ads
ވީޑިއޯ ރިޕޯޓް:-
ތަހުޒީބީ ހުކުމަކަށް، ޝަރުއީ ދާއިރާ އަދި ތައްޔާރެއް ނޫން!
ރާއްޖޭގެ ޖަލުތަކުގެ ވާހަކައަކީ ދޭތެރެ ދޭތެރެއަކުން އޭތާގެ ކޮންމެވެސް ވާހަކައެއް ދެކެވެމުން އަންނަ ތަނެކެވެ. އަނެއްކާވެސް ހަމަ މި ފަދަ ވާހަކައެކެވެ. މިފަހަރު މިވާހަކަ ދެއްކެވީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ. ހަސަން ލަތީފު ވަނީ ޖަލު އަދަބު ދިނުން ހުއްޓާލާ ކަހަލަ ހުކުމްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަންގާރަ ދުވަހުގެ މަޖިލީހު ޖަލްސާގައި މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ކަނޑައެޅުމާމެދު ޖޭއެސްސީން އެދުނު އެދުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ރިޕޯޓަށް ބަހުސްކުރައްވަމުން ހަސަން ލަތީފު ވަނީ، ޖަލަށް ލުމުގެ ބަދަލުގަ މުޖުތަމައުއަށް ހިދުމަތް ކުރުމަށް އެކިއެކި މަސައްކަތްކުރުމުގެ ހުކުމް، ކޯޓުތަކުން ކުރެވިގެން ދާނެކަހަލަ ނިޒާމެއް ގާއިމުކަރަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.  

މިއާއެކު މިއީ ރާއްޖޭގައި ކުރެވިދާނެ ކަމެއްތޯ މިއީ އުފެދޭ ސުވާލެކެވެ. ރާއްޖޭގެ ގާނޫނުން އިންސާފު ހޯދުމަށް އެދި އެތައް ބައެއް ސަލާން ޖަހަމުން އަންނައިރު، މީހަކު ކުށެއް ކުރުމުން ޖަލަށް ލުމުގެ ބަދަލުގައި، އެމީހަކު ލައްވާ މުޖުތަމައުއަށް ބޭނުންތެރި މަސައްކަތެއް ކުރުމީ އެންމެ ރަނގަޅު ގޮތްތޯ ގައިމުވެސް ސުވާލު އުފެއްދިދާނެއެވެ.

ޖަލު ހުކުމެއްގެ ބަދަލުގައި "ކޮމިއުނިޓީ ސާވިސް" ހުކުމަކާއެކު ޖޫރިމަނާއެއް ދެއްކުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކުދި ކުށްތަކާއި ގުޅިގެން އަމަލު ކުރަމުން އަންނަ ކަމެކެވެ. ހަސަން ލަތީފް މިއަދު މަޖިލީހުގައި ދެއްކެވި ވާހަކައިން، އެ ބޭފުޅާ މިސާލު ނެންގެވީ މިފަދަ ސިސްޓަމަކުން ކަމަށް ދޭހަވެގެން ދިޔައެވެ. 

ބޭރުގެ އެކި ގައުމުތަކުގައި އާންމުކޮށް "ކޮމިއުނިޓީ ސާވިސް" ހުކުމެއް އިއްވަނީ ވައްކަމާއި ފޭރުމުގެ ތުހުމަތުތަކާއި، އެކި މަގުމަތީގެ އެކްސިޑެންޓުތަކާއި ގުޅިގެންނެވެ. ނަމަވެސް އެއީ އެ ކުށެއްގެ ބޮޑު ނުވަތަ ކުޑަ މިންވަރަށް ބެލުމަށްފަހު އެވެ.

ގައިމުވެސް ގާނޫނީ އިޖުރާއަތުގައި ބޮޑު ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއް ކުރާ މީހަކަށް މިފަދަ ހުކުމެއް ނީއްވާނެ އެވެ. 

ރާއްޖޭގައި މިފަދަ ސިސްޓަމެއް ގާއިމު ކުރުމުން ޖަލުތަކުގައި ތޮއްޖެހޭ މައްސަލައަށް ކޮންމެވެސް ހައްލެއް ލިބިގެންދާނެ އެވެ. ރިހާކުރު ފުޅިއެއް ވަގަށް ނެގި މީހަކަށް ހަ އަހަރުގެ ޖަލު ހުކުމެއް ކުރުމުގެ ބަދަލުގައި، އެމީހެއްގެ މައްޗަށް ޖޫރިމަނާއެއް ދެއްކުމަށްފަހު، "ކޮމިއުނިޓީ ސާވިސް" މަސައްކަތެއް ކުރަން ހުކުމް ކުރުމުން، އެމީހަކަށް ދެވިގެން ދަނީ ދިރިއުޅުމުގައި އިތުރު ފުރުސަތެކެވެ.

ނަމަވެސް ހުކުމް ކުރާ މީހާއަކީ ތަކުރާރުކޮށް އެއް ކަމަކަށް ހުކުމެއް ކުރާ މީހެއް ނަމަ، ދެން އެކަން ކުރާ ގޮތްވެސް ތަފާތުވާނެއެވެ. އެއާއެކު ސާފުވާ އެއްކަމީ، މިއީ މިކަމަށް ހާއްސަކޮށް ވަކި ގާނޫނެއް ހަދަން ޖެހޭނެ ކަމެއް ކަމެވެ. އަދި މިފަދަ ގާނޫނެއް އެކުލަވާލެވުނު ނަމަވެސް، އެއަށް އަމަލު ކުރަން ދުވަސް ނަގާނެ ކަމާއި، އޭގެ ރަނގަޅު ނަތީޖާއެއް ފެންނަށް ދުވަސް ނަގާނެކަމީ ޝައްކެއް ނެތްކަމެވެ.

ދެން އުފެދޭ ސުވާލަކީ ރާއްޖޭގައި މިފަދަ ސިސްޓަމެއް ހިނގާފާނެ ކަމުގެ ސުވާލެވެ. މިހާރުވެސް ޝަރުއީ ދާއިރާއަށް އެތައް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ސަރުކާރު ކޯލިޝަންގެ މައި ޕާޓީން، ރައްޔިތުން ޝަރުއީ ދާއިރާއަށް ކުރާ އިތުބާރު ބޮޑުވެއްޖެ ކަމަށް ތަކުރާރު ކޮށް ބުނަމުން އައި ނަމަވެސް، ރައްޔިތުންގެ ޝުއޫރުތަކުން މިއީ މުޅިން ހަގީގަތެއްތޯ އެއީ އުފެދޭ ސުވާލެކެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޖަލު ހުކުމެއް އިއްވާފައި ވީނަމަވެސް، އަދިވެސް ގޭ ބަންދުގައި ހުންނެވި ކަމާ ގުޅިގެން ހޯމަ ދުވަހު ވަނީ އިތުރު ބަހުސެއް ފެށިފައެވެ. ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ކުރި ހުކުމާއި ގުޅިގެން، އަލީ ވަހީދު ރާއްޖެއިން ފުރައިގެން ދިޔަ ދިޔުމީ، އެކަމާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ޖުޑީޝަރީ ފެއިލް ވަމުން އަންނަ ކަމެއްގެ ގޮތުގައި ސިފަކުރާ ކަމެކެވެ.

ހަސަން ލަތީފް ސިފަކޮށްދެއްވި ފަދަ ސިސްޓަމަކީ ގައިމުވެސް އޭގެ އެތައް ފައިދާއެއް ހުރި ސިސްޓަމެކެވެ. އެފަދަ ސިސްޓަމެއް ގާއިމް ކުރުމުގެ ގާބިލުކަން މިއަދު އޮތީ އެމްޑީޕީގެ އަތުގައި އެކަނި ކަމަށް ހަސަން ލަތީފު ވިދާޅުވެފައިވެއެވެ. 

ހަސަން ލަތީފު އެވިދާޅުވަނީ ތަހުޒީބީ ހުކުމްތަކެއްގެ ވާހަކައެވެ. އެފަދަ ހުކުމެއް ކުރުމަށް ޖިނާއީ އަދުލުގެ ހުރިހާ ދާއިރާއަކުން ވެސް ތަހުޒީބުކަން ދައްކަން ޖެހެއެވެ. އަދި ތަހުޒީބީ ގޮތަކަށް އަމަލުކުރަން ވެސް ޖެހެއެވެ. މުޖުތަމައުއިން ވެސް މި ތަހުޒީބީ އުސޫލުތައް ބަލައިގަންނަން ޖެހެއެވެ. 

ނަމަވެސް ރާއްޖޭގެ މުޖުތަމައުގެ މުޅި ވިސްނުމާއި، ޖިނާއީ އަދުލުގެ ނިޒާމުގެ މުއައްސަސާތައް މި ފެންވަރަށް ތަހުޒީބު ވެއްޖެކަަ ކަމަށް އަޅުގަނޑަކަށް އެއްބަސް ވެވޭކަށް ނެތެވެ. އަހަރެންގެ ނަޒަރުގައި ރާއްޖޭގެ ޝަރުއީ ދާއިރާ އަދި މިފަދަ ސިސްޓަމަކަށް ތައްޔާރެއްނޫނެވެ. ޝަރުއީ ދާއިރާގައި އިސްލާހު ކުރަން ޖެހޭ ގިނަ ކަންކަމެއް ހުރި އިރު، އެ އިސްލާހުތައް ނުކޮށް، މިފަދަ ސިސްޓަމެއް ތައާރަފް ކުރަން އުޅެފިނަމަ ގައުމު އަނދަވަޅެއްގެ ތެރެއަށް ވެއްޓި ދާނެ އެވެ. މިއީ އަހަރެން ދެކޭ ގޮތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް