ads
ދަރިވަރުންތަކެއްގެ ދަސްވެނިމުގެ ރަސްމިއްޔާތެއްގެ ތެރެއިން -- ފޮޓޯ / މިހާރު
ފްރީ ޑިގްރީއަށް 240 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި: ހަޔާ އެޑިއުކޭޝަން
ހިލޭ ޑިގްރީއަށް ޖުމުލަ 240 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަރަދުވެފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ފުރަތަމަ ހިލޭ ޑިގްރީގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހަޔާ އެޑިއުކޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒު ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

އަދި ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމުގެ އެ އުސޫލާއި އެއްގޮތަށް، 10،000 ވުރެ ގިނަ ދަރިވަރުންނަށް، ޖުމުލަ 240 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ފާއިތުވި 2 އަހަރެއްހާ ދުވަހުގެތެރޭގައި މިހާރު ވަނީ ހަރަދުކޮށްފައި ކަމަށާއި އެއީ ރާއްޖޭގައި ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެފައި ވެއެވެ.

ރައީސް ސޯލިހްގެ ރިޔާސީ ވައުދު ފުއްދުމަށްޓަކައި ހަޔާ އެޑިޔުކޭޝަނުން ވަނީ ފުރަތަމަ ޑިގްރީއަށް ސަރުކާރުގެ ހަރަދުގައި ކިޔަވައިދިނުމުގެ އުސޫލެއް އެކުލަވާލާފައި ކަމަށާއި އެ އުސޫލާ އެއްގޮތަށް ފުރަތަމަ ޑިގްރީއަށް ރާއްޖޭގައި ކިޔެވުމަށް ސަރުކާރުން ހަރަދުކުރުން އިފްތިތާހްކޮށްދެއްވީ ރައީސް ކަމަށް ވެސް އެ މިނިސްޓަރީން ބުނެފައި ވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ހަރަދުގައި ދިވެހި ދަރިވަރުންނަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދިއުމަކީ ރާއްޖޭގެ އިގްތިސޯދަށް އާރޯކަން ލިބޭނެކަމެއް ކަމަށާއި ވަޒީފާގެ ބާޒާރުގައި އެކިއެކި މަސައްކަތްތައް ކުރުމަށް ނިކުންނާނެ ފެންވަރު ރަނގަޅު، އިލްމީގޮތުން ގާބިލް ދިވެހިން އުފެދިގެން އަންނާނެކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ. 

އަދި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މަސައްކަތްކުރާ ބޭރު މީހުންގެ އަދަދު މަދުކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބި، ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުސަތުވެސް ދިވެހިންނަށް ފަހިވާނެ ކަމެއްކަމަށާއި އަދި މިއީ ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ދަރިވަރުންނަށް މާލީގޮތުން ދިމާވާ ދަތިތަކަށް ހައްލެއް ލިބި ހާސްކަމެއްނެތި ކިޔެވުން ފުރިހަމަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނެފައި ވަނީ ފުރަތަމަ ޑިގްރީއަށް ސަރުކާރުގެ ހަރަދުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލި ފަހުން އެ ސްކީމް ތަންފީޒުކުރުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ކޮށްފަ އެވެ. 

އެގޮތުން އެ ސްކީމަށް ގެނެވިފައިވާ އެންމެ ބޮޑެތި ހެޔޮ ބަދަލުތަކަކީ ކިޔަވައިދޭތަނަށް ފައިސާ ދިނުމުގެ ބަދަލުގައި، ސީދާ ދަރިވަރުންނަށް ފައިސާ ލިބޭ ގޮތް ހަމަޖައްސައިދިނު ކަމަށާއި އަދި އޮންލައިން ޕޯޓަލްއެއްކަމަށްވާ މައިއެޑިޔު ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލުން ކަމަށެވެ. 

އޭގެ ނަތީޖާއަކަށް ވެގެންދިޔައީ އަތޮޅު ތެރޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ދިޔަ އެތައް ދަރިވަރުންނަކަށް ފަސޭހަކަމާއިއެކު އެ ސްކީމުގައި ބައިވެރި ވެވޭނެ މަގު ފަހިވެގެން ދިޔުމާއި، ކިޔަވާތަނަށް ދައްކަންޖެހޭ ފައިސާ ދެއްކެމުންދާކަމުގެ ޔަގީންކަން ދަރިވަރުންނަށް ލިބެމުން ދިޔުން ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ހާމަކުރެ އެވެ.

އަދި އެ މިނިސްޓްރީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދަރިވަރުންނަށް ލުއި ފަސޭހަކޮށް މައިއެޑިޔު ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ލެވޭނެ ގޮތަކަށް ޕޯޓަލް އަށް ބަދަލުތައް ގެނެސް ދަރިވަރުންގެ ޔުނިވާސިޓި ނުވަތަ ކޮލެޖްއަށް ދައްކަންޖެހޭ ފައިސާ ދަރިވަރުންނަށް ދޫކުރަމުން ގެންދިޔުމަށް ކަމަށް ބުނެ އެވެ.

ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ކިޔެވުމަށް އަހަރުގެ އެކި ދުވަސްވަރުގައި ކުދިން އެންރޯލްކުރެވޭއިރު ޑިގްރީ ޕްރޮގްރާމުތަކުގައި އަލަށް އެންރޯލްވާ ދަރިވަރުން އެ ސްކީމްގައި ބައިވެރިކުރުމުގެ މަސައްކަތް އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ކުރިޔަށްދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. 

އަދި މިހާރު އަމަލު ކުރަމުންދާ އުސޫލާ އެއްގޮތަށް، ހަޔާ އެޑިޔުކޭޝަނުން ދަރިވަރުންނަށް ފައިސާ ދޫކުރުމުން، ދަރިވަރުން، ކިޔަވައިދޭތަނަށް ދައްކަންޖެހޭ ފައިސާ ޒިންމާދާރުކަމާއިއެކު ގަވާއިދުން ދައްކަމުން ގެންދިޔުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހިތްވަރާއިއެކު މަސައްކަތްކޮށްގެން ފުރަތަމަ ޑިގްރީ ފުރިހަމަކޮށް ގައުމަށް ހިދުމަތްކުރުމަށްވެސް އެ މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ. 

މީގެ އިތުރުން ހަޔާ އެޑިއުކޭޝަނުން ބުނެފައިވަނީ މިނިސްޓްރީގެ އަމާޒަކީ ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިފައިވާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ލުއިފަސޭހަ ގޮތެއްގައި ކިޔެވުމުގެ އިންތިޒާމު ފުރިހަމައަށް ހަމަޖައްސައިދިނުން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް