ads
ވީޑިއޯ ރިޕޯޓް
ޑޮލަރުގެ އަގު ވެއްޓުނަސް ތަކެތީގެ އަގު ހެވެއް ނުވި!
ޑޮލަރުގެ އަގުތަކަކީ އެއް ހަމައެއްގައި ބެހެއްޓުމަށް އުނދަގޫ އެއްޗެކެވެ. މިފަހުން ޑޮލަރުގެ އަގުތައް ކަޅު ބާޒާރުގައި 19 ރުފިޔާއަށް ވުރެވެސް މަތިވެގެން ވަނީ ގޮސްފައެވެ. އެފަހުން އަނެއްކާވެސް މިވަނީ މި އަދަދު 16 އަށް ދަށްވެފައެވެ.

ރާއްޖޭގެ އިގްތިސާދުގައި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ވަނީ 2011 ވަނަ އަހަރުން ފެށިގެން، ކޮންމެ އެމެރިކާ ޑޮލަރަކަށް 10.28 އާއި 15.42 އާއި ދެމެދުގެ ބޭންޑެއްގައި 'ފިކްސް' ކުރެވިފައެވެ. އެހެންނަމަވެސް އެއަދަދުތައް މިފަހަކުން އައިސް މަތިވެފައިވަނީ ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބުނު ހީނަރުކަމާއިއެކުއެވެ. 

ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް އަދި ފިނޭންސް މިނިސްްޓްރީންވެސް ވަނީ ހާމަކުރައްވާފައެވެ.

ނަމަވެސް އަދަދުތައް އެއް ހަމައެއްގައި ނުހިފެހެއްޓި ޑޮލަރުގެ މުއާމަލާތް ރާއްޖޭގައި އަދިވެސް ދަނީ ކުރެވެމުންނެވެ. މިހާރު  މިއަދަދު 16 ގެ ރޭޓަކަށް ވެއްޓިފައިވާއިރު، ޑޮލަރުގެ މުއާމަލާތްތައް ރާއްޖޭގައި އެންމެ ގަދައަށް ކުރެވޭ އެއް ޕްލެޓް ފޯމަކީ މިކަމަށް ހާއްސަކުރެވިގެން ހިންގާ ވައިބާ ގުރޫޕްތަކެވެ. މި ގުރޫޕްތަކުގައި އިއްޔެ ޑޮލަރު ގަންނަން ފަށާފައިވަނީ 16.20 ރުފިޔާގެ ޜޭޓުގައެވެ. އަދި ކަޅު ބާޒާރުގައި މި އަދަދު 16.35 އަކުން 16.25 އަށް ވެއްޓިގެން ދިޔައިރު ގަވާއިދާއި އެއްގޮތަށް ހުއްދަތައް ނަގައިގެން މިކަންކުރާ ފަރާތްތަކުން އަދިވެސް ޑޮލަރުގެ ރޭޓު 18ގައި ހިފަހައްޓާފައި އެބަހުއްޓެވެ. 

ރަސްމީ ރޭޓު ކަމަށްވާ  15.42 އަށް ވުރެ އަގުބޮޑުކޮށް ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރެވެމުން އައި ދުވަސްވަރު މިއަދަދުތައް 19 އާއި 20 ގައި ވެސް ހުއްޓެވެ. ކުރިން ފާހަގަކުރި ގޮތަށް އެކަން އެހެންވެގެން ދިޔައީ ކޮވިޑްގެ ސަބަބުން އިގްތިސާދަށް އައި ލޮޅުމުގެ ސަބަބުންނެވެ. 

މިހާރު ރާއްޖޭގެ ޑޮލަރުގެ ރޭޓަށް އެންމެ ބޮޑު ހީނަރުކަމެއް ލިބުނު އެެއް ސިނާއަތު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުން ބޮޑެތި ކުރިއެރުންތަކެއް ލިބި އިގްތިސާދު ދަނީ ކުޑަކޮން ހަމައަކަށް އެޅެމުންނެވެ. އެހެންކަމުން ޑޮލަރުގެ ރޭޓު ކަޅު ބާޒާރުގައި ދަށްވާން ފެށީކަމަށް ބެލެވިދާނެއެވެ. 

ޑޮލަރުގެ އެކްސްޖޭންޖް ރޭޓުގެ އަގުތައް އެއް ހަމައެއްގައި ބެހެއްޓުން އެންމެ ބޮޑަށް މުހިންމުވަނީ އެކަމުގެ ސަބަބުން ދެކޮޅުންވެސް ފައިދާއެއް ނެތި ގެއްލުންވާތީއެވެ. 

މިކަން ފާހަގަކޮށް އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ވިދާޅުވީ، ބްލެކް މާކެޓްގައި ޑޮލަރުގެ އަގު 20 އަށް އެރުމުން މުދަލުން އަގުތައް ބޮޑުކުރަން ވިޔަފާރިވެރިންނަށް މަޖުބޫރުވި ކަމަށެވެ. އެހެންކަމުން މިހާރު އެ ރޭޓު 16 އަށް ވެއްޓުމުން ދެން ވާނީ ކިހިނެތްތޯ އާތިފު ވަނީ ސުވާލު އުފައްދާފައެވެ. 

އުސޫލެއްގެ ގޮތުން ދެން ވާންޖެހޭނެ ގޮތަކީ މުދަލުގެ އަގުތައް ދަށް ވުމެވެ. ދެން އޮތް ސުވާލަކީ އެކަން އެހެން ވޭތޯ ކުރެވޭ ސުވާލެވެ. މިކަމުގައި އެކި މީހުންގެ ހިޔާލު ތަފާތެވެ. އެއްބަޔަކު ބުނަނީ އަގުތިރިކުރެވޭނީ، އަގުބޮޑުކޮށް ހެދި ޝިޕްމެންޓްތައް މާލެ އައިސް އަލުން 16 ގެ ރޭޓިން ހަދާ ޝިޕްމެންޓްތައް އައިސްގެން ކަމަށެވެ. 

"މިރޭ ވަދެވުން ފިހާރައެއްގައި ކުނިވެ ހަލާކުވާން ފަށާފައިހުރި ކުދި އާފަލު 4 ރުފިޔާއަށް. ރީތި ތާޒާ އެއްޗެއް 6 ރުފިޔާއަށް. ކުރިން 100 ރުފިޔާއަށް ގަންނަ މާމުއި ފުޅިއެއް 120އަށް.. ހަމަ ޑޮލަރުގެ މައްސަލަ އޯ މި އަގުތައް ދެން ދުވަހަކުވެސް ތިރިވެދާހެން ހިޔެއްނުވޭ. މޯޑިސްތާނުގައި އިގްތިސާދީ ނިޒާމަކީ ނުވަތަށް ހިނގާ އެއްޗެއް. " މިއީވެސް މިކަމުގައި ބައެއް ބޭފުޅުންގެ ހިޔާލެވެ.

އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު އާރިފް ވިދާޅުވަނީ،  އަގަކީ ހިތުހުރިގޮތަކަށް ގެންގުޅޭ އެއްޗެއް ނޫން ކަމަށެވެ. އައިޓަމަކުން މާ ބޮޑު ފައިދާއެއް ނަގަން އުޅޭނަމަ ޕެރަރަލް އިމްޕޯޓް ކުރާނެ ކަމަށެވެ. އަދި އަގުތައް ޑޮލަރު ދަށަށް ދާ ވަރަކަށް ދާނީ ދަށްވަމުން ކަމަށް އާރިފް ވިދާޅުވިއެވެ. އޭގެ އިތުރުން ރައީސް މައުމޫންގެ ވެރިކަމުގައި ކެބިނެޓްގައި ގިނަ ދުވަސްތަކަކަށް މަސައްކަތް ކުރެއްވި އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން ވިދާޅުވަނީ ވާދަވެރިކަމެއް އުފެދިގެން ނޫނީ އަގުތައް ތިރިއެއް ނުވާނެ ކަމަށް ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖޭގައި "ރިވާސް ސިސްޓަމް" މިއީ ހިނގާ ނިޒާމެއް ނޫނެވެ. މިސާލަކަަށް ޑޮލަރުގެ ރޭޓު ބޮޑުވާކަމުގައި ވާނަމަ އާތިފް ޝަކޫރު ވިދާޅުވި ގޮތަށް ވިޔަފާރިވެރިންނަށް އަގުތައް ބޮޑުކުރަން މަޖުބޫރު ވާކަމަށް ބުނެ އަގުތައް އިންތިހާއަށް ބޮޑުކުރެއެވެ. އެހެން ނަމަވެސް މި އަގުތައް ދަށްވުމުން އުސޫލެއްގެ ގޮތުން ދަށްވާންޖެހޭ މުދަލުގެ އަގުތަށް ދަށްވާތަނެއް ނުފެނެއެވެ. އަދި އަގަށް މާ ބޮޑު ބަދަލެއްވެސް ނާދެއެވެ. 

ކޮންމެއަކަސް، ގައުމަށް ވަންނަ ފައިސާގެ އަދަދު މަދުވުމުން، އެކްސްޗޭންޖް ރޭޓަށް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. ހަމަމިއާއިއެކު ރުފިޔާ ދައުރުވާ މިންވަރު އިތުރުވުމަކީވެސް ޑޮލަރުގެ އަގު ބޮޑުވެގެންދާކަމެކެވެ. މިއާ އެކު ބާޒާރުގައި ތަކެތީގެ އަގުތައްވެސް މައްޗަށްދެއެވެ. އަދިހަމަ އެގޮތަށް ރުފިޔާ ދައުރުވާ މިންވަރު ދަށްވުމުން ބާޒާރުގައި ތަކެތީގެ އަގުތައް ދަށްވާންވެސް ޖެހެއެވެ. އެހެން ނަަމަވެސް އެކަން އެހެން ވެގެން ދާތަނެއް ނުފެނެއެވެ. 

އެހެންކަމުން މިއީ އެއްކޮޅަށް ފައިދާވާއިރު އަނެއްކޮޅަށް ގެއްލުންވާ ޒާތުގެ ވިޔަފާރީއެެކެވެ. މިކަމަށް އޮތް ހައްލަކީ ޑޮލަރެއްގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމެވެ. އެކަމަށް ކަނޑައަޅާފައިއޮތް ރަސްމީ ރޭޓަކީ 15.42 އަކަށް ވީއިރު ސަރުކާރުގެ އަމާޒަކީ ޑޮލަރެއްގެ އަގު އެ ރޭޓުގައި ހިފެހެއްޓުންކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ބައެއް ބަދަލުތައް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ވާހަކަ އާއި ކެބިނެޓަށް އެކަންތައްތައް ހުށަހަޅައި އެންޑޯސްމަންޓް ލިބިފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

މިކަމަށް ހައްލު ނުލިބޭ އެއްމެ ބޮޑު އެއް ސަބަބަކީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ރުފިޔާ ޗާޕް ޖަހައިގެން ނެރޭ ނެރުމެވެ. މިއީ ރާއްޖެ ފަދަ އިގްތިސާދެއްގައި ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ. ރުފިޔާގެ މިންވަރު އިތުރުވުމުން، އިގްތިސާދު ތެރޭގައި މީހުން ހަރަދުތައް ކުރާނެއެވެ. މިއާއިއެކު، އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކުން، އިމްޕޯޓް ކުރާ މިންވަރު އިތުރުވެ، ޑޮލަރުގެ ޑިމާންޑް އިތުރުވެގެންދާނެއެވެ. މިހެންކަމުން، ޑޮލަރުގެ މައްސަލައަކީ ހެދޭ ގާނޫނަކުން ނުވަތަ ގަވައިދަކުން އެކަނި ހައްލުކުރެވޭނެކަމެއް ނޫނެވެ.

ޑޮލަރުގެ މައްސަލައަށް އޮތް ހައްލަކީ މާކެޓުން ހަލަތާއި ވަގުތައް ފެތޭހެން އަންނާނޭ ހައްލެކެވެ. ޑޮލަރުގެ ޑިމާންޑާއި، ޑޮލަރުގެ ސަޕްލައިގެ މައްޗަށް ބިނާވެފައިވާ ހައްލެކެވެ. ޑޮލަރުގެ ޑިމާންޑް ދަށްކުރެވޭނީ ހަރަދުތައް ދަށްކުރެވި، ރުފިޔާގެ މިންވަރުވެސް ދަށްކުރެވިގެންނެވެ. 

އަދި ބަދަލުވަމުންދާ ޑޮލަރުގެ ރޭޓުތަކާއި އެއް ހަަމައެއްގައި ބާޒާރުގެ އަގު ހިފެހެއްޓުމަށް ރިވާސް ސިސްޓަމްގެ ބޭނުން މުހިންމެވެ. މާނައަކީ ބަދަލުވަމުންދާ ރޭޓުތަކާއި އެއްވަރަށް ބާޒާރުގައި ތަކެތީގެ އަގުވެސް އެއް ހަމައެއްގައި ހިފެހެއްޓުން މުހިންމު ވާހަކައެވެ. އެކަން އެގޮތައް ކުރެވޭނީ ޑޮލަރުގެ ރޭޓު ބޮޑުވާހިނދު އުފުލޭ ތަކެތީގެ އަގުތައް ހަމައެބީދައިން އެ ރޭޓު ދަށްވާހިނދު ވެސް އިހްލާސްތެރިކަމާއިއެކު ދަށްކޮށްގެންނެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް