ސައީދު މިގޮތަށް ވިދާޅުވެފައި މިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ލިއުމެއް އޮވެ އިޖުރާއަތު ތެރެއިން ނަމަވެސް ރައީސް ޔާމީނަށް ޑޮކްޓަރުން އެފަދަ ލިޔުމެއް ނުދެއްވާ ކަމަށް ރައީސް ސޯލިހު، އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމާ ގުޅިގެންނެވެ.
ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ރައީސް ސޯލިހު "ފާޅުގައި" ހެއްދެވި އިތުރުފުޅެއް ކަމަށެވެ. އެހެންނަމަވެސް ރައީސް ހެއްދެވި ކަމަށް ސައީދު ވިދާޅުވާ އިތުރުފުޅުގެ ތަފްސީލެއް ވެސް ހިއްސާއެއް ނުކުރައްވަ އެވެ.
އޭގެ އިތުރުން ރައީސް ޔާމީނަށްދޭ އަނިޔާގެ ފަހަތުގައި ވަނީ ރަައީސް ސޯލިހާއި ސަރުކާރު ކޮންޓްރޯލްކުރާ ބައިވެރިކަމަށް ތުހުމަތުކުރައްވާ ސައީދު ވިދާޅުވީ ގާނޫނު އަސާސީގެ ފޮޅުވަތްތަކުން އަކުރުތަައްވަކިވެފައިވީ ނަމަވެސް ގާނޫނު އަސާސީއާ މުޅި ދައުލަތް ވަނީ "ހޮސްޓޭޖް" ހާލަތެއްގައި ކަމަށެވެ.
މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ވެސް އާންމު ރައްޔިތަކު ވަނީ ރައީސް ޔާމީނަށް ގެއަށް ބަދަލުވުމުގެ ފުރުސަތު ނުދެއްވަނީ ކީއްވެތޯ ސުވާލު ކޮށްފަ އެވެ.
އެކަމާއި ގުޅިގެން މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ބަލި ހާލަތާއި ގުޅިގެން ޑޮކްޓަރުން ލިޔުމެއްދީފައިވާއިރު އޭގައި ވަނީ ރާއްޖޭގައި ވަކި ޓެސްޓެއް ހެދެން ނެތުމުން އެ ޓެސްޓް ހެދުމަށާއި ސްޓްރެސް ފްރީ މާހައުލެއްގައި އެމަނިކުފާނު ބެހެއްޓުމަށް ކަމަށެވެ.
ރައީސް ޔާމީންގެ ޑޮކްޓަރުންގެ ލިޔުންތަކާއި ގުޅިގެން މި ރީޖަންގެ ތެރެއިން ޓެސްޓް ހެދުމަށް ދާން ބޭނުންވަނީ ކޮން ގައުމަކަށްތޯ ސުވާލުކުރުމުން ވެސް ރައީސް ޔާމީން އެދިލެއްވީ ގެއަށް ބަދަލުކުރުމަށް ކަމަށްކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވެފައި ވަނީ ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުކުރެވޭނީ ލިޔެކިޔުމުގެ ފުރަތަމަ ބައިކަމުގައިވާ ޓެސްޓްތައް ހެދުމުންކަމަށް ރައީސް ޔާމީނަށް އެންގެވި ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.