ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓަރު ނަސީމް--
ވެންޓިލޭޓަރުތައް ލިބޭނެ ކަމަކަށް ނުބެލެވޭ: މިނިސްޓަރު ނަސީމް
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުން އައި ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނެވޭނެ ކަމަށް ނުބެލެވޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ކަންތައް ވަމުން އަންނަ ގޮތަށް ބަލާއިރު، ވެންޓިލޭޓަރުތައް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. 

"އަޅުގަނޑަކަށް ހިއެއްނުވޭ މިހާރު އެދާގޮތުން އޭއްޗެހި ލިބޭ ކަހަލަ ގޮތަކަށްހެން އެއޮތީ. އަޅުގަނޑަށް ހީވަނީ ކޮންމެވެސް އެހެން ގޮތަކަށްހެން މިކަމާ ފިޔަވަޅު އަޅުއްވާނީ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކާއި ގުޅިގެން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެކަމާ ގުޅިގެން މިހާތަނަށް ވަކި ގޮތަކަށް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ގޮތެއް ނިންމަން އެޓާނީ ޖެނެރަލް އޮފީހަށް ލިޔެފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަަރު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައަކީ އެމަނިކުފާނު މަގާމާއި ހަވާލުވުމުގެ ކުރީގެ ކަމެއް ކަމަށެވެ. އެހެން ކަމުން އެކަމާއި ގުޅިގެން ވަކި އެއްޗެއް ދަންނަވަން ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މީގެ އިތުރުން އެކަން މިހާރު އޮތީ ހިނގާ ނިމިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދެން އޮތީ ސަރުކާރުން އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމުން ކަމަށާއި، އޭޖީގެ ލަފައަކަށް އެދުނީ އެކަމާއި ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ހެލްތް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން އަދި 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން އެނގުނީ ހެލްތު މިނިސްޓްރީގެ އޮޑިޓުންނެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލާގަ އެވެ.

އެ މައްސަލާގައި ކުރީގެ މިނިސްޓަރު އަމީން ހިމެނޭހެން 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން މައްސަލަ ޕީޖީއަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލާގައި ޕީޖީން ވަނީ އެ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް