ads
ވީޑިއޯ ރިޕޯޓް-
ދިވެހިރާއްޖޭގައި ދުވަސް ނުފުރާ ވިހާ ކުދިންގެ އުސޫލު: މަރުވަންދެން ދޫކޮށްލުން!
ސިއްހީދާއިރާގައި ހިނގާ ތަފާތު އެކި ހާދިސާތަކުގެ ޒިންމާ ސިއްހީ އެހީތެރިން އުފުލަންޖެހޭކަމަށް ދޭތެރެދޭތެރެއިން އަޑުތައް އިވެއެވެ. މިފަދަ އަޑެއް އަނެއްކާވެސް މިވަނީ އިވިފައެވެ. ފަޒާގެ ތެރޭގައި އެންމެ ބޮޑަށް ފެތުރިގެން ދިޔަ އެއް ވާހަކައަކީ އައިޖީއެމްއެޗްގައި ދުވަސް ނުފުރާ ވިހެއި ކުއްޖަކާމެދު ވަރަށް އިހާނެތިކޮށް ހިތާފައިވާ ވާހަކައެވެ.
Advertisement

މުޖްތަމައުގައި ދުވަސް ނުފުރާ ވިހެއުން ގިނަ ވަމުން ދާއިރު، ބަނޑަށް ފަސް މަހުގައި ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗަށް ދިޔުމުން ދެ ދުވަސް ވަންދެން އެޑްމިޓްކޮށްފައި ދުވަސްނުފުރާ ވިހާފައިވާ އަންހެން މިހާ ވިހެއުމާއި ހަމައަށް އަދި ދަރިފުޅަށް ދޭންވާ ސިއްހީ ފަރުވާ ދީފައި ނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. 

 ވިހެއުމުގެ ރިހުންވަރު ކައިރިވިއިރުވެސް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން އަޅާލާފައި ނުވާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

ހަމަ އެހެންމެ ޕޭޝަންޓް އުޅެނީ ވާވަރަށްވުރެ މާ "އެކްޓް" ބޮޑުވެގެން ކަމުގައި އައިޖީއެމްއެޗްގެ ސްޓާފުން ބުނެ، ޕޭޝަންޓަށް ބުލީ ކޮށްފައިވާކަމަށް އާއިލާއިން ތުހުއްމަތު ކޮށްފައިވާއިރު، އޭނާ ވިހާފައިވަނީ ފާހާނަ ތެރޭގައި އައިޖީއެމްއެޗްގެ ދެ ނަރުހުންގެ އަތްމައްޗަށެވެ. 

ވިހެއުމަށްފަހު ފޫޅުގައި ދަތިވެސް ނުޖަހާ ދަރިފުޅު ބާއްވާފައިވަނީ ކުދިންގެ ނެޕީ ބަދަލު ކުރާ ތަނުގައި ކަމުގައި ވީއިރު، މައިމީހާގެ މަސް ވިއްސުމަށްފަހު މައިމީހާ ވޯޑަށް ގެނައިރުވެސް ދަރިފުޅު އޮތީ ސާފުވެސް ނުކޮށް ހަމަ އެތާގައި ބާއްވާފައިކަމަށް އާއިލާއިން ބުންޏެވެ. 

އަދި ހޮސްޕިޓަލްގެ މެނޭޖްމަންޓާ ވާހަކަ ދެއްކުމުން އެކުއްޖާ ނަގާ ހުދު ފޮތިކޮޅަކަށް ލުމަށްފަހު، ޓްރޭ އެއްގެ ތެރޭގައި ބާއްވާފައިވާއިރު އެކުއްޖާ މަރުވީ އެ ޓްރޭގައި އޮވެ އިތުރު އެއްވެސް ފަރުވާއެއް ނުލިބިކަމަށް އާއިލާއިން ބުނެއެވެ. އިތުރު ފަރުވާއަށް އެދުމުން އެކަމަށް ގޮތް ނިންމާނީ ވިހޭއިރު އެތާގައި ތިބި މީހުން ކަމުގައި ނަރުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން އާއިލާއިން އެކުއްޖާގެ ގައިގައި އަތްލުމުގެ ފުރުސަތު ވެސް ލިބިފައިވަނީ މަރުވިފަހުން ކަމުގައި އެމީހުން ބުނެފައިވެއެވެ.

ރާއްޖޭގައި އޮންނަ އުސޫލުން މި މައްސަލާގައި ޒިންމާ އުފުލަންޖެހޭ އަދި އެމީހަކަށް އަދަބުދޭނެ މީހެއްވެސް ނުހުންނާނެ ކަމަށް އާއިލާއިން ބުނެފައި ވާއިރު މިފަދަހާލަތްތަކުގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލަކީ ކޮބައިތޯ ބެލުމަށް ސީއެންއެމް އިން ވާނީ އައިޖީއެމްއެޗާ ވެސް ވާހަކަ ދައްކާފައެވެ. ނަމަވެސް މި މައުލޫމާތު ދިނުމަށް އުޒުރުވެރިވަމުން، އައިޖީއެމްއެޗުން ބުނީ މިހާރު މި މައްސަލަ ބަލަމުންދާ ކަމަށެވެ.

ޑަބްލިއުއެޗްއޯ ސްޑޭންޑަޑަކީ ކޮބާ؟

އެހެން ކަމުން މިފަދަ މައްސަލަ ތަކުގައި ޑަބްލިއު އެޗް އޯ އިން އަމަލު ކުރަން ކަނޑަ އަޅައިފައިވާ އުސޫލަށް ބަލާލިއިރު، މިފަދަ ގިނަ ކުދިންނަކީ ސަލާމަތް ކުރެވިދާނެ ކުދިންތަކެއް ކަމުގައި ޑަބްލިއު އެޗްއޯއިންދެކެވެ. މިފަދަ ކުދީންނަށް ދެވޭ ފަރުވާގެ ތެރޭގައި "ބޮޑީ ވާމް"، މައިމީހާގެ ގާތުން ކިރު ދިނުމަށް ދޭންޖެހޭ އެހީތެރިކަން ދިނުން، އާންމު އިންފެކްޝަންތަކުން ރައްކާތެރި ކުރުމަށް ދޭންޖެހޭ ފަރުވާތަކުގެ އިތުރުން ނޭވާ ލުމަށް ދިމާވާ ދަތިތަކަށް ފަރުވާ ދިނުން ހިމެނެއެވެ. 

އެގޮތުން ދުވަސް ނުފުރާ ވިހާފައިވާ ކުދިންނަށް ބޭނުންވާ ފަރުވާދީ، ރާއްޖޭގައިވެސް އެފަދަ ކުދިން ވަނީ މީގެ ކުރިން ސަލާމަތް ކޮށްފައެވެ.

ފަހުން ހިނގި ހާދިސާގައި އަމަލު ކުރީ ޑަބްލިއުއެޗްއޯ ސްޑޭންޑަޑަޑަށް ބާ؟ 

ނަމަވެސް މިފަދަ އެއްވެސް ފަރުވާއެއް ދަރިފުޅަށް ލިބިފައި ނުވާއިރު، ދަރިފުޅު ބާއްވައިފައިވަނީ އެއްވެސް ފަރުވާއެއް ނުދީ ވަރަށް އިހާނެތިކޮށް ކަމަށް އާއިލާއިން ވަނީ ތުހުއްމަތު ކޮށްފައެވެ. އަދި މައިމީހާއަށް ވާ ވަރަށްވުރެ މާ "އެކްޓު" ބޮޑުކަމަށް ބުނެ މުވައްޒަފުން ގަނާކޮށްފައި ކަމަށް އާއިލާއިން ބުނާއިރު، މިފަދަ މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށްވުރެ ގިނަވަމުންނެވެ. 

އަދި ހަމަ އެހެންމެ، މީގެ ދުވަސް ކޮޅެއް ކުރިން އޭޑީކޭގައި ހިނގި ހާދިސާއެއްގައިވެސް މީހަކު ވަނީ ނިޔާވެފައެވެ. މި ހާދިސާގައި އޭނާ މަރުވެފައި ވަނީ ވިހެއުމުގެ ތެރޭގައި ލޭ މަނާ ނުވެގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ ވިހެއުމުގެ ކުރިން ސިޒޭރިއަންއަކަށް ދިއުމަށް އާއިލާއިން އެދުނު ނަމަވެސް، ޑޮކްޓަރު އެގޮތަށް ހުއްދަ ނުދިނީ ސިޒޭރިއަން، ހަދަން އުނދަގޫ ވާނެތީ ކަަމަށް އާއިލާއިން ބުންޏެވެ.

މި މައްސަލައިގައި އައިޖީއެމްއެޗުންވެސް އަމަލުކުރެވުނު ގޮތާމެދު ކަންބޮޑުވާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަނީ ދިފާއުގައި ބަސްބުނާ މަންޒަރެވެ. އެގޮތުން 22 ހަފްތާ ނުވާނަމަ ބަލާނީ އެއީ ބައިގެން ދިޔަ "ފީޓަސްއެއް" ކަމަށް ބުނެ ވަނީ ބަޔާން ނެރެފައެވެ. 

މިހެންކަމުން މިފަދަ މައްސަލަތަކުގައި އާއިލާއިން އެބުނާގޮތަށް ގާނޫނީގޮތުން ޒިންމާ ވާން ކުރެވޭނެ ކަމެއް ނޯންކަން އެބަހާމަވެއެވެ. ދެން އޮތީ އިންސާނިއްޔަތުކަމާއި "މޯރާލިޓީ" ގެ ސުވާލެވެ. 

"މިގޮތަށް ބެލުމުގައި ތަފާތު ގައުމުތަކުގައި ތަފާތު އުމުރުތަކަށް ނުވަތަ މިންގަނޑުތަކަށް ރިއާޔަތް ކުރާއިރު މި ހޮސްޕިޓަލުގައި ބައިގެންދިއުން ނުވަތަ ސްޕޮންޓޭނިއަސް އެބޯޝަންއެއް ކަމަށް ބަލަނީ މާބަނޑު މީހެއްގެ ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވިހައިފިނަމަ" -އައިޖީއެމްއެޗް-

ރާއްޖޭގަ އަމަލުކުރާ އުސޫލު އިންސާނިއްޔަތާ ހިލާފުބާ؟ 

މިކަމާ ގުޅިގެންސިއްހީ ދާއިރާގެ ހިދުމަތްދޭ އެކި ފަރާތްތަކާ ވާހަކަ ދައްކާލީމެވެ. 

އެގޮތުން އޭޑިކޭ އާއި ވާހަކަ ދައްކާލުމުން ބުނީ މި މައްސަލައަކީ މިހާރު ބަލަމުންދާ މައްސަލައެއް ކަމުގައި ވާތީ މިކަމާއިމެދު އެއްޗެއް ބުނަން އެނގޭނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމުގައެވެ. އަދި އެނގި ހުރެ ގަސްތުގައި އެއްވެސް ޑޮކްޓަރަކު ނުވަތަ ނަރުހަކުވެސް އިހުމާލު ނުވާނެކަމުގައި އޭޑީކޭ އިން ވަނީ ބުނެފައެވެ.

މިފަދަ ހާދިސާތައް ގިނަވަމުންދާތީ މިކަމާ ގުޅިގެން ސީއެންއެމް އިން ވާނީ މެޑިކަލް ޕްރޮފެޝަނަލްސް އެސޯސިއޭޝަންގެ ބަހެއްވެސް ހޯދާފައެވެ. 

އެއީ (އައިޖީއެމްއެޗުގައި) ވިހެއީ 20 ހަފްތާގެ ކުއްޖެއް، ދުވަސް ނުފުރާ ވިހާ ކުދިންގެ ތެރެއިން، ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ޅަ އުމުރުގައި ސަލާމަތް ކުރެވިފައިވަނީ 24 ހަފްތާގައި ވިހާ ކުދިން. އަދި ރާއްޖޭގައި ހުރި ވަސީލަތްތަކަށް ބަލައި، ސަލާމަތް ކުރެވޭނީ އެންމެ މަދު ވެގެން 28 ހަފްތާ ވެފައިވާ ކުދިން،" -މެޑިކަލް ޕްރޮފެޝަނަލް އެސޯސިއޭޝަނުން-

މީގެ އިތުރުން، މިފަދަ މައްސަލަ ތަކުގައި ގާނޫނީ އޮނިގަނޑުގެ ތެރެއިން މުވައްޒަފުން ރައްކާތެރި ކުރެވޭނެ ހާއްސަ އުސޫލެއް ނެތްކަމަށާއި، މިފަދަ ތުހުއްމަތުތަކުގައި އިހުމާލު ވީ ކަމަށް ނިންމޭނީ މައްސަލަ ބެލުމަށްފަހު އެކަށީގެންވާ ވަރަށް ހެކި ލިބިއްޖެއްޔާ ކަމަށް މެޑިކަލް ޕްރޮފެޝަނަލްސް އެސޯސިއޭޝަނުން ބުންޏެވެ.

"އެ މުއްދަތުގެ ކުރިން ވިހާ ކުދިންނަށް ދެވޭނެ މާ ބޮޑު ފަރުވާއެއް ނެތް. އަޅުގަނޑުމެން މީ އިސްލާމުން ކަމުގައި ވީއިރު ބައެއް ގައުމުތަކުގައި ކަންކުރާ އުސޫލާ ހިލާފަށް މިފަދަ ހާލަތެއްގައި މަރުވަންދެން މަޑުކުރުން ނޫން އިތުރު ގޮތެއް ނެތް،" - -މެޑިކަލް ޕްރޮފެޝަނަލް އެސޯސިއޭޝަނުން-

މި މައްސަލައިގައި ބޮޑަށް ބެލެވެނީ މިއީ މުވައްޒަފުންނާއި ބަލި މީހާގެ އާއިލާއާއި މެދުގައި ރަނގަޅަށް މުއާމަލާތު ނުކުރެވުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ބުނެ، މުވައްޒަފެއްގެ އަތުން ކަމެއް ދޫވެގެން ގޮސްދާނެ ކަމަށާއި، ނަމަވެސް ގަސްތުގާ އިހުމާލު ވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް މެޑިކަލް ޕްރޮފެޝަނަލްސް އެސޯސިއޭޝަނުން ބުންޏެވެ. 

30%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް