ads
އަދުރޭ-
ސަރުކާރުގެ އަމާޒަކީ ރައީސް ޔާމީން ފުރުވާލާ، ފިލިކަމުގެ ތުހުމަތުކުރުން: އަދުރޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއިން ފުރުވާލުމަށްފަހު، ރައީސް ޔާމީނަކީ ކުރީގައި ސިޔާސީ ލީޑަރުން ކަންތައް ކުރެއްވި ގޮތަށް ކަންތައް ކުރައްވާ ބޭފުޅެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މިހާރުގެ ސަރުކާރުންގެ އަމާޒު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ޔާމީނަށް ނިސްބަތްކުރައްވާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ މިހެން ވިދާޅުވީ، މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީންގެ ބޭސް ފަރުވާގެ ކަންކަމާއި ގުޅިގެން ރައީސް ސޯލިހު ހެއްދެވީ އިތުރު ފުޅެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ޑޮކްޓަރު ލިޔުން ދެއްވާފައި އެބައޮތް ކަމަށެވެ. އެގޮތުން ޑޮކްޓަރުގެ ލިޔުމުގައި ރައީސް ޔާމީން ހުންނަވަން ޖެހޭނީ "ސްޓްރެސް ފްރީ" މާހައުލެއްގައި ކަމަށް ބުނެފައިވާ ކަމަށް އަދުރޭ ފާހަގަ ކުރެއްވިއެވެ.

މި ލިޔެކިޔުންތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ޖަލަކީ ކޮންމެ ގޮތެއް ހަދާފައި އޮތް ތަނެއް ކަމަށްވީނަަމަވެސް، އެކަނިމާއެކަނި މީހަކު އެތާ އޮންނަން ޖެހުމުން ސްޓްރެސް ފްރީ ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. 

މީގެ އިތުރުން ޑޮކްޓަރު ވަނީ ހިތުގެ ޓެސްޓުތަކެއް ހެދުމަށް ރައީސް ޔާމީން ދީފައި ކަމަށް އަދުރޭ ފާހަގަ ކުރެއްވި އެވެ. ނަމަވެސް އޭގެން އެއްވެސް ކަމަކަށް މަގުފަހި ކޮށްދީފައި ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ އާއިލާ، ގާނޫނީ ޓީމު އަދި އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީގެ ފަރާތުންވެސް އެކިފަހަރު މަތިން، ތަކުރާރުކޮށް، ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާއެއްގައި މިވާހަކަ ދަންނަވާފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. 

އަދުރޭ ވިދާޅުވީ، ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަންނަވަން ރައީސް ޔާމީން ބޭނުންފުޅު ނުވާ ކަމަށެވެ. 

"މި ސަރުކާރުގެ ބޭނުމަކަށް ފަހަރެއްގަ ވެދާނެ ރައީސް ޔާމީން ފުރުވާލުން. ފުރުވާލާފަ ރައީސް ޔާމީނަކީވެސް އެއީ ކުރީގަ މި ރާއްޖޭގައި ސިޔާސީ ލީޑަރުން ކަންތައް ކުރެއްވި ގޮތަށް ކަންތައް ކުރައްވާ ބޭފުޅެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުން އެއީ މި ސަރުކާރުގެ އަމާޒަކަށް ވެދާނެ." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، މީގެ ކުރިން ބައެއް ސިޔާސީ ލީޑަރުންނަށް ހުކުމް ކުރުމާއެކު، ވަރަށް އާލާސްކަންފުޅާ އުޅުއްވާތީ ރާއްޖެ ދޫކުރާ ވަޑައިގަންނަވާފައިވާ ކަމަށެވެ. 

ނަމަވެސް ރައީސް ޔާމީން ރާއްޖެ ދޫކޮށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށާއި، އެމަނިކުފާނު ތަކުރާރުކޮށް، އެމަނިކުފާނަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި، ރައްޔިތުން ދޫކުރާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނު ދައްކަވަނީ އެ ސާބިތުކަން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ކިތަންމެ ބޭނުންވި ނަމަވެސް، ރައްޔިތުން ދޫކޮށް ރައީސް ޔާމީން ވަޑައި ނުގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް