ads
ބީއެމްއެލް ---
ބީއެމްއެލްގެ ރިކަވަރީ ލޯނު ސްކީމަށް ފައިސާ ދެއްކުން ހަ މަހަށް ފަސްކުރަނީ
ކޮވިޑް-19 ގެ ހާލާތާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ރިކަވަރީ ލޯނު ދެއްކުމުގެ މުއްދަތު ހަ މަހަށް ފަސްކޮށްދީފި އެވެ.

ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް 6 މަހުގެ މުއްދަތަކަށް އިތުރުކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރިކަވަރީ ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ކުންފުނިތަކަށް ވެސް އިތުރު 6 މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށް، ޖުމްލަ 12 މަހުގެ ގްރޭސްޕީރިއަޑްއަކަށް އެދުމުގެ ފުރުސަތު އޮންނާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

އަދި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ލޯން އިވެލުއޭޓްކުރުމުގައި އެ މިނިސްޓްރީންނާއި ބީއެމްއެލްއިން ގެންގުޅެފައިވާ މިންގަނޑުތަކަށް ބަލާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ގްރޭސް ޕީރިއަޑް ހަމަވުމުގެ 30 ދުވަސް ކުރިން ބީއެމްއެލްއަށް އީމެއިލް މެދުވެރިކޮށް އަންގަންޖެހޭ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި ލޯން ސްކީމްގެ ދަށުން ލިބޭ ހަ މަހުގެ ގްރޭސް ޕީރިއަޑް ހަމަވެފައި، ނުވަތަ 30 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ވެފައިވާނަމަ، އޭޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ކުރިން ބީއެމްއެލްއަށް ޕީރިއަޑް އިތުރުކުރުމަށް އެދި އީމެއިލް ކުރެވޭނެ އެވެ.

ރިކަވަރީ ލޯނު ސްކީމަކީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަރުކާރުން ތައާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.

އަދި އެ ސްކީމްގެ ދަށުން ބީއެމްއެލްއިން މިހާތަނަށް 419 ކުންފުންޏަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އެއީ މުޅި ޖުމްލަ 585.9 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރެވެ.

އެ ސްކީމަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ފޯރުކޮށްދީ، މި ދަތި ދަނޑިވަޅުން އިގުތިސާދު އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ފެށިފައިވާ ސްކީމަކަށް ވެފައި، ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ އެ މިނިސްޓްރީގެ މަގުސަދެއްކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް