ads
ވީޑިއޯ ރިޕޯޓް-
އިމްތިހާނުގައި ބައިވެރިވުމަށް 9 ދުވަސް، ކުދިންގެ ނަތީޖާއަށް ބުރޫ ނާރާނެ ބާ؟
ނިމިދިޔަ އަހަރަކީ މުޅި ދުނިޔަށް ކަޅު އަހަރެކޭ ބުނިޔަސް އެއީ ދޮގަކަށް ނުވާނެ އެވެ. އިންޑިއާ ކަނޑުގައި މުތީއެއްހެން ވިދަ ވިދާ އޮތް ރާއްޖެއަށް ވެސް އެތައް ހީނަރުތަކަކާ ކުރިމަތިލާން ޖެހުނެވެ. އިގްތިސާދީ ގޮތުން ގައުމު އިނދަ ޖެހުނު އިރުގައި ރާއްޖޭގެ ކިޔަވާދިނުމުގެ ނިޒާމުވެސް އެފުށް މިފުށަށް ޖެހިގެން ދިޔައެވެ.

ނިމިދިޔަ އަހަރުު ކިޔެވުން ނިމޭނޭ ކަމުގެ އުންމީދުކޮށްގެން ތިބި ދަރިވަރުންގެ އިމްތިހާނުތައް ދިޔައީ ދިގުލަމުން ނެވެ. އެކި ފަހަރު އެކި ތާރީހުތަކުގައި އިމްތިހާނު ބޭވުމުމަށް ތައްޔާރުވާ ވާހަކަ އެޑިޔުކޭޝަނުން ދަރިވަރުންނަށް އަންގަމުން ދިޔައެވެ. އެކުދިންނަށް ތައްޔާރުވާނެ ވަގުތުވެސް އެހާ މަދުވެފައި އޮއްވައެވެ.

މީގެ އިތުރުން ވެސް ދަރިވަރުންގެ ކިޔެވުން ނިމިދިޔަ އަހަރު އެއްކޮށްހެން ގެން ދިޔައީ އޮންލައިންކޮށެވެ. އެކަމުގެ ސަބަބުން ވެސް ދަރިވަރުންނަށް  އިމްތިހާނަށް އެދެވޭވަރަށް ތައްޔާރުވުމުގެ ވަގުތު ވަނީ ނުލިބި ފައެވެ.

އެއީ އޮންލައިންކޮށް ކިޔަވައިދޭ އިރުގައި އިންޓަނެޓްގެ އަގު ބޮޑުވުމާއި ސްޕީޑް ލަސްވުމާއި މަދުން ނަމަވެސް އިންޓަނެޓް ކެނޑުން ވެގެންދިއައީ ރާއްޖޭގެ ކިޔަވާކުދިންނަށް ދިމާވި އެންމެބޮޑު އެއް މައްސަލަ އަށެވެ. ސެޝަންގެ މެދެއްހާ ހިސާބުން، ބައެއް ފަހަރު ފެށޭ ތަނުން ގޫގުލް މީޓް ނުވަތަ މައިކްރޯސޮފްޓް ޓީމް މެދުވެރިކޮށް މުދައްރިސުން ހުށަހަޅައިދެމުން ދިޔަ ޕްރެޒެންޓޭޝަން ލޯޑުނުވުމުގެ މައްސަލަ ދިމާވެއެވެ. އެހެންކަމުން ޓީޗަރު ކިޔަވާދެނީ ހ ތޯ ނޫނީ ށ ތޯ ގިނަ ދަރިވަރުންނަށް އޮންނަނީ ފަހުމްނުވެފައެވެ.

މީގެ އިތުރުން ސަރުކާރުން ދަރިވަރުންނަށް ކިޔެވުމުގެ ކަންކަމުގައި އެހީއަކަށް ދީފައިވާ ޓެބްލެޓް ހަލާކުވެ، އަމިއްލަ ލެޕްޓޮޕް ނުވަތަ ފޯނު ނެތުމުގެ ސަބަބުން ބައެއް ދަރިވަރުންނަށް ކްލާހަށް ހާޒިރުވުމުގައި ދަތިތަކާ ވެސް ކުދިމަތިލާން ޖެހިފައި އެބަހުއްޓެ އެވެ. 

މައިން ބަލައިންގެ ފޯނުން ކުލާސްތަކަށް ވަންނަށް ފުރުސަތު ދިން ކަމުގައި ވިޔަސް، ބައެއް ފަހަރު ކްލާސް އޮންނަ ގަޑި އާއި ބައްޕަ ނުވަތަ މަންމަ އޮފީހަށްދާ ގަޑިއާ ދިމާވެގެން ކުލާހަށް ނުވަދެވިފައި ވެސް ކުދިންނަށް ތިބެން ޖެހުނެއެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ ގެތަކުގެ މާހައުލުތަކަކީ ވަރަށް ހަލަބޮލި މާހައުލެކެވެ. އެހެން ކަމުން އޮންލައިންކޮށް ކުލާހުގައި ހުންނަ ކުއްޖާއަށް ޓީޗަރު ކިޔައިދޭ އެއްޗިއްސަށް ވުރެ ބޮޑަށް އިވެނީ ގޭތެރޭގައި ކޮންމެސް ސަކަރާތެއް ޖަހާ އަޑެވެ. ތޮއްޖެހިފައިވާ ގޭގޭގައި ގިނަ ބަޔަކު އެއްތަނެއްގައި ގިނައިރު ބަންދުވެފައި ތިބެންޖެހުމުން ވަރަށް ގިނަ ކިޔަވާކުދިންނަށް މިމައްސަލައާ ވަނީ ކުރިމަތިލާން ޖެހިފައެވެ. 

ކަންމިހެން ހުރި އިރުގައި ދަރިވަރުންގެ އިމްތިހާނުތަކަށް ބަދަލު ގެންނަނީ ވެސް ކުއްލި ކުއްލިއަކަށެވެ. އެގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެޑިޔުކޭޝަނުން މެއި ޖޫންގައި ދަރިވަރުންގެ އިމްތިހާނު ނުބާއްވާނެ ކަމަށް ބުނެފައިވެއެވެ. އެކަމަށް އެއްމަސް ވެސް ނުވަނީސް އަނެއްކާ އިއްޔެ ވަނީ މެއި ޖޫންގައި އޭލެވެލް އިމްތިހާނު ބޭއްވޭނެކަން އަންގާފައެވެ.

އިމްތިހާނު ބޭއްވުމުގެ ތާރީހަށް މިގޮތައް ބަދަލު ގެނެސްފައިވާއިރުގައި އެކުދިންނަށް އެ އިމްތިހާނުގައި ބައިވެރިވުމަށް މިވަނީ އެންމެ ނުވަ ދުވަހުގެ މުއްދަތެއް ދިފައެވެ. 

މީގެ އިތުރުން ދަރިވަރުންގެ ކިޔެވުން އެންމެ އެދެވޭގޮތަށް ގެންދެވިފައި ނުވާއިރުގައި ދަރިވަރުންނަށް ރަނގަޅަށް ފިލާވަޅުތައް ދަސްވެފައި ހުރި ތޯ އެއީ ވެސް ވިސްނާލަން ޖެހޭ ކަމެކެވެ. އެޑިޔުކޭޝަނުން ސްކޫލުތަކުން އިމްތިހާނުތަކަަށް ތައްޔާރު ކުރަމުންދާ ކަމަށް ބުނފައިވީ ނަމަވެސް ހަގީގަތް ފެނިގެން ދާނީ އޮގަސްޓު މަހުގައި ނަތީޖާ ކަރުދާސް އަތަށް އެރީމަކަން ކަށަވަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް