ads
ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދެނީ
ލާމަރުކަޒީ ޤަނޫނުގެ ދަށުން ކައުންސިލްތައް ބާރުވެރި ކުރުމަށް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި އެވެ.
Advertisement
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް ބާރުވެރި ކުރުވުމަށް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިކަން ހާމަކުރައްވާފައިވަނީ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މަރުކަޒީ ސަރުކާރުގެ މަސައްކަތްތައް ކައުންސިލްތަކަށް ބަހާލުމަށްފަހު ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުވަން ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަސާސީ އަދި އުމްރާނީ ވަސީލަތްތައް ގާއިމުކޮށް، ކައުންސިލްތަކުގެ ބަޖެޓް ތަންފީޒުކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މިބަދަލާ ގުޅިގެން ދައުލަތުގެ އޮފީސްތަކުގެ މަސައްކަތްތައް އަދި މިނިސްޓްރީތަކުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ބައެއް މަޝްރޫއުތައް ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވައި މައުނަވީ ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތު ކަމަށެވެ.

"މިގޮތުން ޖެނެރަލް ލެޖާގެ ކޯޑް ލެވެލްގައި ބަޖެޓް ކޮށްގެން ކައުންސިލްތަކަށް ފައިސާ ދޫކުރުން ހުއްޓާލައި ކައުންސިލް ތަކަށް ހަރަދުކުރުމުގެ އިތުރު މިނިވަންކަން ލިބިދޭ ގޮތަށް ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީ ދޭގޮތަށް ވަނީ ހަމަޖެހިފައި" މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލް ތަކަށްދޭ 1.6 ބިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރޭގައި ހިމެނެނީ، ޑޮމެސްޓިކް ރެވިނިއުގެ 5 އިންސައްތައިގެ އިތުރުން ބިމާއި ރަށްރަށާއި ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކަމަށްވެސް މިނސްޓަރު ވިދާޅުވި އެވެ. ކައުންސިލްތަކުން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތަކުން ފީގެ ގޮތުގައި ލިބޭ އާއްމުދަނީ އަކީ ކައުންސިލްތަކުގެ އާމުދަނީގެ ގޮތުގައި ހަމަޖައްސާފައިވާނެ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ކައުންސިލްތަކަށް ހިލޭ އެހީ ދޫކުރުމުން، ކައުންސިލްތަކުގެ އާމުދަނީ އިތުރުވެގެން ދާނެ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު 500 އަށް ވުރެ މީހުން މަދު އާބާދި ތަކަށްވެސް އެވްރެޖް ގޮތެއްގައި ދައުލަތުގެ ބަޖެޓުން 4 މިލިއަން ރުފިޔާ ލިބިގެންދާނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު މި ބަދަލުތައް ގެނެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މިހާރު ވަނީ އިސްލާޙު ހުށަހަޅާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް