ads
ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މިރެއިން ފެށިގެން 8 ގެ ފަހުން ރެސްޓޯރަންޓްތައް ބަންދުވާނެ
ކޮވިޑް-19 ގެ ހާލަތު ރާއްޖެގައި އިތުރަށް ގޯސްވަމުން ދިޔުމާއިއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަނީ ފިޔަވަޅުތަށް އިތުރަށް ވަރުގަދަކޮށްފަ އެވެ. މިއަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ކޮންމެ ދުވަހަކު ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. އަދި މިގޮތަށް ކޭސްތައް ފެންނަތާ މިހާރު ވަނީ މަސް ދުވަސްވެފަ އެވެ.

މި ހާލަތު ކޮންޓްރޯލްކުރުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު 8:30 ފެށިގެން ދުއްވާ އެއްޗެހި ދުއްވުން މަނާކުރުމާއި ރޭގަނޑު 11 އިން ފެށިގެން ކާފިއު ހިންގަން ވަނީ ފަށާފަ އެވެ. އެއަށްފަހު 12 ފެބްރުއަރީން ފެށިގެން އަނެއްކާވެސް އިރުއޮއްސި 06:00 ގެ ފަހުން ދުއްވާއެއްޗެހި ދުއްވުން މަނާކުރިއެވެ.

އާއްމުކޮށް ފިޔަވަޅުތައް އެޅުމަށްފަހު ބަދަލެއް އަންނަން 14 ދުވަސްވަރު ނެގިނަމަވެސް މިހާރު އޭގެފަހުން ހަތަރު ހަފްތާވެގެންދިޔަނަމަވެސް ހާލަތަށް ބަދަލެއް ނައެވެ. 

އެހެންކަމުން އެޗްޕީއޭއިން ވަނީ މިމަހުގެ 25 ވަނަ ދުވަހު އަނެއްކާވެސް މާލޭ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެެވެ. އެގޮތުން މިރެއިން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށް، މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓައިލުމަށް ވަނީ އަންގާފައެވެ.

އަދި ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތްތައް ވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓައިލުމަށް ވަނީ އަންގާފައެވެ.

މި ބަދަލާއިއެކު ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކާއި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ރޭގަނޑު އަށެއްގެ ފަހުން ހިދުމަތް ދިނުން މަނާވާނެ އެވެ. އަދި ޓޭކް އަވޭއާއި ޑެލެވަރީގެ ހިދުމަތްތައް ވެސް މިފަދަ ތަންތަނުން ދެވޭނީ ރޭގަނޑު 10:30 އާ ހަމައަށެވެ. އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް މިފަދަ ކާބޯތަކެތީގެ ހިދުމަތްތައް ދޭ ތަންތަނުން އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެެވެ. 

ރާއްޖޭއިން ކޮންމެ ދުވަހަކު ފެންނަ ކޭސްތައް ބޮޑުތަނުން އިތުރުވެ ހޮސްޕިޓަލްތައް ވެސް ފުރެމުންދާއިރު، ބަލީގައި މަރުވާ މީހުންގެ އަދަދުތަށްވެސް ދަނީ އިތުރުވަމުންނެވެ. އަދި މިހާތަނަށް ރާއްޖެއިން 61 މީހުން ކޮވިޑްގައި މަރުވެފައިވާއިރު ބަލީގައި ކައިރީ ކައިރީ މީހުން މަރުވަމުންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. 

އެހެންކަމުން އެޗްޕީއޭއިން ވަނީ ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދޫކޮށްނުލުމަށާއި ބައްޔަށް ހުށަހެޅޭ މީހުން މީހުން އެއްވާ ތަންތަނަށް ނުދިޔުމަށްވެސް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ރެސްޓޯރަންޓް ކެފޭފަދަ ތަންތަނުގައި މާސްކު ނަގައިގެން ގިނަ ވަގުތު ތިބެންޖެހެމުގެ ސަބަބުން އެތަންތަނުން ފެންނަ ކޭސްތައް އިތުރުވެފައިވާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް