ads
ވީޑިއޯ ރިޕޯޓް-
ލައިސަންސް ޖޫރިމަނާ، އެއްވެސް ސަރުކާރަކަށް ހައްލުކޮށް ނުދެވުނު ކަމެއް!
ސްކޫލު ނިންމާލާއި ގޮތަށް ނޫނީ ސްކޫލު ނުނިމެނީސް ވެސް ގިނަ ކުދިން އެއްގަމު އުޅަނދު ދުއްވާ ހަދަ އެވެ. މިގޮތަށް ދުއްވަނިކޮށް މަގުމަތިން ފުލުހުން އަތުލައިގަނެ، އެތައް ފަހަރަކު ޖޫރިމަނާ ވެސް ކުރެ އެވެ. އުމުރުން 18 ވެގެން ނޫނީ ރާއްޖޭގައި ލައިސަންސް ނުނެގޭއިރު، 18 އަހަރުވެގެން ލައިސަންސް ނަގަން ބަލާއިރު އޮންނާނީ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިފަ އެވެ. މިހެންވެ، ޖޫރިމަނާ ފައިސާގެ އަދަދު ބޮޑުވެ ކޮޅުންލުމުން ދެން ޒުވާނުން މަގުތަކަށް ނިކުންނަނީ ލައިސަންސް ވެސް ނެތި އެވެ. ޖޫރިމަނާ ބޮޑުވިޔަސް ވަރިހަމަވެގެންނެވެ.

މިފަދަ އެތައް ޒުވާނުންނެއް މި ހަލަބޮލި މާލޭގައި ވެސް އުޅެމުން އަންނައިރު ޖޫރިމަނާ ފައިސާ އިންތިހާއަށް މަތިވެ، ހަމަ މަގަށް އެޅެން ބޭނުންވިޔަސް ހަގީގަތުގައި އެފަދަ ފަރާތްތަކަށް ފުރުސަތެއް ނޯވެ އެވެ. ސަބަބަކީ ޖޫރިމަނާ ފައިސާ ދައްކާ ހަލާސްކޮށްގެން ނޫން ގޮތަކަށް ލައިސަންސް ނަގައިގެން މަގުތަކުގައި ދުއްވޭކަށް ނޯވެ އެވެ. މިހެންވެ، މި ބުނާ ޒުވާނުންނަށް ލައިސަންސްއާ ނުލާއި މަގުތަކުގައި ދުއްވަން މަޖުބޫރުވަނީ ކަމަށް ޒުވާނުން ބުނެ އެވެ.

ލައިސަންސް ނެތި ދުއްވުމަކީ ކުށެއްކަން ވެސް އެނގި ތިބެ މިގޮތަށް ދުއްވައިގެން ޖޫރިމަނާގެ ގޮތުގައި ބައެއް މީހުންނަށް 40،000 އަށް ވުރެ ގިނަ ފައިސާ ދައްކަން ޖެހިފައި އެބަ ހުއްޓެވެ. މިއީ ހިފަހައްޓާލާ ކޮންމެ ފަހަރަކު އުސޫލެއްގެ ގޮތުން 1000 ރުފިޔާއިން ޖޫރިމަނާކުރުމުން ދައްކަން ޖެހިފައިވާ އަދަދެކެވެ.   

ކޮންމެއަކަސް، ލައިސަންސް ނެގުމުގެ ކަންކަން ކުރިއަށްދާ ގޮތުގައި ވެސް ޒުވާނުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މިސާލަކަށް ޑްރައިވިން ޓެސްޓް ހެދުމަށް 100 ރުފިޔާ ދީގެން ކޮންމެ ފަހަރަކު ބައިވެރިވާއިރު އެކި މީހުންނަށް އެކި ގޮތް ހަދާއި، ކަމުގެ އަޑުތަކަކީ ވެސް ހަމަ މީހުންގެ މެދުގައި ދެކެވޭ ވާހަކަތަކެވެ.

އަނެއްކޮޅުން އެތަނުގައި އެގްޒަމިނަރުންގެ ގޮތުގައި ތިބޭ މީހުންނާއި ޑްރައިވިން ސްކޫލުތަކުގެ މީހުން ނުވަތަ ގާތް މީހަކު ދިއުމުން އެމީހުންނަށް ކޮންމެ ގޮތަކަށް ދުއްވިޔަސް، ލައިސަންސް ދެމުންދާކަމުގެ ޝަކުވާ ކުރެ އެވެ. 

މިކަމުގައި ވެސް އަޑި ފޮރުވިފައިވާ ކަންތައްތަކެއް ހުރިއިރު މިދަނޑިވަޅުގައި ކޮވިޑް-19 އާ އެކު ވެސް ވަނީ ލައިސަންސް ނެގުމުގެ ކަންކަން މަޑުޖައްސާލަފަ އެވެ. އެ ހިދުމަތް މިވަގުތު މެދުކަނޑާލާފައި އޮތަސް ފުލުހުން އަންނަނީ ލައިސަންސް ނެތި ދުއްވާ މީހުން ޖޫރިމަނާ ކުރަމުންނެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ، ލައިސަންސް ނެތި ދުއްވާނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ. އެއީ ގަވާއިދު އޮންނަނީ ލައިސަންސް ނެތި ދުއްވުމަކީ މަނާ ކަމެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ ލައިސަންސް ނެތި ވެހިކަލް ދުއްވާނަމަ، މިހާރު ވެހިކަލް ދުއްވާ މީހާ އާއި ވެހިކަލްގެ ވެރިޔާ ޖޫރިމަނާ ކުރުމުގެ އިތުރުން ވެހިކަލް ވެސް ޓޯކުރެވޭނެ ކަމަށެވެ. 

އެކަމަކު މިއީ ޒުވާނުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެކެވެ. ޑްރައިވިން ލައިސަންސް ނެގޭނެ ގޮތެއް ނެތި ޒުވާނުން ޖޫރިމަނާކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް މިފަހުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވެފައިވެ އެވެ.

މިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިފަދަ ޒުވާނުންނަށް އުފާވެރި ހަބަރެއް ވެސް ދެއްވާފަ އެވެ. ލައިސަންސު ނެތި ޖޫރިމަނާކޮށްފައިވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސް ދެއްވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ގަވާއިދާއި އެއްގޮތަށް ހުރިހާ ކުދިން ވެސް އަދި މީހުން ވެސް އުޅުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ލައިސަންސު ނެތި ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރީމަނާތަކާ ހެދި ޒުވާން ކުދިންނަށް ދިރިއުޅުން ނުފެށި ކައިވެނި ނުކުރެވޭ ވަރަށް މައްސަލަ ބޮޑުވުމަކީ ހައްލުކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި މައްސަލައަށް ހައްލެއް ގެނައުމަށް ކަމާއި ބެހޭ ފަރަތްތަކާ ވާހަކަ ދައްކައިގެން ވަރަށް އަވަހަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށެވެ. މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ އެ މަޝްވަރާތައް ރައީސް އޮފީހާއެކު ކުރެވެމުންދާ ކަމަށް ބުނެފަ އެވެ. އެކަމަކު ޖޫރިމަނާ މައާފުކުރެވޭނެ ސީދާ ދުވަހެއް ނުބުނެ އެވެ. 

ކޮންމެއަކަސް މިއީ ޖޫރިމަނާ ބޮޑުވެ، ފައިސާ ނުދެއްކިފައިވާ ޒުވާނުން ހަމަ މަގަށް އަނބުރާ އައުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް