަދަ އަޑެއް ނާރާ ކަމަށެވެ. 

އެ ކުދިންގެ މައްސަލަތައް ފެންމަތިވުމާއެކު ޖެންޑާ މިނިސްޓްރީން ވަނީ އެކަން ދޮގުކޮށް އެކުދިންނާ ގުޅިގެން އެފަދަ ވާހަކަތައް ނުފެތުރުމަށް ވެސް އެދިފަ އެވެ. އެގޮތުން އާންމު ވެއްޓަށް އެކުދިން ހޭނުމަށް ގޮންޖެހުންތަކެއް ހުންނާނެކަން ފާހަގަކޮށް މުޖްތަމައުގެ ވިސްނުން ބަދަލު ކުރުމަށް އިލްތިމާސްކުރި އެވެ. 

ޒަމާނުން ސުރެ ހިޔާގައި ތިބޭ ކުދިންނާ މެދު އާންމުންގެ ވިސްނުން ހުންނަ ގޮތުގެ ސަބަބުން އެކުދިންނަށް މުޖްތަމައުގައި އާންމުކުދިންނާ އެކު ދިރިއުޅުން ބިނާ ކުރުން ވެފައިވަނީ ބޮޑު ގޮންޖެހުމަކަށެވެ. އެކުދިން އަމާން ވެށިތަކަށް ބަދަލު ކުރެވުނުތާ ދެތިން މަސްވެފައިވާއިރު އެކުދިންނަކީ ވެސް އާންމު ކުދިންނެކޭ އެއްފަދައިން ދިރިއުޅުމުގެ ހައްގު ލިބެންޖެހޭ ކުދި ބައެއް ކަން ގަބޫލުކުރަން ޖެހެ އެވެ. އަދި އެކުދިންނަށް އެކަން ސާބިތުކޮށް ރަނގަޅު ކުދި ބައެއްގެ ގޮތުގައި ދިރިއުޅުމުގެ ފުރުސަތު ވެސް ދޭން އެބަ ޖެހެއެވެ.

މުޖުތަމައުގެ ތެރޭގައި އެކުދިންނާ ގުޅިގެން ކަންބޮޑުވުން ހުއްޓަސް، އޭގެ ތެރެއިން ބައެއް ކުދިންނަކީ ހަމަ ރަނގަޅު މަގުން ތަރުބިއްޔަތުވެފައިވާ ކުދިންނެވެ. 

ކުޑަކުދިންނަނީ މޮޑޭ ފުއްގަނޑެއްހެން ބޭނުން ބައްޓަމެއް ޖައްސާލެވޭނެ ބަޔަކަށް ވެފައި އެކުދިންނަށް ނަފުރަތުގެ ލޮލުން ބެލުމުގެ ބަދަލުގައި ލޯބިން އަމަލުކުރުމުން އެކުދިން ވެސް ލޯބިން އަމަލު ކުރާނެއެވެ. ހާއްސަކޮށް ހަޔާތުގައި ޅަ އުމުރެއްގައި އެތައްކަމެއް ދިމާވެފައިވާ ކުދިންތަކަކަށް މުޖްތަމައުގެ ފަރާތުން ބޭނުންވާނީ ހިމާޔަތުގެ އަތެކެވެ. އަދި ލޯބީގެ ބަސްތަކެވެ. އެހެންކަމުން އެކުދިން ކުށްވެރި ކުރުމުގެ ބަދަލުގައި މުޖްތަމައުގެ ވިސްނުން ބަދަލު ކުރުމަކީ މުހިންމު ކަމެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް