ads
ގާޒާގައި ފަލަސްތީނު ކުޑަކުދިންތަކެއް-- ފޮޓޯ: ފްލޭޝް90
އިޒްރޭލުން ފަލަސްތީނު މީހުންނަށް ފަށަން ނިންމި ވެކްސިން ޕްރޮގްރާމް ހުއްޓުމަކަށް
އިޒްރޭލާއި ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކޮށްފައިވާ ސަރަހައްދުތަކުގައި އުޅޭ ފަލަސްތީނުގެ މަސައްކަތްތެރިންނަށް ކޮވިޑް-19 ވެކްސިން ދޭން އިއުލާނު ކުރި ޕްރޮގްރާމު އިޒްރޭލުގެ ސަރުކާރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ފަލަސްތީނު މީހުން އުޅޭ ހިސާބުތަކުގައި މަދަނީ ކަންކަން ބަލަހައްޓާ އިޒްރޭލުގެ އަސްކަރީ ބްރާންޗު، ކޮގޭޓުން މިދިޔަ ހަފްތާގައި ބުނެފައި ވަނީ ފަލަސްތީނު މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ހުއްދަ ލިބިފައިވާ ކަމަށެވެ. 

ފަލަސްތީނުގެ ސަރުކާރުން ވެސް މިދިޔަ ހަފްތާގައި ބުނެފައި ވަނީ ފަލަސްތީނުގެ 100،000 މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގެ އެއްބަސްވުމަކަށް އިޒްރޭލާއެކު އައިސްފައިވާ ކަމަށެވެ. 

ނަމަވެސް އިއްޔެ ކޮގޭޓުން ބުނީ އިދާރީ މައްސަލަތަކެއް ދިމާވެ ޕްރޮގްރާމް ފަސްކުރަން ޖެހިފައިވާ ކަމަށާއި އެ ޕްރޮގްރާމު ފަށާނެ ތާރީހެއް ފަހުން ކަނޑައަޅާނެ ކަމަށެވެ. 

ކުރިން ނިންމާފައި އޮތް ގޮތުން އިޒްރޭލުގެ ސިނާއީ ޒޯނުތަކާއި އިޒްރޭލާއި ހުޅަނގު އައްސޭރި ގުޅޭ ސަރަހައްދުތަކުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާނީ އާދީއްތަ ދުވަހު އެވެ.

ފަލަސްތީނުގެ މަސައްކަތްތެރިންނަށް ވެކްސިން ދޭނެ ކަމަށް އިޒްރޭލުން ބުނީ އެކި ފަރާތްތަކުން ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ.

ދުނިޔޭގައި އެންމެ ކާމިޔާބު ކަމާއެކު ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ދަނީ އިޒްރޭލުގައި ނަމަވެސް، އިޒްރޭލުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި އުޅޭ ފަލަސްތީނު މީހުން އެ ޕްރޮގްރާމުގައި ބައިވެރިއެއް ނުކުރެ އެވެ.

އެހެންވެ އަމާޒުވި ފާޑުކިޔުންތަކާއެކު ފަލަސްތީނު މީހުންގެ އިތުރުން އެފްރިކާ، ޔޫރަޕް އަދި ލެޓިން އެމެރިކާގެ ގައުމުތަކަށް ވެކްސިން ސަޕްލައި ކުރާނެ ކަމަށް އިޒްރޭލުން ބުންޏެވެ.  

ނަމަވެސް ބައެއް ގާނޫނީ މައްސަލަތައް ކުރިމަތިވެ، އެކަން ވެސް ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އަލްޖަޒީރާ ނޫހުން ރިޕޯޓު ކުރެ އެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ކޮވިޑް-19 ވެކްސިން ދިރާސާ ކުރުމާއި، ސަޕްލައި ކުރުމަށް އެކުގައި މަސައްކަތް ކުރަން ޑެންމާން، އޮސްޓްރިއާ އަދި އިތުރު ތިން ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ހުޅަނގު އައްސޭރީގައި އުޅޭ 100،000 އެއް ފަލަސްތީނު ރައްޔިތުން އިޒްރޭލުގައި މަސައްކަތް ކުރެ އެވެ. ފަލަސްތީނުގެ ސަރުކާރަށް މިހާތަނަށް ޔަގީންކުރެވިފައި ވަނީ ވެކްސިންގެ އެންމެ 6،000 ޑޯޒެވެ. 

އެހެންކަމުން ހުޅަނގު އައްސޭރި އާއި ގާޒާގައި އުޅޭ ފަލަސްތީނުގެ ފަސް މިލިއަނަށް ވުރެ ގިނަ މީހުންނަށް ވެކްސިން ލިބޭނެ ގޮތެއް އަދިވެސް ނެތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް