ހާމިދު މިހެން ވިދާޅުވީ މިއަދު ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓު ހިންގާ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އެގޮތުން މިހާ ބޮޑު ގެއްލުމެއް މި ސިނާއަތަށް ލިބިފައިވާއިރު، މިއީ އިޔާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް ކަމަށް ހާމިދު ވިދާޅުވި އެވެ.
ހާމިދު ވިދާޅުވީ ދުނިޔޭގެ އެހެން ތަންތަނުގައި އިންވެސްޓްމަންޓު ބޭންކުތަކާ ޑިވަލޮޕްމަންޓް ބޭންކްތައް ފަދަ ތަންތަން ހުރުމުން ވިޔަފާރަވެރިންނަށް ލުއިފަސޭހަތަކެއް ލިބިދޭ ކަމަށާއި، ނަމަވެސް ރާއްޖޭއަކީ އެކަހަލަ ފައިނޭންޝަލް އިންސްޓްޓިއުޓެއް އޮތް ތަނެއް ނޫންކަމަށެވެ.
މީގެ އިތުރުން އަމިއްލައަށްވެސް މި ދާއިރާގައި މަސައްކަތް ކުރާތާ 30 އަކަށް އަހަރު ވެފައިވާއިރު، އަމިއްލަ އަށް ހިންގާ ތިން އައުޓްލެޓް ކޮވިޑާއި ގުޅިގެން ބަންދުކުރަން ޖެހުމު ކަމަށް ހާމިދު ވިދާޅުވި އެވެ. އަދި ކޮވިޑާއި ގުޅިގެން ރާއްޖޭގައި މި ސިނާއަތަށް ނިސްބަތްވާ 50 އަށް ވުރެ ގިނަ އައުޓްލެޓް ބަންދުކޮށްފައިވާ ކަމަށް ހާމިދު ވިދާޅުވި އެވެ.
ހާމިދު ވަނީ އެމީހުން ހިންގާ އައުޓްލެޓުތައް ބަންދު ކުރަންޖެހުނު ފަރާތްތަކުން އެމީހުންގެ ދަރަނި އަދާކުރާނީ ކިހިނެތްތޯ ސުވާލު އުފައްދާފައެވެ. އަދި މިކަމުގައި ޒިންމާވާނީ ކޮންބައެއްތޯ ސުވާލު ކޮށްފަ އެވެ.
ދަރަނި ނުދެއްކުމުގެ އިތުރުން ދިރުއުޅުން މާލެ ބަދަލު ކުރި އެތައް ބައެއް، ދަރިން ސްކޫލުން ވަކިކޮށް ރަށްރަށަށް ހިޖުރަ ކުރަން މަޖުބޫރުވެފައި ވާކަމަށް ހާމިދު ވިދާޅުވިއެވެ. އަދި އެދެނީ މިއަށްވުރެ ޒިންމާދާރުކޮށް ކަންކަން ކުރުން ކަމަށް ހާމިދު ވިދާޅުވިއެވެ.
ހާމިދު ވިދާޅުވީ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓު ހިންގާ ފަރާތްތަކުން އެދެނީ މި ސިނާއަތާއި ގުޅުން ހުރި ނިންމުންތައް ނިންމާއިރު، އެމީހުންގެ ބަހެއް ހޯދުމަށް ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމަށް ދީފައިވަނީ ބީރު ކަންފަތެއް ކަމަށް ހާމިދު ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓު ހިންގުމާއި ގުޅިގެން އާޅަފައިވާ ގިނަ ފިޔަވަޅުތަކާއި ގުޅިގެން އެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެގޮތުން އެފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށް، މި ހަފްތާތެރޭ ވަނީ މަޖިލީހުގެ ރައީސްއަށް ސިޓީއެއް ފޮނުވާފައެވެ.