ads
ރައީސް ޔާމީން އާއި ކުރީގެ ނައިބް ރައީސް ޖަމީލް-- ފޮޓޯ: ސަން
ރައީސް ޔާމީން، ބޭރަށް ވަޑައިގަތުމަށް ރައީސް ސޯލިހު ޕްރެޝަރު ކުރޭ: ޑރ. ޖަމީލް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޕްރެޝަރު ކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވެ ޓުވީޓު ކުރައްވާފައިވަނީ ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅަށް އަލިއަޅުވާލާފައެވެ. 

އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭގައި ތިއްބެވީ ޑޮކްޓަރުންގެ ލިޔުމެއް އޮތުމުން ކަމަށް ރައީސް ސޯލިހު ވިދާޅުވުމަކީ، ރައްޔިތުންނަކީ ތަނެއް ދޮރެއް ނޭނގޭ ބައެއްކަމަށް ސިފަކުރުމާއި އެއްފަދަ ކަމެއް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

މީގެ އިތުރުން އަދީބާއި ޒިޔަތު ނޫންް، ޑޮކްޓަރުންގެ ލިޔުން ލިބޭނެ އިތުރު ބައެއް ނެތްތޯ ޑރ. ޖަމީލް ސުވާލު ކުރައްވާފައިވެ އެވެ.

މިކަމުގެ ހަގީގަތަކީ، އަދީބާއި ޒިޔަތު ގެއަށް ބަދަލު ކުރީ ރައީސް ޔާމީނާއި ދެކޮޅާށް ހެކިދިނުމުން، އެކަމުގެ ބަދަލުގައި އިނާމަކަށް ކަމަށް ޑރ. ޖަމީލް ތުހުމަތު ކުރައްވާފައި ވެއެވެ. އަދި އެކަމުގެ ހެކި ހުރި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވަނީ، ރައީސް ޔާމީން "ސްޓްރެސް ފްރީ" މާހައުލެއްގައި ބަހައްޓަންޖެހޭ ކަމުގެ ލިޔުން ތަކުރާރުކޮށް ހުށަހެޅުމުންވެސް، އެ ލިޔުން ގަބޫލު ނުކުރާކަން ފާހަގަ ކުރައްވާފައެވެ. 

މީގެ އިތުރުން ވަކިވަކިން، ރައީސް ސޯލިހު ގެ ފަރާތުން، އެކިފަރާތްތައް  މެދުވެރިކޮށް ޕްރެޝަރުކުރަމުން ދަނީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި އެވަރަކުން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވަން ކެތްމަދުވެގެން އުޅުއްވަނީ ކީތްވެތޯ ސުވާލު ކުރައްވާފައިވެއެވެ.

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ، އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ލިއުމެއް އޮވެ އިޖުރާއަތު ތެރެއިން ކަމަށާއި، ނަމަވެސް ރައީސް ޔާމީނަށް ޑޮކްޓަރުން އެފަދަ ލިޔުމެއް ނުދެއްވާ ކަމަށް ވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން މިނިސްޓަރު އިމްރާން ވެސް ވަނީ، ރައީސް ޔާމީންގެ ބަލި ހާލަތާއި ގުޅިގެން ޑޮކްޓަރުން ލިޔުމެއް ދީފައިވާއިރު، އޭގައި ވަނީ ރާއްޖޭގައި ވަކި ޓެސްޓެއް ހެދެން ނެތުމުން އެ ޓެސްޓް ހެދުމަށާއި، ސްޓްރެސް ފްރީ މާހައުލެއްގައި އެމަނިކުފާނު ބެހެއްޓުމަށް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ޑޮކްޓަރުންގެ ލިޔުންތަކާއި ގުޅިގެން މި ރީޖަންގެ ތެރެއިން ޓެސްޓް ހެދުމަށް ދާން ބޭނުންވަނީ ކޮން ގައުމަކަށްތޯ ސުވާލުކުރުމުން ވެސް ރައީސް ޔާމީން އެދިލެއްވީ ގެއަށް ބަދަލުކުރުމަށް ކަމަށްކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވެފައި ވަނީ ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުކުރެވޭނީ ލިޔެކިޔުމުގެ ފުރަތަމަ ބައިކަމުގައިވާ ޓެސްޓްތައް ހެދުމުންކަމަށް ރައީސް ޔާމީނަށް އެންގެވި ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް