މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ސަފު ހަދަމުން އަންނައިރު އެ ނިންމުމަށް މީގެ ކުރިން ވެސް ފާޑުވިދާޅުވެ ވާހަކަ ދެއްވެވި ޑރ. އިޔާޒު މިއަދު ވެސް ވަނީ އެކަމާއި ގުޅިގެން ޓްވީޓެއް ކުރައްވާފަ އެވެ. އެގޮތުން ދުނިޔޭގެ ވަގުތީ އުފަލަށް ކުޑަ އަގެއްގައި ދީން ވިއްކާ ނުލުމަށާއި ހާލަތު ރަނގަޅަށް ދިރާސާ ކުރުމަށް ފަހު، އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ފަތުވާ ނެރުމަށް އެދިވަޑައިގަތެވެ.
ޑރ. އިޔާޒު ވަނީ ދުނިޔެ މަތީގައި ކުރާ ކަންކަމާމެދު މާތްﷲ ގެ ހަޒުރަތުގައި ސުވާލުކުރެވޭނެ ދުވަހެއް އަންނަން އޮތްކަން ވެސް ހަނދާން ކޮށްދެއްވާފަ އެވެ.
ފަތުވާ މަޖިލީހުން ބުނެފައި ވަނީ މީސްތަކުންގެ މެދުގައި ހަލުވިކަމާއެކު ކޮވިޑް ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށްޓަކައި މީސްތަކުން އެއްވެގެން ހެދޭ ޖަމާއަތްތައް ހެދުން ހުއްޓާލުން ސައްހަ ކަމަށާއި ސަބަބަކީ އިސްލާމީ ޝަރީއަތުގެ މަސްދަރުތައް ބިނާވެފައި ވަނީ މީސްތަކުންނަށް ލުއިފަސޭހަކޮށްދީ ބުރަކަން ނައްތާލާ ޒަރޫރީ ހާލަތުން ދިފާއުވެ، މަގްސަދު ނައްތާލުމަށް ކަމަށްވާތީ ކަމަށެވެެ.
މިހާލަތުގައި ޖަމާއަތުގައި ނަމާދު ކުރާ މީހުންނާއި ހުކުރު ނަމާދު ކުރާ މީހުން އިޖްތިމާއީ ގައިދުރުކޮށްގެން ސަފު ހަދައިގެން ނަމާދު ކުރެވޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ދެކެވަޑައިގަންނަވާ ކަމަށާއި އިސްލާމީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިއަދު އަމަލު ކުރަމުންދަނީ މިގޮތަށް ކަމަށް އެމަޖިލީހުން ބުނެފައިވެއެވެ. އަދި މިގޮތަށް މިކަން ކުރެވޭނެކަމަށް އެގައުމުތަކުގެ ފަތުވާ މަޖިލީސްތަކުން ފަތުވާތައް ނެރެފައިވާކަމަށްވެސް ބުނެ އެވެ.