
ރިޒްނާ މިހެން ވިދާޅުވީ، ޗެނަލްއެއްގައި ހަބަރު ވިދާޅުވާން އިނދެފައި އައިސް ޝުޖާއު އާއި ވާދަކުރަން ލަދުގަންނަން ޖެހޭކަމަށް ވިދާޅުވެ ޝުޖާއުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައެވެ.
ރިޒްނާ ވިދާޅުވީ، މީޑިއާ އަކީ ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރުކަމަށާއި، އެކަން މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ނޭގުމަކީ ލަދުގަންނަންޖެހޭ ވަރު ކަމެއް ކަަމަށެވެ.
ކައުންސިލް އިންތިހާބުގައި އިދިކޮޅި ކޯލިޝަންގެ ފަރާތުން ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ކެމްޕެއިން ޖަގަހަ "ޕީޕީއެމް ޔޫތު ސިޓީ ޖަގަހަ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އިންތިހާބުގައި ޝުޖާއު އާއި ވާދަކުރެވޭ ވަރުގެ މީހެއް ވާދަ ނުކުރާ ކަމަށާއި، އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ރިޒްނާއަށް "އެކަމެއް" ނުވާނެ ކަމަށެވެ. އަދި އެކަން ވަރަށް ސާފު ކަމަށާއި، ޗެނަލްއެގައި ހަބަރު ވިދާޅުވާން އިނދެފައި ނިކުމެ ޝުޖާއު އާއި ވާދަކުރައްވަން ލަދުދަންނަން ޖެހޭކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ޝުޖާއު އާއި އަޅާބަލާއިރު ހުޅުމާލޭގެ ތަރައްގީއަށް ރިޒްނާ ކޮށްދިނީ ކޮންކަމެއްތޯ ސުވާލު އުފައްދަވަމުން ސައީދު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން އުޅުނު އިރު ޝުޖާއު ހުންނަވާނެ ކަމަށާއި، އެތަނުގައި 25 ބުރީގެ 16 ޓަވަރު އަޅަން ތައްޔާރު ކުރިއިރު، "ބިން ހެޔޮވަރު ކުރިއިރު، ފައިސާ ހޯދިއިރު، އަދި އެތަން ހުޅުވަން ވެގެން މަސައްކަތް ކުރިއިރުވެސް" ޝުޖާއު އެވަރެއްގައި ހުންނެވި ކަމަށެވެ.
މީގެއިތުރުން އެމްޑީޕީއަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ، އިދިކޮޅު ކޯލިޝަންއިން ކަންކަމަށް ނިކުންނަނީ، "މީހަކަށް މީހެއް" ގޮވައިގެން ނޫން ކަމަށެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ، އެމްޑީޕީގެ ޓިކެޓުގައި މާލެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުލްސައްތާރު އަށްވެސް ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ރައްދުކުރައްވާފައެވެ.