ސުނާމީގައި ރަށުގައި ގާއިމްކޮށްފައިވާ އެތައް ވަސީލަތްތަކެއް ހަލާކުވެފައިވާއިރު، ރަށުގެ މަގުތައް އަލިކުރުމަށް ޖަހާފައިވާ ބައްތިތައް ވެސް ހަލާކުވެގެން ދިޔަ އެވެ.
ކޮޅުފުށި 17 އަހަރުގެ އަނދިރި ކަމެއްގެ ތެރޭގައި އޮތުމަށްފަހު ނިމިދިޔަ އަހަރު ރަށުގެ މަގުތައް ވަނީ އަލިވެ އުޖާލާވެގެން ގޮސްފަ އެވެ. ރަށުގެ މަގުތައް އަނދިރިކަމުން ރޭގަނޑު ގަޑީގައި ގިނަ ރައްޔިތުން ނިކުތުމަށް ގަންނަ ބިރަށް ވަނީ ދާއިމީ ހައްލެއް ލިބިފަ އެވެ.
އެރަށުގެ ކައުންސިލުން އިސްނަގައިގެން ރައްޔިތުންގެ އެންމެ ބޮޑު އެދުމެއްކަމައްވާ، ރަށުގެ މަގުތަކުގެ އަނދިރިކަމަށް ހައްލެއް ގެނެސްދިނުމުގެ މަސައްކަތުގެ ތެރެއިން އެކި ފަރާތްތަކަގެ ކައިރީގައި އާދޭސްކޮށް ދަންނަވަމުން ދިޔައެވެ.
އެ މަސައްކަތުގެ ދަށުން އިންޑިއަން ހައި ކޮމިޝަނަށް އެހީއަކަށް އެދިލެއްވުމުން އެ ކޮމިޝަނުން ވަނީ އުފަލާއެކު އެހީވުމަށް އެއްބަސްވެފައެވެ. ނަމަވެސް ފޮރިން އެފެޔާޒުގެ ހުއްދަ އެކަމަށް ބޭނުންވާ ކަމަށް އެ ކޮމިޝަނުން އެންގި އެވެ.
އެހެންކަމުން ރައްޔިތުންގެ އެދިލުން އަވަހަށް ފުއްދާދިނުމަށްޓަކައި ކައުންސިންގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކޮށް އެ މަސައްކަތް ކުރުމަށް އިންޑިއަން ހައި ކޮމިޝަނަށް ހުއްދަ ދިނުމަށް އެދިލެއްވި އެވެ. ފޮރިން މިނިސްޓަރު އެކަމަށް ހުއްދަ ދެއްވާ ރައީސް ސޯލިހުގެ އެދިލެއްވުމުގެ މަތިން އެރަށުގައި ބައްތި ޖެހުމަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކައުންސިލާ ހަވާލުކުރި އެވެ.
ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް ވިދާޅުވީ ބައްތި ޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ ހުސް ރަށުގެ މީހުން ކަމަށެވެ. އަދި އެ މަސައްކަތް ނިމިދިޔަ އަހަރު ކޮވިޑްގެ ހާލަތުގައި މަޑުޖެހިގެން ދިޔަ ނަމަވެސް، ދެމަސް ދުވަހުގެ ތެރޭގައި ނިންމާލެވިފައިވާ ކަމަށާއި، އަދި ރަށުގެ ބައްތިތައް 2020 ވަނަ އަހަރުގެ ރޯދަ މަހުގައި ވަނީ ފޮރިން މިނިސްޓްރީގެ ހުއްދައާ އެކުގައި ދިއްލާފައި ކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.
އެރަށުގައި 115 ބައްތި މިހާރު ޖެހާފައިވާނެ ކަމަށާއި މީހުން ދިރިއުޅޭ އެއްވެސް މަގެއް މިހާރު ރޭގަނޑު ގަޑީގައި އަނދިރިކޮށް ނޯންނާނެ ކަމަށް ވެސް ޝާމިލް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ގާތްގަނޑަކަށް، ރަށުގައި ކަނޑާފައިވާ ހުރިހާ މަގެއް އަލި ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މަސައްކަތްކޮށް ނިމިފައިވާއިރު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރައްޔިތުންގެ އުންމީދު މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ފުރިހަމަ ކުރެވުން ކަމަށް ވެސް ޝާމިލް ފާހަކުރެއްވި އެވެ. އަދި މިހާރު ބައްތިތަކުން ރަށުތެރެ އަލިވެފައިވުމުގެ ސަބަބުން މީހުންނަށް އެކަނި، ތަންތަނަށް ދިއުމަށް ފަސޭހަވެފައިވާ ކަމަށާއި، ރަށުގައި މީހުންގެ މުދަލަށް ގެއްލުން ދިނުމާއި ވައްކަން ކުރުން ފަދަ ކުށްތައް ވެސް މަދުވެފައިވާކަން ޝާމިލް ވިދާޅުވި އެވެ.
މީގެ އިތުރުން ރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަގުމަތީގައި ތިބުން ވެސް ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށް ޝާމިލް ފާހަގަކުރެއްވި އެވެ.
ކޮޅުފުށީގައި އެތައް އަހަރުތަކެއް ވަންދެން އޮތް އަނދިރި މަގުތަކަށް އުޖާލާކަން ގެނެސްދިނުމަށް އިންޑިއާ ހައި ކޮމިޝަނާއި، ފޮރިން މިނިސްޓަރު އަބްދުުﷲ ޝާހިދުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވި އެއްބާރުލުން ފާހަގަކުރަމުން ޝާމިލް ވަނީ އެ ފަރާތްތަކަށް ކޮޅުފުށީ ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވާފަ އެވެ.
އަދި މިހާރު އިންޑިއާ ސަރުކާރުގެ ފަރާތުން ޔޫތް މިނިސްޓްރީން އަތޮޅުތެރޭ ރަށްރަށުގައި އަޅަމުންދާ ޕާކްތަކުގެ ތެރެއިން ޕާކެއް އެޅުމުގެ މަސައްކަތް މިހާރު ކޮޅުފުށީގައި ކުރަމުންދާ ކަމަށް ވެސް ޝާމިލް ފާހަގަކުރެއްވި އެވެ. އަދި އިންޑިއާއިން ކޮޅުފުއްޓާއި ބާއްވާ ގާތްކަމަށް ވަރަށް ހާއްސްކޮށް ޝުކުރު ދަށްނަވާ ކަމަށް ވެސް ޝާމިލް ވިދާޅުވި އެވެ.