ads
ރިހާކުރު ކައްކަނީ
ދިއްގަރުގައި ރިހާކުރު ފެކްޓްރީއެއް!
ރިހާކުރަކީ ގިނަ ދިވެހިންގެ "ފޭވަރިޓް" އެވެ. ކޮންމެ ކޮންމެ ރިހާކުރެއް ވެސް ނޫނެވެ. އަބަދުވެސް ބާޒާރަށް ގޮސް ރިހާކުރުފުޅިއެއް ހޯދާނަމަ އެއީ ދިއްގަރު ރިހާކުރުތޯ ސުވާލު ކޮށްލެވެނީ އެ ރަށަށުގެ ރިހާކުރަކީ މުޅި ރާއްޖެއަށް ވެސް ނަން މަޝްހޫރު މީރު ރިހާކުރަކަށްވާތީ އެވެ. ކަނޑުދޫ މިރުހަށް ހާއްސަވާހެން ދިއްގަރޭ ބުނެފިނަމަ، ރިހާކުރު ހިތަށް އަންނަ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.
Advertisement

އެންމެ ކުރިއެކޭ އެއްގޮތަށް ދިވެހިންގެ މެދުގައި ދިއްގަރު ރިހާކުރަށް އޮންނަ ޑިމާންޑަކަށް ބަދަލެއް ނާދެ އެވެ. ކޮންމެއަކަސް މިއީ އެއް ދުވަހަކުން އެރަށަށް ލިބުނު މަޝްހޫރު ކަމެއް ވެސް ނޫނެވެ. އެންމެ އިހުއްސުރެ އެރަށުގެ އެކި އެކި ރައްޔިތުން، ރިހާކުރު ތައްޔާރުކުރުމުގެ މަސައްކަތުގައި އުޅުނެވެ. އޭރުއްސުރެ އެރަށް މަޝްހޫރީ މިކަމަށެވެ. 

އެންމެ ފަހުން، މީގެ ބާރަ އަހަރުކުރިން މުހައްމަދު ނަސީރު ވެސް ނިކުތީ ރިހާކުރުގެ ވިޔަފާރީގެ ތެރެއަށެވެ. އޭނާ މި މަސައްކަތްކުރަނީ އަމިއްލަ ފެކްޓްރީއެއްގަ އެވެ.

ނަސީރު ބުނެފައި ވަނީ، ފުރަތަމަ އެ ހިޔާލު އޭނާއަށް އައީ ދިއްގަރަކީ މަސްވެރި ރަށަކަށް ވެފައި އެރަށަކީ ރިހާކުރު މަޝްހޫރު ރަށަކަން ވުމުން އެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ކަމަށެވެ.

your imageރިހާކުުރު ފެކްޓަރީގެ އުފެއްދުންތައް

އަދި އެ މަސައްކަތް ފެށިގެން ދިޔުމާއެކުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބިގެން ދިޔަ ކަމަށް ވެސް ނަސީރު ބުންޏެވެ. އެހެން ކަމުން ދުވަސްކޮޅެއް ނުވެ ވަރަށް ފުޅާދާއިރާއެއްގައި ދިއްގަރު ރިހާކުރު ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދެވުނު ކަމަށެވެ.

މަސް ފެކްޓަރީއަށް މަސް ހޯދަނީ ދިއްގަރު ދޯނި ފަހަރުން ބާނާ މަހުން ކަމަށް ވެސް ނަސީރު ފާހަގަކުރި އެވެ. އަދި ފެކްޓަރީއަށް މުވައްޒަފުން ނަގަނީ އެދުވަހަކު މަސް ލިބޭ ވަރަކުން ކަމަށް ވެސް ނަސީރު ބުންޏެވެ.

އަދި ވަގުތީކޮށް އެގޮތަށް މީހުން ނަގާ އިރު، އެދުވަހު މެންދުރު މަސް ލިބިއްޖެނަމަ މަސައްކަތް ކުރަން ނަގާ ފަރާތްތަކަށް އުޖޫރައެއްގެ ގޮތުގައި 200 ރުފިޔާ ލިބޭނެ ކަމަށާއި މުޅި ދުވަހު މަސައްކަތް ކުރާ މީހާއަށް އުޖޫރައެއްގެ ގޮތުގައި ލިބޭނީ 350 ނުވަތަ 375 ރުފިޔާ ކަމަށް ވެސް ނަސީރު ހާމަކުރި އެވެ.

އެފެކްޓަރީގައި މަސައްކަތް ކުރަނީ ހުސް ފިރިހެނުން ކަން ފާހަގަ ކުރަމުން ނަސީރު ބުނީ، ހަމައެކަނި އަންހެނުން ކުރާ މަސައްކަތަކީ މަހުގެ ހަން ކެއުމާއި ރިހާކުރު ކެއްކުން ކަމަށެވެ.

ނަސީރު ހާމަކުރި ގޮތުގައި އެއް ޓަނުގެ މަސް ފެކްޓަރީއަށް ލިބިއްޖެނަމަ ވަގުތަށް މަސައްކަތް ނިންމުމަށްޓަކައި 20 މީހުންގެ އެހީއާއި އެއްބާރުލުން ބޭނުންވެ އެވެ. 

އަދި ރިހާކުރު ފެކްޓަރީއަށް އެކި މަހު ލިބެނީ އެކި އާމްދަނީކަން ފާހަގަކުރަމުން ނަސީރު ބުނީ އެހެން ދިމާވަނީ ފެކްޓަރީއިން އުފައްދާ ބާވަތްތައް ބިނާވެގެން ވަނީ މަސްލިބޭ މިންވަރަށް ކަމުގައި ވާތީ ކަމަށެވެ.

your imageރިހާކުރު ފެކްޓަރީގެ އުފެންދުންތައް

ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް އަލިއަޅުވާލަމުން ނަސީރު ބުނީ، މިހާރު ވަރަށް ވިޔަފާރި ދަށް ކަމަށާއި މާލެއަށް އަންނަ ކޮންމެ ހީނަރު ކަމަކީ އޭނާގެ ވިޔަފާރިއަށް ވެސް ލިބޭ ހީނަރު ކަމެއް ކަމަށެވެ. އެއީ ރިހާކުރުގެ އިތުރުން އޭނާގެ ފެކްޓަރީއިން ފޯރުކޮށްދޭ ހިކިމަސް ވެސް މާލޭގެ ބާޒާރަށް ނުގެނެންދެވޭތީ ކަމަށެވެ.

އެގޮތުން ނަސީރު ބުނީ މިހާރު އެ ފެކްޓަރީއިން އުފައްދާ ބާވަތްތައް އެހާ ވަރަށް ނުވިކޭ ކަމަށެވެ. އަދި އެމީހުން އުފައްދާ ހިކި މަހުގެ އަގުވެސް ވަނީ ދަށް ވެފައި ކަމަށާއި، އެހެން ކަމުން މިހާރު އެމީހުން އެއްޗެހި އުފައްދާ މިންވަރުވެސް މަދުކޮށްފައިވާ ކަމަށް އޭނާ ހާމަކުރި އެވެ.

އަދި މިހާރު ރޯމަސް ގަންނަމުން ދަނީ 12 ނުވަތަ 11 ރުފިޔާއަށް ކިލޯއެއް ކަމަށް ވެސް ނަސީރު ބުންޏެވެ.

އެމީހުންގެ ފެކްޓަރީއިން އުފައްދާ ބާވަތްތައް މާލެއަށް ފޯރުކޮށްދޭ ގޮތް ކިޔާދެމުން ނަސީރު ބުނީ، ރިހާކުރު އަދި ހިކިމަސް ފޮނުވަނީ އެރަށުން މާލެދާ ދޯނިފަހަރުން ކަމަށެވެ. އެއީ ހަފްތާއަކު ފަސްދަތުރުވަރު ކަމަށްވެސް އޭނާ ބުންޏެވެ.

އެ ވިޔަފާރިއަށް 12 އަހަރު ވެފައިވާނެ ކަމަށް ފާހަގަކުރަމުން ނަސީރު ބުނީ، އޭރާ އަޅާބަލާއިރު މިހާރު އެ ވިޔަފާރިއަށް ގިނަ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރި ދަށްވުމުގެ ސަބަބުން، މާ ބައިވަރު މަސައްކަތެއް ނޯންނަ ކަމަށް ވެސް ނަސީރު ކިޔާދި ނެވެ.

your imageރިހާކުރު ފެކްޓަރީގެ އުފެއްދުންތައް

ނަސީރު ބުނި ގޮތުގައި އޭނާ އެންމެ ކަންބޮޑުވާ އެއް ކަމަކީ ބާޒާރުގައި ހިކިމަސް ނުގަންނާތީ ކަމަށެވެ. ބާޒާރުގައި 25 ނުވަތަ 20 ރުފިޔާއަށް ހިކިމަސް ކިލޯއެއް ލިބެން ހުންނަ ކަމަށާއި، އެހެން ކަމުން ކޮންމެ ރޯމަހުގެ ފަސް ކިލޯއަކުން ފަސް ކިލޯ ހިކިމަސް އުފެއްދޭ އިރުގައި މިހާރު ރޯމަސް ގަންނާނެ އަގެއްވެސް ނޭންގޭ ކަމަށް ނަސީރު ހާމަކުރި އެވެ.

މީގެ އިތުރުން ނަސީރު ބުނީ ރިހާކުރާއި މަސް ފޯރުކޮށްދިނުމުގައި ދަތިތަކެއް މިހާރު ހުރި ނަމަވެސް، އޭނާގެ ބާރަ އަހަރުގެ ދައުރުގައި އެންމެންވެސް ވަރަށް ލޯއްބާއި އެކުގައި، އެމީހުންގެ އުފެދުންތައް ކަމަށްވާ ދިއްގަރު ރިހާކުރާއި ދިއްގަރު ހިކިމަސް ބަލައިގަނެފައި ވާކަމަށެވެ.

50%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް