ads
ފޮޓޯ---އެނަމާ ހާދިސާ
ކޮއްކޮގެ މިލަވަ ފެންނަ ކޮންމެ ފަހަރަކު ރޮވޭ: އަމީގެ ބޭބެ
ދެހާސް ހަތަރު ވަނަ އަހަރުގެ މާޗް މަހުގެ 17 ވީ ބުދަ ދުވަހު ގއ. ވިލިނގިލިން ފުރައިގެން ގދ. ތިނަދޫއަށް 122 މީހުންނާއެކު ދަތުރު ކުރި އެނަމާ ބޯޓު ބަންޑުން ޖަހާލިއިރު އެހާދިސާގައި 24 މީހުން ވަނީ މަރުވެފައެވެ.

އެހާދިސާގައި 24 މީހުން މަރުވެފައިވާއިރު ދެ މީހަކު ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. އެނަމާ ބޯޓު ބަންޑުން ޖަހާލާ އެތައް ބައެއްގެ ފުރާނަ ދިޔަ ހަބަރު ވެގެން ދިޔައީ މުޅި ގައުމު ރޮއްވާލި ހާދިސާއަކަށެވެ.  

އެހާދިސާގައި މަންމާއި ކޮއްކޮގެ އިތުރުން ތިމާގެ ބަޔަކުވެސް ދުނިޔެ ދޫކުރި ވާހަކަ މުހައްމަދު އަހްތަރު ކިޔައިދިނީ ރޮމުން ފެންކަޅިވެފައި ހުރެގެންނެވެ. ހާދިސާއަށް މިއަދަށް 17 އަހަރުވެގެންދިޔަސް، ހިތުގައި އަޅާ ވޭނާއި ކެކުޅުމަކަށް ހަމަ ކުޑަވެސް ބަދަލެއް ނާދެ އެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގިއިރު އޭނާ ހުރީ ރަށު އެވެ. ރަށުގައި ހުރިނަމަވެސް އަހްތަރަކީ އޭރު ވެސް ނޫސްވެރިއެކެވެ. މިއަދު ނޫހުގައި އޭނާ އޭރު މަސައްކަތްކުރަމުން އައިއިރު ދެއްވަދޫއިން އޭނާއަށް ރައްޓެއްސަކު ގުޅާއި އެނަމާ ބޯޓުގެ ހާދިސާ ހިނގައިގެން އުޅޭކަމުގެ ހަބަރު ދިނެވެ. 

ރަށުގައި ހަލަބޮލި ކަމެއް އުފެދި، އެންމެންވެސް ތިބީ ހާސްކަމެއްގެ ތެރޭގައި ވާނުވާ ނޭނގިފައި ކަމަށް ވެސް އަކްތަރު ބުންޏެވެ. އެއާއެކު ރަށުގެ ތެރޭގައި އެކި ގޮތްގޮތަށް ވާހަކަ ފެތުރުނެވެ. އެ ބޯޓު ފަރަށް އެރީ ކަމަށް ވާހަކަ ދެެކެވެމުން އައިއިރު އަނެއް ކޮޅުން ވާހަކަ ފެތުރެމުންދިޔައީ ބޯޓު ބަންޑުން ޖަހާލި ކަމަށެވެ. އޭރު ވާނުވާ ނޭނގި ތިބެ މީހުން ރަށު ތެރޭގައި ވާހަކަ ދައްކަމުންދިޔައީ ތުންތުން މަތިން އިވެމުން އައި ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ.

އަހްތަރު ބުނީ އެނަމާ ބޯޓުގައި އޭނާގެ އާއިލާގެ ބާރަވަރަކަށް މެމްބަރުން ދަތުރުކުރި ކަމަށެވެ. ނަމަވެސް އޭރު ހާދިސާގައި އަނިޔާވީ ކޮން އާއިލާއެއްގެ ކާކަށް ކަމެއް ނޭނގެ އެވެ. ހާސްކަމުގައި ރަށުގެ ރައްޔިތުން ތިބީ ބަނދަރަަށް އެއްވެ އެވެ.

އެ ވަގުތުގެ ހަލަބޮލިކަން ކިޔައިދެމުން އަހްތަރު ބުނީ އެއް ބަޔަކު އެނަމާ ބޯޓު ކައިރިއަށްދާން ފުރަމުންދިޔަ ކަމަށެވެ. އަނެއް ބަޔަކު ދުއްވައިގަތީ ހޮސްޕިޓަލާ ދިމާލަށެވެ.

ކޮންމެއަކަސް، އެނަމާ ބޯޓުގައި ކަނޑުވި މީހުންގެ ތެރެއިން އެއް ބަޔަކު ހަރަކާތެއް ނެތި އޮތް މަންޒަރު ފެނި އާއިލާގެ މީހުން ބައްދާއިި ރޮމުން ދިޔަ އެވެ. އެ މަންޒަރުތައް ކައިރިން ބަލަމުންދިޔަސް އޭރު ވެސް އަހްތަރަށް އޭނާގެ އާއިލާގެ މީހަކު މަރުވިކަމަށް ހިތަށް ވެސް ނާރަ އެވެ. 

އަހްތަރަކީ ނޫސްވެރިއަކަށް ވުމުން އޭނާ ދިޔައީ އެމީހުންގެ ފޮޓޯތައް ނަގަމުން މާލޭގައި ތިބި ނޫސްވެރިންނަށް ފޮނުވަމުންނެވެ. އަދި ފޮޓޯ ނަގަން ހޮސްޕިޓަލަށް ވަތް ވަގުތު، ބޭބެއަކު އައިސް އަހްތަރުގެ ކޮނޑުގައި އަތްއަޅާއި ހިތްވަރުދޭން ފެށި އެވެ. ކަމެއް ގޯސްވިކަން އަހްތަރަށް ރޭކާލީ މި ހިސާބުންނެވެ. ހަނދާނެ ގޮތް ހުސްވެ، މީހާ ގަނޑުވި އެވެ. 

އެ ހާދިސާގައި މަންމާއި ކޮއްކޮ މަރުވީ އެވެ. އިއްޔެވީކަމެއްހެން މިއަދު ވެސް އެހަނދާންތައް އޭނާގެ ހިތުގައި ހަރުލާފައި ހުރީ ހިތި ތަޖުރިބާއެއްގެ ގޮތުގަ އެވެ. 

އަހްތަރު ދިރިއުޅޭ ގެއަކީ ގަބްރުސްތާނުގެ ކުރިމައްޗަށް ހުންނަ ގެއަކަށްވުމުން މަންމަ އާއި ކޮއްކޮގެ މަހާނަ ކޮންމެ ދުވަހަކު އޭރު ފެނެ އެވެ. އެކަމާއި ހުރެ އޭރު ވަރަށް ހިތަށް އުނދަގޫވި އެވެ. އަދި ކޮންމެ އަހަރަކު މިދުވަހުގެ ހަނދާން އާކުރާތީ އާއި އޭނާގެ ކޮއްކޮ އަމީ ފެނިގެންދާ "ތިހާ ފަރިކަން ނުވެއޭ މަލެއް ފެނުމުން" ލަވަ ޓީވީން ފެންނަ ކޮންމެ ފަހަރަކު ވަރަށް ދެރަވާ ކަމަށެވެ. 

އަދިވެސް އެހާދިސާ ލޯ ކުރިމަތީގައި އިއްޔެ ހިނގި ކަމެއްހެން ސިފަވާ އަހްތަރަށް ސިފަވެއެވެ.

50%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
32%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް