ads
ހެލްތު މިނިސްޓަރު ޑރ. އަހުމަދު ނަސީމް--ފޮޓޯ:މަޖިލިސް
ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ޖޫން މަހުގެ ކުރިން ލިބޭނެ: މިނިސްޓަރު ނަސީމް
ރާއްޖޭގެ ހުރިހާ ރަށްތަކަށް ބޭނުންވާ އެންބިއުލާންސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވެފައި ވަނީ މިއަދު ރައްޔިތުން މަޖިލީހުގައި އެމްބިއުލާންސް ލިބޭނެ ދުވަހަކާއި ގުޅޭގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ކުދި ރަަށްރަށަށް އެމްބިއުލެންސް އެކަށީގެންވާ ވަރަށް ފޯރުނުކޮށްދެެވޭ ކަމަށާއި އަދި ހާއްސަ ގޮތެއްގައި މިހާރު ކުދިކުދި ރަށްތަކަކީ އެކަހެރި ވެފައި އޮންނަ ރަށްތަކެއް ނޫން ކަމަށް ބަލާއި އެ ރަށްރަށަށް ދޭން ޖެހޭ ހިދުމަތްތައް އެހެނިހެން ރަށްރަށެކޭ ވެސް އެއްފަދައިން ދިނުމަށް މަސައްކަތް ކުރާނެ ކާމަށެވެ.

އަދި މިފަހަރު އަންނަ އެމްބިއުލެންސް ޕްރޮގްރާމްގެ އެންމެ މަތީގައި އޮންނާނީ މަކުނުދޫ ދާއިރާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި އެންބިއުލާންސް ބޭނުންވާ ރަށްތަކާއި، މިހާރު ބޭނުން ކުރަމުންދާ ރަށްތަކުގެ ތެރެއިން އެންބިއުލާންސް ހަލާކުވެފައިވާ ރަށްތައް ދެނެގަނެވި، އެންބިއުލާންސްތައް ލިބުމުން އެރަށްތަކަށް ފޮނުވުމަށް ވަނީ ހަމަޖެހިފައި. އަދި މިހާރު ތާވަލް އޮތްގޮތުން އޭޕްރީލް މަހުގެ ތެރޭގައި އެމްބިއުލާންސްތައް ލިބެން ފަށާނެ،" މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ގެންނަ އެންބިއުލާންސްތަކަކީ މިނިސްޓްރީން ގަނެގެން ގެންނަ އެމްބިއުލާންސާއި، ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބޭ އެމްބިއުލާންސްތަކެއް ކަމަށެވެ. އަދި އަމާޒަކީ މި އެންބިއުލާންސްތައް ރާއްޖެއަށް ގެނެވި މިއަހަރުގެ ޖޫން މަހުގެ ކުރިން ހުރިހާ ރަށެއްގައި އެމްބިއުލާންސް ހަމަކުރުން ކަމަށެވެ.

މިއަދު މަޖިލީހުގައި އެކި ދާއިރާތަކަށް ނިސްބަތްވާ މެމްބަރުންވަނީ އެމްބިއުލާންސްގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެގޮތުން މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރު ވަނީ، ކަންބޮޑުވުން ހުރި ރަށްތަކަށް އަދި ހާއްސަކޮށް، އެންމެ ބޮޑަށް މިކަމުގެ ބޭނުން ޖެހިފައިވާ ރަށްތަކަށް އަވަސް ގޮތަކަށް އެމްބިއުލާންސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް