ads
ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ޕީއެސްޖީ ލީގުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ނަގާލައިފި
ފްރާންސް ލީގުގައި ރޭ ނޯންޓޭސް އާއި ދެކޮޅަށް ވާދަކުރި މެޗުން ޕީއެސްޖީ ބަލިވެ، ޓޭބަލްގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ޕީއެސްޖީ ނަގާލައިފިއެވެ. ރޭގެ މެޗުގައި ނޯންޓޭސް އަތުން ޕީއެސްޖީ ބަލިވެފައިވަނީ 2-1 ގެ ނަތީޖާއުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ޕީއެސްޖީގެ ހޫލިއަން ޑްރެކްސްލާ ޖެހި ލަނޑާއެކު ޕީއެސްޖީ ކުރި ހޯދާފައިވަނިކޮށް، ދެވަނަހާފުގެ 59 ވަނަ މިނެޓުގައި ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ނޯންޓެސްގެ ރަންޑަލް ކޮލޯ މުއާނީ ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން ނޯންޓެސް މޮޅުވި ލަނޑު 71 ވަނަ މިނެޓުގައި މޮސެސް ސިމޯން ކާމިޔާބު ކޮށްފައިވަނީ މުއާނީ ތަނަވަސް ކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.

އޭގެ ފަހުން، މެޗުގައި ޕީއެސްޖީއަށް ނަތީޖާ ހަމަހަމަ ކުރުމަށް އާޖެންޓީނާގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސްއަށް ލިބުނު ރަނުގެ ފުރުސަތު ނޯންޓެސްގެ ގޯލްކީޕަރު ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން މިދިޔަ ސީޒަންގެ ޗެމްޕިއަން ޕީއެސްޖީ ބަލިވެފައިވާއިރު މިވަގުތު ތާވަލްގެ އެއްވަނައިގައި 63 ޕޮއިންޓާއިއެކު އޮތީ ލިލްއެވެ. ލީގުގައި ކުޅެވުނު ނަވާވީސް މެޗުގެ ތެރެއިން ހަތް މެޗުން ޕީއެސްޖީ ބަލިވެފައި ވާއިރު ޕީއެސްޖީ މިހާރު އޮތީ 60 ޕޮއިންޓާއެކު ތާވަލްގެ ދެވަނާގައެވެ. އަންނަ ހަފްތާގައި ޕީއެސްޖީ ބައްދަލު ކުރާނީ، 60 ޕޮއިންޓާއެކު ލީގުގެ ތިންވަނަ މަގާމުގައި އޮތް ލިޔޯން އާއި ދެކޮޅަށެވެ. 

ރޭގެ މެޗުން ބަލިވުމާ ގުޅިގެން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފައިވަނީ، މެޗުން ބަލިވީ ފުރަތަމަ ހާފުގައި ލިބުނު ފުރުސަތު ތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފުމުގެ ސަބަބުން ޕްރެޝަރު ބޮޑުވެގެން ކަމަށެވެ. އަދި މި ގެއްލުނީ ލީގު ކާމިޔާބު ކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއްކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް