ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ސަރުކާރު ނިސްބަތްވާ އެމްޑީޕީން ކެމްޕެއިން ކުރުމަށްޓަކައި ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާއިއެކު ބާއްވި ބައްދަލުވުމުގައި ރޭ ބައްދަލުކޮށްފައިވަނީ ރ. އަތޮޅުގެ ކައުންސިލްތަކާ އެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރ. މިދޫ ކައުންސިލްގެ ރައީސް ގާސިމް ސައީދު ވަނީ އަނަސްގެ މަރުގެ މައްސަލާގެ ކަންބޮޑުވުން ރައީސްއާ ހިއްސާކުރައްވާ އެ މައްސަލާގެ ތަހުގީގު އަޕްޑޭޓެއް ދެއްވުމަށް އެދިފައެވެ.
އެކަމަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމުގެ އަޕްޑޭޓުތައް ލިބިފައިވާކަމަށާއި އެ މައްސަލާގައި މިހާރު ހަމައެކަނި ކުރަމުންދާ މަސައްކަތަކީ ފޮރިންސިކް އެވިޑެންސަށް ބޭރަށް ފޮނުވަންޖެހޭ ފޯނެއް ފޮނުވުމުގެ މަސައްކަތް ކަމަށެވެ. އަދި އެއަށްފަހު އަނަސްގެ މަރުގެ މައްސަލާގެ އެންމެ ފަހުގެ ރިޕޯޓް މަރު ކޮމިޝަނުން ނެރޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އަނަސްގެ މަރުގެ މައްސަލައިގެ ތަހުގީގު މިހާރު އެއްކޮށް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއިރު، އެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނުނު ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޖުވެނައިލް ކޯޓުން ވަނީ މިއަހަރުގެ ޖެނުއަރީ ތިން ވަނަ ދުވަހު ކަނޑައަޅާފައެވެ. އެ މައްސަލާގައި ހިމެނޭ ކުޑަ ކުއްޖާގެ މައްޗަށް ދައުވާކުރިއިރު އޭނާގެ އުމުރަކީ 17 އަހަރެވެ. މިހާރު އޭނައަށް 20 އަހަރު ފުރިފައިވާއިރު، އެނާގެ މައްސަލަ ޖުވެނައިލް ކޯޓުން ބަލާފައިވަނީ އެ މައްސަލަ ހުށަހެޅިއިރު އޭނާއަކީ ކުޑަ ކުއްޖެއްކަމަށް ވާތީއެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިން ބުނެފައިވަނީ އަނަސް މަރާލި މީހުންގެ މޫނު ނުފެންނަކަމަށެެވެ. އަދި ކުޑަ ކުއްޖާގެ ފަރާތުން ހުށަހެޅި ހެކިން ބުނެފައިވަނީ އެކުއްޖާ އުޅުނީ ހުޅުމާލޭގައި ޕީއެސް ކުޅެންކަމަށެވެ. މިހެންކަމުން ކޯޓުން ނިންމީ ސާބިތުކުރެވޭ މިންވަރަށް އެ ކުޑަކުއްޖާގެ މައްޗަށް ހެކި ލިބިފައިނުވާކަމަށެވެ.
މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އަނަސް ހުއްޓާ ގުރޫޕަކުން ހަމަލާދީ އޭނާ މާރާލީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރެ އެވެ. އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑރ. އިބްރާހިމް މޫމިންގެ ހެކިބަސް ވެސް އެ މައްސަލާގައި ނަގާފައިވާއިރު ޑޮކްޓަރު ވިދާޅުވީ އޭނާ އަނަސްއަށް ފަރުވާ ދޭން ފެށިއިރު، އޭޑީކޭގެ އިމެޖެންސީ ރޫމުގައި ތިބި ނަރުހުންނާއި އެހެން ޑޮކްޓަރުން ވެސް އެޓެންޑުކޮށްފައިވާ ކަމަށާއި އޭރުވެސް އަނަސްގެ އެއްވެސް ހަރަކާތް ކުރުމެއް އަދި ހަށިގަނޑުގައި ވިންދު ވެސް ނެތް ކަމަށެވެ.
އަނަސްގެ ކަރާއި މޭ މައްޗަށް ފުން ޒަހަމްތަކެއް ދީފައި ހުރި ކަމަށާއި އެގޮތުން 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ހުރި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އޭގެ ސަބަބުން ހަށިގަނޑުން ލޭ ހުސްވެ، ފުއްޕާމެއަށް ވެސް އަސަރު ކުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.