
އެ ނިންމުން ނިންމި ފަހުން، ބައްދަލުކުރި ފުރަތަމަ ހުކުރުގައި މިވަނީ ހުކުރު ނަމާދު ވެސް ގައިދުރުކަމާއެކު ކޮށްފަ އެވެ. ޓީވީތަކުން ވެސް ލައިވްކުރި މި ހުކުރު ނަމާދުގެ މަންޒަރުތަކުން ފެންނަ ގޮތުގައި ދެ މީހުންގެ ދެމެދުގައި ހުރީ ގާތްގަނޑަކަށް ދެ ވަރަކަށް ފޫޓުގެ ދުރު މިނެކެވެ.
ހުކުރު ދުވަހަކީ އާންމުކޮށް ވެސް މާލޭގެ މިސްކިތްތައް ފުރި މަގުމަތީގައި ވެސް މީހުން މިސްކިތުގެ ސަފާ ގުޅިގެން ނަމާދުކުރާ ދުވަހެކެވެ. މިއަދު ގައިދުރުކަމެއް ބެހެއްޓި ނަމަވެސް މާބޮޑަށް އެކަން ފާހަގަނުކުރެވޭތީ މި ފިޔަވަޅުން ހަމަ ހަގީގަތުގައި ވެސް ކޮވިޑުން ރައްކާތެރިވެވޭނެތޯ؟ ސުވާލު އުފެދެ އެވެ.
މާލޭގައި ހުކުރު ދުވަސް ދުވަހު މަގުމަތީގައި ވެސް ސަފު ހަދަން ޖެެހެއެވެ. ނަމަވެސް މިއަދު ގައިދުކަމާއެކު ހުކުރު ކުރަން އަންގާފައި އޮތް ނަމަވެސް، މަގުމަތީގައި ވެސް އޮތީ ތޮއްޖެހިފައެވެ.
ގައިދުރުކަމާއެކު ކުރެވުން ހުކުރު ނަމާދުގެ ތެރެއިން--
ދެ މީހުންގެ ދެމެދުގައި ގައިދުރުކަމެއް ބަހައްޓައިގެން މިއަދު ރާއްޖޭގައި ހުކުރު ނަމާދުކުރިއިރު ގައިދުރުކަމާއެކު މައްކާގެ ހަރަމްފުޅުގައި ނަމާދުކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. އެތަނުގައި ދެ މީހުންގެ މެދުގައި ފަސް ވަރަކަށް ފޫޓުގެ ދުރު މިނެއް ބަހައްޓަ އެވެ. މިހެންކަމުން، ބަލާލަން ވެސް ފަސޭހަ، އެވެ. އަދި މިއީ ހަގީގަތުގައި ވެސް ބަލިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅެކޭ ބުނެވެން އެބަ އޮތެވެ.
ހަރަމްފުޅުގައި ގައިދުރުކަމާއެކު ނަމާދުކުރުން--
ރާއްޖޭގައި އެގޮތަށް އަމަލުކުރަން ނިންމާ، އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއްވާފައިވާތީ، ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިމަހުގެ އެއްވަނަ ދުވަހު މެންދުރުގެ ނަމާދުން ފެށިގެން ކޮވިޑްގެ މިހާލަތުން ލުޔެއް ލިބެންދެން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ގައިދުރުކަމާއެކު ކަމަށެވެ.
އެގޮތަށް ނިންމީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމަކަށްވުމާއި، މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައި ގައިދުރުކަމާއި އެކު ނަމާދުގެ ޖަމާއަތް، ހެދުންކަމަށް ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދީފައިވާތީ ކަމަށް ވެސް ބުނެ އެވެ.
އަދި ހާލަތު ރަނގަޅުވާން ފެށުމާއެކު ކުރިއެކޭ އެއްގޮތަށް ޖަމާއަތުގައި ނަމާދު ގާއިމު ކުރެވިގެންދާނެ ކަމަށް ވެސް ބުނެ އެވެ.
އެކަމަކު ގައިދުރުކަމާއެކު ނަމާދު ކުރުމަށް ނިންމުމާއެކު އިސްލާމިކް މިނިސްޓްރީން އިމާމުންނަށް އަންގާފައި ވަނީ ބަންގިއަށް ފަހު 5 މިނިޓު ތެރޭގައި ގަމަތްދީ ނަމާދު ފެށުމަށާއި އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުމަށާއި ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށެވެ.