ads
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު---ފޮޓޯ:ރާއްޖެއެމްވީ
ކެމްޕެއިން ކުރަން އަދި ފުރުސަތެއް ނުދެން: މައިމޫނާ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރަން އަދި އެއްވެސް ކެންޑިޑޭޓަކަށް ފުރުސަތު ނުދޭ ކަމަށް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެ އެވެ.
Advertisement
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިލެކްޝަންސް ކޮމިޝަން އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުންނާ މިއަދު ބައްދަލުކޮށްފައިވާއިރު އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިންގައި ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެފަ އެވެ. 

އެގޮތުން އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް އިންތިހާބާ ގުޅޭ ކަންބޮޑުވުން ހިއްސާކުރައްވަމުން ވިދާޅުވެފައި ވަނީ މުޅި ގައިޑްލައިންގައި ހުރި ކަންކަމަށް ބަލާއިރު އޭގައި ކެމްޕެއިން ކުރުމުގައި ހުރި ހަމަހަމަ އުސޫލުތަކުގެ ވާހަކަ ނެތް ކަމަށެވެ.

ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނޯންނަ ކަމަށް ވިދާޅުވުމާއި ގުޅިގެން ކޮމިޓީގައި މައިމޫނާ ވިދާޅުވީ، އަދި އެޗްޕީއޭ އިން އެއްވެސް ކެންޑިޑޭޓަކަށް ކެމްޕެއިން ކުރަން ފުރުސަތު ވެސް ނުދޭ ކަމަށެވެ. 
"ކެންޑިޑޭޓުންނަށް އަޅުގަނޑުމެން ފުރުސަތެއްދީފައެއް ނޯންނާނެ ކެމްޕެއިން ކުރުމަކަށް. އެހެންވީމަ އެ ވިދާޅުވާ ވިދާޅުވުން އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގެ ކީއްވެގެންކަމެއް އެހެން އެ ވިދާޅުވަނީ، ހަމަހަމަ ފުރުސަތެއް އަޅުގަނޑުމެންނެއް ނުދެއޭ،"

އޭގެ އިތުރުން ޑިރެކްޓާ ޖެނަރަލް ވިދާޅުވީ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އޭގެ ދަށުން ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުވާން އަންގާފައިވާ ކަމަށެވެ. 

މިހާރު ވެސް ކެންޑިޑޭޓުން އަންނަނީ ކެމްޕެއިން ކުރަމުންނެވެ. އެގޮތުން މި އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ ގޮނޑި ވަރަށް ވާދަވެރިކޮށް ފެނިގެންދާއިރު އެމްޑީޕީގެ ކެންޑިޑޭޓާއި އިދިކޮޅު ކެންޑިޑޭޓް ވެސް އަންނަނީ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތް ވެސް ޖައްސަމުންނެވެ. 

އީސީގެ ކަންބޮޑުވުންތަކާއި ގުޅިގެން ޑިރެކްޓާ ޖެނަރަލް އިތުރަށް ވިދާޅުވީ، އިންތިހާބަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް އީސީން އެދިފައިވާއިރު، އަޅާފައިވާ ފިޔަވަޅުތަކަކީ އެންމެންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އެގޮތުން ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭނެ ގޮތްތަކެއް އޮތްއިރު މިހާރު ވެސް އޮތީ ކަރަންޓީނުގެ 14 ދުވަހުން 10 ދުވަހަށް ކުޑަކޮށް ލުއިދީފައިކަން ފާހަގަކުރެއްވި އެވެ. އަދި ކަރަންޓީނަށް ފަހު މަސައްކަތް ކުރެވޭނެ ކަަމަށް ވިދާޅުވި އެވެ. 

ޑިރެކްޓާ ޖެނަރަލް ވިދާޅުވީ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެންނަނީ އެރަށެއްގައި ބަލި އޮތް މިންވަރު ނޭނގޭތީ ކަަމަށާއި އެއާއެކު ރަށަަށް އަރާއި ފޭބުން ހުއްޓާލަނީ ރައްކަލަކަށް ކަމަށެވެ. އެކަމަކު އެކަމަށް ވެސް ލުއި ގޮތްތަކެއް ހޯދައިދެވޭތޯ ބެލޭނެ ކަމަށް ވިދާޅުވި އެވެ. 

މިހާރު އެޗްޕީއޭގެ ގައިޑްލައިން އޮންނަ ގޮތަށް ކެންޑިޑޭޓުން ވެސް އިލެކްޝަންސްގެ އޮފިޝަލުން ވެސް ރަށްރަށަށް އަރާނަމަ، ކަރަންޓީނުވާން ޖެހެ އެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް ގޮސް ކަރަންޓީނުވާންޖެހޭ ޖެހުމާއި ގެސްޓްހައުސް ހުންނަ ރަށްރަށަށް ގޮސް ކަރަންޓީނުވާން ޖެހެ އެވެ. މި ކަންބޮޑުވުންތައް އީސީން މިއަދުގެ ކޮމިޓީގައި ހިއްސާކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް