ޑރ. ޖަމީލް ވިދާޅުވީ ބޯހިޔާވެހިކަމަކީ ހަމައެކަނި މާލެ މީހުން ނުވަތަ އަތޮޅު ތެރޭ މީހުންގެ ހައްގެއް ނޫން ކަމަށާއި އެއީ ހުރިހާ ރައްޔިތުންގެ ހައްގެއް ކަމަށެވެ. ނަމަވެސް ފްލެޓް ލިބުމުގައި މާލެ މީހުންނާއި އަތޮޅު ތެރޭ ރައްޔިތުންގެ މެދުގައި ތަފާތުވާ އޮތް ކަމަށް ދޭހަވާ ގޮތަށް އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވާހަކަ ދެއްކެވުމަކީ ނަސްލީ ތަފާތު ކުރުމަކަށް ވެދާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް މިފަދަ މޭރުކަމުން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި ވަނީ "މަގޭ ފްލެޓް ކޮބާ" ނަމުގައި ޕީޕީއެމްއާއި ޕީއެންސީން މުޒާހަރާ ހަރަކާތްތަކެއް ކުރިއަށް ގެންދަނިކޮށެވެ. އަދި މިދިޔަ ސަރުކާރުގައި އިމާރާތް ކޮށްފައިވާ "ހިޔާ މަޝްރޫއު" ގެ ފްލެޓްތައް އޭރު ލިބުނު ބައެއް މީހުންގެ ނަންތައް މި ސަރުކާރުން އާންމު ކުރި އާ ލިސްޓުގައި އުނިކުރިއިރު ދިރިއުޅުމުގެ ހާލަތު ވަރަށް ދަށް މީހުން ވެސް އުނިކުރި ލިސްޓުގައި ހިމެނެ އެވެ.
މި ސަރުކާރުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓު އަލުން މުރާޖައާ ކުރަން ފެށީ "ބޭއިންސާފުން" އެ މަރުހަލާ ކުރިއަށް ގެންދިޔަ ކަމުގެ ތުހުމަތު ކުރުމަށް ފަހު އެވެ. މިގޮތުން މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ބައެއް މީހުން ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލާއި 1000 އެއްހާ މީހުން އެ ގޮތަށް ރަޖިސްޓްރީ ކުރި ކަމަށް ބުނެ، މި ސަރުކާރުން ވަނީ އޭރުގެ ސަރުކާރަށް ފާޑުކިޔާފަ އެވެ.