ads
އެނަމާ ބޯޓު ހާދިސާގައި މަރުވީ މީހުން---
އެނަމާ ބޯޓުގެ ހާދިސާ: ސަލާމަތްވި މީހެއްގެ ދުލުން އެ ބިރުވެރިކަން!
ދެހާސް ހަތަރު ވަނަ އަހަރުގެ މާޗް މަހުގެ 17 ވީ ބުދަ ދުވަހު މުޅި ގައުމަށް ލިބިގެން ދިޔައީ ހިތާމައިން ފުރިގެންވާ ހަބަރެކެވެ. ގއ. ވިލިނގިލިން ފުރައިގެން އެއަތޮޅު ތިނަދޫއަށް 122 މީހުންނާއެކު ދަތުރު ކުރި އެނަމާ ބޯޓު ބަންޑުން ޖަހާލިއިރު އެހާދިސާގައި 24 މީހުން ވަނީ ދުނިޔެއާ ވަކިވެގެން ގޮސްފަ އެވެ.

އެ ދުވަހަކީ ފޯރިގަދަ ފުޓްބޯޅަ މެޗެއް ކުޅެވުނު ދުވަހެކެވެ. ދިވެހި ލީގަށް ކޮލިފައިވާން ޒޯން ހަތެއްގެ ތިނަދޫ މަސްވެރިންގެ ރޫހާއި، ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިއްޔާއި ބައްދަލުކުރި މެޗެވެ.

މެޗުން ބަލިވީ ތިނަދޫ ޓީމެވެ. މެޗުން ބަލިވުމާ ގުޅިގެން ހުރިހާ މީހުންގެ މޫނު މަތިން ވެސް ފެނިގެންދިޔައީ ހިތާމަވެރިކަމެވެ. މެޗު ނިމުމަށް ފަހު ޓީމުގެ ސަޕޯޓަރުން ބޯޓަށް އެރީ އިރު އޮއްސި 18:50 ހާއިރު ކަމަށް އެ ހާދިސާގައި ސަލާމަތްވި އިބްރާހިމް ރަޝީދު ސީއެންއެމްއަށް ކިޔައިދިނެވެ.

އިބްރާހިމް ކިޔައިދިން ގޮތުގައި އެދުވަހަކީ ކަނޑު ވަރަށް މަޑު ދުވަހެކެވެ. ވައިކޮޅެއްވެސް އެއްގޮތަކަށް ވެސް ނުޖެހޭކަމަށް އޭނާ ކިޔައިދިނެވެ.

އެ ބޯޓު ވިލިގިނލިން ނައްޓާލައިގެން ދަނިކޮށް ކުއްލިއަކަށް ބޯޓުގެ އިންޖީނު ހުއްޓުނެވެ. އިންޖީނަށް ދިމާވި މައްސަލަ ބެލުމަށްފަހު ފިލްޓަރު ބަދަލުކޮށް އަނެއްކާވެސް ދަތުރު ފެށިއެވެ. ރަށަށް ދެވޭނެ ކަމުގެ ފޮނި އިންތިޒާރުގައި ދަތުރު ފެށިއައިސް މި ދަތުރަކީ ފޮނި ދަތުރަކަށް ނުވި އެވެ. 

އިބްރާހިމް ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގި ވަގުތު އޭނާ ހުރީ، އެ ދޯނީގެ މަތީގައި ވީލްހައުސް ކައިރީގައި ހުރި ޓެންޓުގަ އެވެ. ދޯނި އިންޖީނު ހުއްޓިގެން މަޑުކުރުމުން ހޫނުވަތީ އޭނާ ދޯނީގެ ތިރިއަށް ގޮސް ދިރުބާ ކޮޅުގައި މަޑުކޮށްގެން ހުރީ ކަމަށް ބުންޏެވެ. އެތަނުގައި ހުއްޓާ ދޯނި އަނެއްކާ ދަތުރު ފެށި ކަމަށް އޭނާ ބުނެ އެވެ. 

އެ ވަގުތު، ދިރުބާކޮޅުގައި ދެ ޖިންސުގެ ޒުވާނުން ތިބީ މިއުޒިކް ކުޅެ މަޖާކުރަން ކަމަށެވެ. 

އެކަމުގެ ތެރޭގައި މަޖާކުރަން ތިއްބާ އޭނާއަށް އަރުތަ ދޯނި ދަތުރު ކުރަމުން ދިޔަ މަންޒަރު ފެންނަން ފެށިކަމަށް އިބްރާހިމް ކިޔައިދިނެވެ. އަދި އެ ދޯންޏާއި އެނަމާ ބޯޓާއި ދެމެދު 600 ފޫޓު ހުރި ކަމަށާއި އެހެން ނަމަވެސް އެ ދޯނި ހުރީ އެނަމާގެ ކުރިމަތިން ހުނޅަގު އުތުރަށް ކަމަށް އިބްރާހިމް ބުނެ އެވެ،

އޭނާ ކިޔައިދިން ގޮތުގައި އެނަމާ ބޯޓު ބަންޑުން ޖެހިކަމަށް ލަފާކުރެވެނީ އަރުތަ ދޯނި ވަރަށް ސްޕީޑްގައި ކައިރިން ދިޔުމުން ރާޅުގެ ބާނިން ކަމަށް ބެލެވެ އެވެ.

އެގޮތުން ތިނަދޫން އެނަމާ ބޯޓު ނައްޓާލިއިރު ވެސް އެހޭ ގިނަ މީހުން ނޭރުމަށް ނަސޭހަތްތެރިވިއެވެ.

ބޯޓުގެ މައްޔާލުގެ ޗެންޗޭނުގައި ލެގިލައިގެން ހުއްޓާ ކައިރިން ދިޔަ ދޯނީގެ ރާޅުގެ ލޮޅުން އަރާއި ބޯޓު ކުޑަކޮށް އަރިއަޅާލި އެވެ. އެގޮތުން ބޯޓު ބަންޑުން ޖަހާލަނީއޭ ހިތަށް އެރިތަނާހެން ދެވަނަ ފަހަރު އަރިއަޅާލިތަނާ އެނަމާ ދޯނި ބަންޑުން ޖަހާލީ އެވެ. 

ބޭއިހްތިޔާރުގައި ކަނާތު ފަރާތުން ޗެންޗޭނުގައި އިބްރާހިމަށް ހިފުނެވެ. އަދި ދަގަނޑުގަނޑުގައި އޭނާ އެލިގަނެގެން އޮތްއިރު ދޯނީގައި ތިބި އެހެން މީހުން ކަހާލައިގެން މޫދަށް ވެއްޓެމުންދިޔަ މަންޒަރު އިބްރާހީމްގެ ލޯކުރިމަތިން ފެންނަމުންދިޔަ އެވެ. ރޭގަނޑުގެ އެ ބިރުވެރި ހާދިސާއިން ސަލާމަތްވުމަށް އިބްރާހީމް ވެސް މަސައްކަތް ފެށި އެވެ. އެގޮތުން ޗެންޗޭނުގައި ހިފައިގެން އޭނާއަށް ފަށަން މައްޗަށް އެރުނެވެ. 

ދޯނި މައްޗަށް އަރާއި ބެލިއިރު ފެނުނީ ހިތްފަޅައިގެންދާ ވަރުގެ މަންޒަރެކެވެ. އެ ހާދިސާއިން ސަލާމަތްވާން މީހުން މޫދުގައި ތެޅި ފޮޅެމުންދިޔަ އެވެ. ރުއިމާއި ހަޅޭކުގެ އަޑެވެ. ދެން އިބްރާހީމް، އޭނާއަށް މީހަކު ސަލާމަތްކުރެވޭތޯ މަސައްކަތް ފެށި އެވެ. އެގޮތުން އަރުތަ ފަހަތުގައި އިން މާކަރީ ލައިޓެއްގެ އަލި ކޮންމެވެސް ވަރަކަށް ހުރުމުން އިބްރާހީމްގެ ލޮލުގައި އަޅައިގަތީ ހާދިސާގައި ދުނިޔެއިން ވަކިވި، ރަޝާދާ ރަޝާދުގެ ކޮއްކޮ ރުފޫނާ ރަޝާދެވެ.

އެއާއެކު އެ ދޯނި އަނބުރާލިތަން ފެނުމުން އަވަހަށް ރުފޫނާ ނަގައިގެން އެހެން ކުދިންގެ ކައިރީގައި މައްޔާލުގެ ފަށަނުގައި ހިފަހައްޓައިގެން އޮތުމަށް އެދުނެވެ.

އަރުތަ ދޯނި ތިން މިނެޓްގެ ތެރޭގައި އެ ބޯޓާ ކައިރިކޮށް މީހުން ނަގަން ފެށި އެވެ. އަދި އޭނާ މޫދަށް ފަރިތަކަމުން އަވަހަށް މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ އެވެ. 

އިބްރާހިމް ކިޔައިދިން ގޮތުގައި އެ ސަރަހައްދުން ދިޔަ ގއ. ދާންދޫ ދޯންޏެއް ކަމަށްވާ "މިޔަރެން" ދޯނި ދިޔައީ އަރުތަ ދޯންޏަށް ގިނަ މީހުން އަރުވާފައިވާތީ ކަމަށް ބެލެވެ އެވެ.

އަދި ގިނަ އިރުތަކެއްނުވެ އެނަމާ ބޯޓު ބަންޑުން ޖަހާލި ހަބަރު ލިބި ކޯސްޓްގާޑާއި ވަރަށް ގިނަ ދޯނިތައް އެ ސަރަހައްދަށް މީހުން ސަލާމަތްކުރަން ދިޔަ އެވެ. 

އަރުތަ ދޯނީގައި ރަށަށް ދިޔުމުގެ މަގުމަތީގައި އެ ދޯނިވެސް ގަލަކަށް އެރި އެވެ. އަދި އެ ރަށުގެ ހޮސްޕިޓަލު ދޯނި އޮތީ ވަރަށް ކައިރީގައިކަމަށްވުމުން ދެން އެ ދޯންޏަށް މީހުން އެރުވި އެވެ. 

ނާމާން އެ ހާދިސާއަށްފަހު ރަށަށް ދެވުނުއިރު ބަނދަރުމަތީގައި ރަށުގެ މީހުންތައް އެއްވެފައި އޮތީ އެ ހިތަމާވެރި ހާދިސާގެ އަޑު ރަށު ތެރޭގައި ދެކެވެމުންދިޔުމުންނެވެ. އެތަނަށް އެއްވެފައި އޮތް މީހުންގެ މޫނުމަތިން ބިރުވެރިކަމާއި ހިތްދަތިކަން ފެނިގެންދިޔައީ އެ ހާދިސާގައި އެއިން މީހެއްގެ އާއިލާގެ މީހެއްގެ ފުރާނަ ގެއްލިދިޔަތޯ ހިތާހިތާ ސުވާލުކުރަމުންނެވެ. 

ދޯނި ބަނދަރާއި ގާތްކުރި ގޮތަށް އޭގައި ތިބި މީހުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. 

އިބްރާހިމްގެ ލޯކުރިމަތީގައި އޭނާގެ ވަރަށް ގާތް އެތައް ބަޔަކު ދުނިޔެއާ ވަކިވެގެންދިޔަ އެވެ. އެ ހިތާމަޔާހުރެ އެތައް ދުވަހަކު އޭނާ ހުރީ ކަނޑުމައްޗަށް އަރަން ޖެހިލުންވެފަ އެވެ. އެކަމަކު މިއަދު އެހާދިސާއަށް 17 އަހަރުވެގެންދާއިރު މިހާރު ހުރީ ހަމައަކަށް އެޅިފަ އެވެ. ނަމަވެސް އެ ދުވަހުގެ އެ ބިރުވެރި ހަނދާން އިއްޔެވީ ކަމެއްހެން އޭނާގެ ސިކުނޑީގައި ހަރުލާފައި އެބަހުއްޓެވެ. 

އެނަމާ ބޯޓުގެ ހާދިސާއަކީ ރާއްޖެގައި ކަނޑުމަތީގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. އެ ހާދިސާގައި 24 މީހުން މަރުވެފައިވާއިރު ދެ މީހަކު ވަނީ ގެއްލިފަ އެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެ އެވެ. 

ތިނަދޫއެކޭ އެއްގޮތަށް މުޅި ރާއްޖެ މި ހާދިސާއާއެކު ރޮއްވާލި އެވެ. 

21%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް