އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށް، މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓައިލުމަށް އަންގާފައިވާ އެންގުން ދަންމާލަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ހަފްތާއަށް ވެސް ރޭގަނޑު 8:00 އިން ފެށިގެން މާލޭ ސަރަހައްދުގެ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ހިދުމަތް މެދުކަނޑާލުމަށާއި، ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތްތައް ވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓައިލުމަށް ވަނީ އަންގާފަ އެވެ.
މި ބަދަލާއިއެކު ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކާއި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއް ގޮތަށް އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެެވެ.
ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް ކާފިއު ދަނީ ހިންގަމުންނެވެ. ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.
މިހާރުވެސް ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް މަނާކޮށްފައިވާއިރު، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަމުންވެސް ގެންދެއެވެ.