ads
މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު އާދަމް)
މާލެއިން އެންމެ ފުރަތަމަ ފްލެޓް ދޭން ޖެހޭނީ މާލޭ މީހުންނަށް: އާދަމް މަނިކު
ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވެހިކަމުގެ ޕްރޮގްރާމުތަކުގެ ދަށުން ދޫކުރާ ފްލެޓްތައް ފުރަތަމަ ދޭންޖެހޭނީ މާލޭގެ ރައްޔިތުންނަށް އިސްކަންދީގެން ކަމަށާއި އެއީ މާލެއަކީ މާލޭ މީހުންގެ ތަނަކަށް ވުމުން ކަމަށް މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު އާދަމް) ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވެހިކަމުގެ ޕްރޮގްރާމުތަކުގެ ދަށުން ދޫކުރާ ފްލެޓްތައް ފުރަތަމަ ދޭންޖެހޭނީ މާލޭގެ ރައްޔިތުންނަށް އިސްކަންދީގެން ކަމަށާއި އެއީ މާލެއަކީ މާލޭ މީހުންގެ ތަނަކަށް ވުމުން ކަމަށް މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު އާދަމް) ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ އާދަމް މަނިކު މިހެން ވިދާޅުވީ ސީއެންއެމްގެ އިތުރުކާފް ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުންނެވެ.

އެމްޑީޕީގެ ޓިކެޓް ހޯދުމަށްޓަކައި އާދަމް މަނިކު މިހާރު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ވެސް ހުށަހަޅުއްވާފަ އެވެ.

އާދަމް މަނިކު ވިދާޅުވީ މާލޭގެ ވާހަކަދައްކާއިރު މާލޭގެ ރައްޔިތުން މިއަދު ދިރިއުޅެން ޖެހޭ ނިކަމެތި ހާލަތުގެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އެއީ މާލޭގެ ރައްޔިތުން މާލޭގައި ދިރިއުޅެން ޖެހޭނެ ހާލަތު ނޫން ކަން ފާހަގަކުރައްވަމުން އާދަމް މަނިކު ވިދާޅުވީ މާލޭގެ ގިނަ އާއިލާތައް ދިރިއުޅެނީ މައިންބަފައިންނާއި ދަރިންނާއި އެމީހުންގެ ދަރިން އެއް ކޮޓަރީގައި ކަމަށެވެ. މިކަމުގެ ސަބަބުން މާލޭގެ އެތައް ރައްޔިތަކު މަގުމަތިވެ، މާލޭގައި ހައްލުކުރަން އުދަގޫ އިޖުތިމާއީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

''މާލެއަކީ މާލޭ މީހުންގެ ތަނެއް. މާލޭ މީހުންނަށް ފުރަތަމަ ފުލެޓް ދޭން ވާނީ. ރަނގަޅު މާލެއަކީ މުޅި ރާއްޖޭގައި ވެރިކަން ކުރާ ރަށް. އެކަމަކު މާލޭ މީހުންނަށްވެސް ނިދާލައިގެން ކާލައިގެން ބޯލައިގެން އުޅެވިގެން ނޫންތޯ ރާއްޖެ ތެރެއިން މާލެއަށް އަންނަ މީހަކަށްވެސް މިތަނުގައި އުޅެވޭނީ. މާލޭގެ ހަގީގީ މީހުން އެންމެ ކޮޓަރިއެއްގެ ތެރޭގައި މުޅި އާއިލާ އެބަ ދިރިއުޅޭ،" އާދަމް މަނިކުގެ ހިޔާލު ހުރި ގޮތް ހާމަކުރެއްވި އެވެ.

އާދަމް މަނިކު ވިދާޅުވީ ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަކި އިދާރާއެއްގައި ވަކި ކަހަލަ ވަޒީފާއެއްގެ އުޅޭތީވެ އިދާރީ ގޮތުން މާލޭގެ ބިމަކުން މާލޭ ރައްޔިތަކަށް ނުލިބޭ ފްލެޓެއް އެހެން މީހަކަށް ލިބިގެން ނުވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަކި ވަޒީފާތަކެއްގައި އުޅުއްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ފްލެޓްތަކެއް އަޅާފައިވާ ކަން ފާހަގަކުރައްވަމުން އާދަމް މަނިކު ވިދާޅުވީ އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ އާންމު އުސޫލެއް ނޫން ކަމަށެވެ.

"މިތަންތަނުގައި [ފްލެޓްތަކުގައި] މިއުޅެނީ ސީދާ 100 ޕަސެންޓް މާލޭ މީހުންނެއް ނޫން. އެމީހުންނަށްވެސް ފުލެޓް ދޭން ޖެހޭނެ. ލިބެންވެސް ވާނެ. އެކަމަކު އެމީހަކު ވަޒީފާ އަދާކުރާ ތަނަކުން އެމީހަކަށް ބޯހިޔާވަހިކަން ދޭންޖެހޭނެ ކަމަކަށް ނުދެކެން،'' އާދަމް މަނިކު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތުން ކަމަށްވާތީ މިމައްސަލަ ހައްލުކޮށް މާލޭގެ މައްސަލަތައް ހައްލުކުރަންޖެހޭ ކަމަށްވެސް އާދަމް މަނިކު ވިދާޅުވި އެވެ. މާލޭގެ މޭޔަރު ކަން ލިބިވަޑައިގެންފިނަމަ މާލޭގެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށާއި އެކަން ކުރުމުގެ ތަޖުރިބާ އޭނާގެ ކިބައިގައި ހުންނާނެ ކަމުގައިވެސް އާދަމް މަނިކު ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭ މާލޭ މީހުންނާއި އަތޮޅު ތެރޭގެ ރައްޔިތުންނާ އަދި ބިދޭސީންނާ އެކު މާލޭގައި ގާތްގަނޑަކަށް ތިންލައްކަ ވަރަކަށް މީހުން ދިރިއުޅޭނެ ކަމަށް ބެލެވޭ ކަމަށްވެސް އާދަމް މަނިކު ވަނީ ވިދާޅުވެފަ އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ސަރަނގު އާދަމް މަނިކުގެ އިތުރުން މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި، ސިޓީ ކައުންސިލްގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ އަހްމަދު ނިޔާޒާއި، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އެމްޑީޕީގެ އާންމު މެންބަރެއް ކަމުގައިވާ އިބްރާހިމް ރަޝީދު (ބްރޯ) އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް