
އިންޑިއަން ސުޕަ ލީގުގެ ލީގު ބުރުގެ ފަހު މެޗުގައި މުމްބާއީ އެފްސީންވަނީ އާދިއްތަ ދުވަހުގެ ރޭ އޭޓީކޭ މޯހަން ބަގާންގެ މައްޗަށް ދެ ލަނޑު ސުން ލަނޑުން ކުރި ހޯދާފައެވެ. އޭޓީކޭ މޯހަން ބަގާންއަށް ލިބުނީ ދެ ވަނަ މަގާމެވެ. އެ ޓީމުންވެސް ލީގު ބުރުގައި ކުޅުނު ވިހި މެޗުން ސާޅީސް ޕޮއިންޓް ހޯދި ނަމަވެސް މުމްބާއީ އެފްސީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
އިންޑިއަން ސުޕަ ލީގުގެ ލީގު ބުރުގެ ޗެމްޕިއަން ޓީމަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބެއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މިއަހަރު ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވަނީ ގޯއާ އެފްސީއެވެ. ލީގު ބުރަށް ފަހު އެންމެ މޮޅު ހަތަރު ޓީމުގެ މެޗުގައި ސެމީ ފައިނަލް ކުޅުމަށް ފަހު ފައިނަލަށް ކުޅެ އަދި ޗެމްޕިއަން ޓީމެއް ކަނޑައަޅާނެއެވެ. މި ޓީމަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭ އޮފްގެ ޖާގައެއް ލިބޭނެއެވެ.
ޗެމްޕިއަން ޓީމަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭ އިންޑިއަން ސުޕާ ލީގުގެ ކުޅުން ކޮވިޑުގެ ނުރައްކަލާހުރެ މިއަހަރު ކުޅުނީ ގޯއާގައެވެ. ކުރިން ހޯމް އެންޑް އަވޭ އުސޫލުން ލީގުގެ މެޗުތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ފަހަރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުނީ އިންޑިޔާގެ ގޯއާގެ ތިން ސްޓޭޑިއަމެއްގައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ މެޗެއްވެސް ކުޅުނީ އާއްމުކޮށް ސަޕޯޓަރުންނަށް ހުޅުވާނުލައެވެ. އެހެންނަމަވެސް ދުނިޔޭގެ އަށްޑިހަ ދެ ގައުމެއްގައި މުބާރާތް ލައިވްކޮށް ދެއްކިއެވެ.