ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ސަރުކާރު ނިސްބަތްވާ އެމްޑީޕީން ކެމްޕެއިން ކުރުމަށްޓަކައި ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާއިއެކު ބާއްވާ ބައްދަލުވުމުގައި މިރޭ ބައްދަލުކޮށްފައިވަނީ ރ. އަތޮޅުގެ ކައުންސިލްތަކާ އެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންނަމާދޫ ރަށު ކައުންސިލްގެ ރައީސް ހުސެއިން އަރީފް ވަނީ ރަށަށް މިވަގުތަށް ބޭނުންވާ ފަސް ކަމެއްގެ ވާހަކަ ދަންނަވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރަށަށް ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކައިން ރައީސް ހުސެއިން އަރީފްއަށް ދެންނެވުމުގެ ފުރުސަތު ލިބިފައިވަނީ އެންމެ ކަމެއްގެ ވާހަކައެވެ. އެޔަށްފަހު ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވަނީ ހުސެއިން އަރީފްގެ ވާހަކަ މެދުކަނޑާލައްވާ ކައުންސިލުން ހުށަހަޅުއްވާފައިވާ ކަރުދާސް ރައީސް ސޯލިހްއަށް ލިބިފައިވާ ކަމަށާއި އެޔަށް ބަލައި އިންނަމާދޫއާއި ބެހޭގޮތުން ޖުމުލަކޮށް އެއްޗެއް ވިދާޅުވާނެކަމަށް ވިދާޅުވެ ރައީސް ސޯލިހް އަށް ޖަވާބު ދެއްވުމަށް ފުރުސަތު ދެއްވާފައެވެ.
އެކަމަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވަނީ ސިއްހީ ދާއިރާއަށް އެ ރަށަށް ބޭނުންވާ އެމްބިއުލާންސްގެ ވާހަަކަ ކައުންސިލުން ފާހަގަކޮށްފައިވާކަން ފާހަގަކޮށް، އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިއަހަރުގެ ޖޫން މަހާ ހިސާބަށް ހުރިހާ ރަށަކަށްވެސް އެމްބިއުލާންސް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވެފައެވެ.
669 މީހުންގެ އާބާދީއެއް އޮންނަ މިރަށުގެ ޕީއެސްއައިޕީ ދަށުން 10 މިލިއަން ރުފިޔާ ހަރަދުކުރެވިފައި ވެއެވެ. އަދި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 31 ފަރާތަކަށް ފަސް ލައްކަ ތިރީސް ހަހާސް ރުފިޔާ ހަރަދުކުރެވިފައިވާއިރު އެސްއެމްއީ ލޯންގެ ގޮތުގައި ތިން ފަރާތަކަށް 2.7މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.