ads
އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން-- ފޮޓޯ: އޭޕީ
ޗައިނާއިން މުސްލިމުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ތެދުވުމަށް އެމެރިކާއިން ގޮވާލައިފި
ޗައިނާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުން ހިންގާ އަމަލުތަކާ ދެކޮޅަށް އަޑު އުފުލާނެ ބައިވެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ އާ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ޗައިނާގެ ޝިންޖިއާންގައި އުޅޭ މުސްލިމުންނާ ދެކޮޅަށް އެ ގައުމުން ހިންގަމުން ދަނީ ލާއިންސާނީ އަމަލުތަކެކެވެ. 

އެ އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާއިން ތައްޔާރު ވާން ޖެހޭ ކަމަށާއި އެކަމަށް ތާއީދު ކުރާނެ ބައިވެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބައިޑެންގެ ސަރުކާރުން ވަނީ ބުނެފަ އެވެ. 

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ނެޑް ޕްރައިސް އިއްޔެ ވިދާޅުވީ ޝިންޖިއާންގައި ހިނގަމުންދާ ކަންކަމާ މެދު ދުނިޔެއިން އަމަލު ކުރާ ގޮތާ މެދު އެއްވެސް މީހަކު ހިތްހަމަނުޖެހޭ ކަމަށެވެ.

އެމެރިކާއިން އިސްނަގައިގެން އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ގްރޫޕެއް އެކުލަވާލަނީ އެހެންވެ ކަމަށާއި ޗައިނާގެ އަމަލުތަކަކީ މައްސަލައެއް ނޫން ކަމަށް ދެކެވިފައި އޮތް ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ވޮޗް އިން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓެއްގައި ބުނީ ކުދިކުދި ތުހުމަތުތަކުގައި ވެސް ޝިންޖިއާންގެ މުސްލިމުންނަށް ދިގު ޖަލު ހުކުމްތައް އިއްވަމުންދާ ކަމަށެވެ. 

އޭގެ އިތުރުން ގާނޫނާ ހިލާފަށް މުސްލިމުން ހައްޔަރުކޮށް، ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިނުމާއި ގަދަކަމުން ބުރަ މަސައްކަތް ކުރުވުން ފަދަ ކަންކަން ކުރަމުންދާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ މިޝޭލް ބެޝެލެޓް މިދިޔަ ހަފްތާގައި ވިދާޅުވީ އެ ތުހުމަތުތައް ބެލުމަށް މިނިވަން ތަހުގީގެއް ކުރަން ޖެހޭނެ ކަމަށެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވެސް ބުނީ ޗައިނާ ސަރުކާރުން ދަނީ ލާއިންސާނީ އަމަލުތައް ހިންގަމުން ކަމަށާއި މިލިއަނަކަށް ވުރެ ގިނަ މީހުން ކޭމްޕުތަކުގައި ހައްޔަރުކޮށް އަނިޔާދީ، ގަދަކަމުން މަސައްކަތް ކުރުވާ، އަޅުކަން ކުރުން މަނާކޮށް ހަދަމުންދާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް