ރަށް މޮނީޓަރިންނަށްލުމާއެކު ރަށު ކައުންސިލުން ފިޔަވަޅުތައް ހަރުކަށި ކުރި އެވެ. ފުލުހުންގެ ހާއްސަ ހުއްދައަކާ ނުލައި ގެއިން ބޭރަށް މީހުން ނިތުމަކީ މަނާ ކަމެއްގެ ގޮތުގައި ހަދާއި ސްކޫލުތަކާއި އެހެނިހެން އާންމުން ބޭނުންކުރާ ތަންތަން ބަންދުކުރި އެވެ.
ފިހާރާއި ކާބޯތަކަތީގެ ހިދުމަތް ދެމުން އައި ތަންތަނުގެ ހިދުމަތް، އެރަށުގައި ޑެލިވަރީގެ ހިދުމަތައް ބަދަލުކުރި އެވެ. އެއާއެކު ރަށުގެ މަސްވެރިންނަށް މަސްބާނަށް ދެވޭނެ މަގެއް ނެތުމުން ރަށުގައި މިހާރު ރައްޔިތުން ކައި އުޅެނީ ބޮޑު ހަރަދުކޮށް ގަންނަ ކުކުޅުމަހާއި ސޮސެޖެވެ.
އެކަމުގެ ކަންބޮޑުވުން އެރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް ސީއެންއެމްއާ ހިއްސާ ކުރައްވަމުން ވިދާޅުވީ އެރަށުގައި ފިޔަވަޅުތައް ވަރުގަދަކޮށްގެން އުޅޭތާ 12 ދުވަސް ވެފައިވާއިރު ރައްޔިތުން ތިބީ ނަފްސާނީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށެވެ.
އަދި ރައްޔިތުންނަށް ކަނޑުމަހުގެ ދަތިކަން އެބަ ހުރި ކަމަށާއި މި ދަތި ދަނޑިވަޅުގައި އަގުބޮޑު ކުކުޅު ކަހަލަ އެއްޗިހި ގަންނަން ޖެހުމުން ރައްޔިތުން މާލީގޮތުން ދަތިތަކަކާ ކުރިމަތިލަމުންދާ ކަމަށެވެ.
ރޯދަ މަހަށް އެންމެ ތިރީސް ދުވަސް އޮތްއިރު އެރަށުގެ ދަނޑުވެރިން ހައްދަމުންދިޔަ ދަނޑުތައް ވެސް ހަލާކުވެފައިކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ 16 ވަރަށް ދަނޑު ރަށުަގއި ހައްދަމުން ދާއިރު އެތަންތަން ދަނީ ފެން ނުދެވުމުގެ ސަބަބުންނާއި ރަނގަޅަށް އަޅާނުލެވުމުގެ ސަބަބުން ހަލާކުވަމުން ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ދަނޑުވެރިން ކައުންސިލާ ހިއްސާ ކުރަމުންދާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ބާރަށުގައި ކޮވިޑްގެ ޖުމްލަ 36 ކޭސް މިހާރު ވެސް އެކްޓިވްކޮށް އޮތްއިރު އެރަށުގެ 200 އެއްހާ ގެ އޮތީ ކަރަންޓީންކޮށްފަ އެވެ. އަދި ގިނަ އަދަދަކަށް ރެންޑަމް ސާމްފަލްތަކެއް ނަގާފައިވާއިރު ރޭވެސް ސާމްފަލް ނެގުމުގެ މަސައްކަތް ކުރިއަށްދިޔަ އެވެ.