އިއްޔެގެ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އދ. އިން ބުނެފައި ވަނީ އެއީ މިހާތަނަށް އެންމެ ބޮޑު ލޭ އޮހޮރުވުމެއް ފެނިގެން ދިޔަ ދުވަސް ކަމަށެވެ.
އދ. އިން މިޔަންމާއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ކްރިސްޓީން ޝްރޭނާ ބާގަނާ ވިދާޅުވީ އެ ގައުމުގައި ހިނގަމުންދާ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބެމުންދާ ކަމަށެވެ.
ބީބީސީގައިވާ ގޮތުން މަންޒަރު ދުށް ފަރާތްތަކުން ވަނީ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ރަބަރު އަދި ލައިވް ބުލެޓުން ހަމަލާ ދިން ކަމަށް ބުނެފައި އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ބަގާވާތްކޮށް ވެރިކަމުގެ ބާރުތައް އަތުލާފައި ވަނީ ފެބްރުއަރީ 1 ގަ އެވެ. އޭގެ ފަހުން އެ ގައުމުގައި އަންނަނީ ބޮޑު މުޒާހަރާތަކާއި މަދަނީ ބަސްނޭހުންތައް ހިންގަމުންނެވެ.
މުޒާހަރާ ކުރާ މީހުން ގޮވަމުން ދަނީ އަސްކަރީ ވެރިކަން ނިންމުމަށާއި އިންތިހާބީ ލީޑަރު އަންގް ސަން ސޫ ކީ އާއި އެހެން އިސްވެރިން މިނިވަން ކުރުމަށެވެ.
މިޔަންމާގެ ބަގާވާތާއި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ބައިނަލްއަގްވާމީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް އަސްކަރިއްޔާއިން ފާޑުކިޔުންތަކަށް ދީފައި ވަނީ ބީރު ކަންފަތެކެވެ.
އިއްޔެ މުޒާހަރާގެ ތެރެއިން 38 މީހުން މަރުވުމާއެކު އިނގިރޭސިވިލާތުން ވަނީ ހުކުރު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާފަ އެވެ.
އޭގެ އިތުރުން އެމެރިކާއިން ބުނެފައި ވަނީ މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް އިތުރު ދަތި ކުރުމުގެ ފިޔަވަޅު އެޅުމާ މެދު ވިސްނަމުންދާ ކަމަށެވެ.