ads
އެލްޖީއޭގެ ބޯޑު ބައްދަލުވުން
އެލްޖީއޭއިން 3 މަޝްރޫއެއް ކައުންސިލްތަކާ ހަވާލުކޮށްފި
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން 3 ރަށެއްގައި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް އެރަށްތަކުގެ ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.

އެލްޖީއޭއިން މިއަދު ބުނީ، އެ އޮތޯރިޓީގެ ބަޖެޓުގައި ހިމެނިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕއެސްއައިޕީ މަޝްރޫއުގެ ތެރެއިން 3 މަޝްރޫއުއެއް، މިއަދު ކައުންސިލްތަކާއި ހަވާލުކުރެވިފައިވާ ކަމަށާއި، އަދި ކޮވިޑް-19 ގެ ސަބަބުން މި އެއްބަސްވުންތަކުގައި ސޮއެ ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ޒޫމް މެދުވެރިކޮށް ކަމަށެވެ. 

މިއަދު ކައުންސިލްތަކާއި ހަވާލުކުރެވުނު މަޝްރޫއުތަކަކީ، ހއ. ކެލާ މަސްމާރުކޭޓުގެ މަސައްކަތާއި، ހދ. ވައިކަރަދޫ މަސްމާރުކޭޓުގެ މަސައްކަތާއި، ބ. ފުޅަދޫ ކައުންސިލް އިދާރާގެ މަސައްކަތެވެ. 

އެ އެއްބަސްވުންތަކުގައި އެލްޖީއޭގެ ފަރާތުން ސޮއެކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ ފާތިމަތު އަފްޝަން ލަތީފް އެވެ. އަދި ކައުންސިލްތަކުގެ ފަރާތުން ސޮއެކުރެއްވީ އެ ކައުންސިލެއްގެ ރައީސް އެވެ. 

މި މަސައްކަތްތަކުގެ ތެރެއިން ވައިކަރަދޫ މާސްމާރުކޭޓުގެ މަސައްކަތަކީ، 2،500،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް 04 ޑިސެމްބަރު 2019 ވަނަ ދުވަހު ބަޔަކާ ހަވާލުކުރެވުނެވެ. ނަމަވެސް އެފަރާތުން ކައުންސިލަށް، އެންގުމަކާއި ނުލައި، އެއްވެސް މަގުބޫލު އުޒުރެއްނެތި ސައިޓުގައި މަސައްކަތް ނުކުރާތާ 28 ދުވަސްވުމާއި، އަދި މުއްދަތަށް މަސައްކަތް ނިންމާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 15 އިންސައްތަ އަށް ވުރެ އިތުރުވެފައިވާތީ އާއި، މާލިއްޔަތު ގަވައިދުގައިވާގޮތުގެ މަތީން އެގްރީމެންޓް ވަނީ ބާތިލްކުރެވިފައެވެ. 

މިހާތަނަށް އެ މަސައްކަތުގެ 24 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، ކައުންސިލުން އެމަސައްކަތް އެހެން ފަރާތަކާއި ހަވާލުކޮށްގެން އެއްކޮށް ނިންމާލެވޭނެ ކަމަށް އެލްޖީއޭއިން މައުލޫމާތުދެ އެވެ. 

މިއަދު ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރެއިން ހއ. ކެލާ މަސް މާރުކޭޓުގެ މަޝްރޫއަކީ 2،815،320 ރުފިޔާގެ މަޝްރޫއެކެވެ. އަދި ބ. ފުޅަދޫ ކައުންސިލް އިދާރާގެ މަޝްރޫއުއަކީ 3،500،000 ރުފިޔާގެ މަޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް