ads
އޭސީސީ ---
ގެއްލުންވާ ގޮތަށް ބޭސް އެތެރެކުރި މައްސަލަ ޕީޖީ އަށް!
ދައުލަތަށް ގެއްލުންވާ ގޮތަކަށް 2016 ވަނަ އަހަރު ރާއްޖެއަށް އެސްޓީއޯއިން ބޭސް އެތެރެ ކުރި މައްސަލައިގައި އެސްޓީއޯގެ ދެ ވެރިއަކަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ޕޮނުވައިފި ކަމަށް އެ ކޮމިޝަނުުން ބުނެފި އެވެ.

އެގޮތުން މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ އެސްޓީއޯ މެޑިކަލް ސާވިސް ޑިޕާޓްމަންޓްގެ ހެޑްގެ މަގާމުގައި ހުރި ހުސައިން ސަބާހު އަދި އެ ޑިޕާޓްމަންޓުގެ ޕްލޭނިންގް މެނޭޖަރުގެ މަގާމުގައި ހުރި ހަމްދޫން ފާއިޒްގެ މައްޗަށް ކަމަށް އޭސީސީން ބުނެއެވެ.

މި ދެމީހުނަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެއެވެ.

މި މައްސަލައިގައި އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުގައި، އެސްޓީއޯއިން އެޓޮވަސްޓެޓިންގެ ބްރޭންޑެއް ކަމަށްވާ އެޓޮކޯގެ 40މގ. އަލަށް ރާއްޖެ ގެނައުމަށް، އިތުރު ބޭސް ހިމެނޭގޮތަށް ރާއްޖެއިން ބޭރުގެ ބޭސް އުފައްދާ ކުންފުންޏަކާއެކު 2015ގައި ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓެއްގައި ސޮއިކޮށްފައި ވާކަން ފާހަގަ ކުރެވުނު ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން އެ ބޭހުގެ 40މގ. އަކީ އޭގެ ކުރިން ގެނެސްފައިނުވާ، އެ ބޭހުގެ އާ ޑޯސޭޖެއް ކަމަށާއި، ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ބޭނުން އޮތް މިންވަރު ބަލާފައިވާކަން ލިޔުމުން އެނގެން ނެތް ކަމަށް އޭސީސީން ބުނެފައި ވެއެވެ. 

މީގެ އިތުރުން އެ ބޭހަކީ ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހިހެން ގެންނަ ބަލިމީހުންނަށް ހައި ޑޯސޭޖެއް ދިނުމުގެ ގޮތުން ދޭ ޑޯސޭޖެއް ކަމަށާއިމ އާންމުކޮށް ބަލިމީހުންނަށް ލިޔެދެނީ 10މގ، އަދި 20މގ ކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަ ވެފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މި މައްސަލައިގައި ތަހުގީގަށް ބަޔާން ދިން ޑޮކްޓަރުން ވަނީ މި ބޭހުގެ 40މގ ދޭން ޖެހޭ މީހުން ނިސްބަތުން މަދުވާނެ ކަމަށް ބުނެފައި ކަމަށް އޭސީސީން ބުނެއެވެ. އަދި މި ބޭހުގެ 40މގ އަކީ އާންމުކޮށް ގިނަ ދުވަހަށް ބަލި މީހުން ބޭނުން ކުރުމަށް ޑޮކްޓަރު ލިޔެދޭ ޑޯސޭޖެއް ނޫންކަން ކޮމިޝަންގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި، ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓްގައި އެސްޓީއޯއިން އެޓޮކޯގެ 40މގ އަށް ފޯކާސްޓްކޮށްފައިވާ އަދަދަށްވުރެ އިތުރަށް ބޭސް އޯޑަރުކޮށް ގެނެސްފައި ވެއެވެ. އަދި 2016ގައި އެސްޓީއޯއިން ވަނީ އެޓޮކޯގެ 40މގ ގެ 560,000 ގުޅަ އޯޑަރުކޮށް ލިބުނު ބޭހުގެ އަގަށް 2,928,487.45 ރުފިޔާ ހަރަދުކޮށްފައިކަން އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ. 

މީގެ އިތުރުން 2016 ވަނަ އަހަރު ބޭސް ގެނެސްފައިވަނީ އެގްރީމަންޓުގައި ފޯކާސްޓުކޮށްފައިވާ އަދަދާއި މެޑިކަލް ސާވިސް ޑިޕާޓްމަންޓުން ފޯކާސްޓުކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ. 

2016 ވަނަ އަހަރު ރާއްޖެ ގެނެވުނު އެޓޮކޯގެ 40މގ ގެ ބޭހުގެ މުއްދަތު 2018ގައި ހަމަވި އިރު، ބެޗުގެ ބޮޑުބައެއް ނުވިކި ހުރުމުގެ ސަބބަުން އެސްޓީއޯއަށް 2,787,457.13 ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަން އެސްޓީއޯއިން ފާހަގަ ކުރެއެވެ. 

އޭސީސީން ވަނީ، 2016ގެ ބެޗުން ވިކުނު އަދަދުތަކާއި، 2018 އިން ފެށިގެން ގެނެސް ވިކުނު އެ ބޭހުގެ އަދަދުތަކަށް ބެލުމުން 2018 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން ގެނެސްފައިވާ ބޭހުގެ އަދަދުތަކަކީ ރާއްޖޭގެ މާކެޓުގައި އެ ބޭހުގެ ޑިމާންޑު އޮތްވަރުކަން އެނގޭ ކަމަށެވެ. އަދި 2016 ވަނަ އަހަރު މި ބޭސް ގެނެސްފައިވަނީ މާކެޓުގައި ޑިމާންޑު އޮތް މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ކަން ފާހަގަވެފައިވާކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ. 

އެއާއެކު ސޮބާހު އަދި ހަމްދޫން އަށް ދައުވާ ކުރީ، އެ މީހުން މި މައްސަލައިގައި އަމަލު ކުރި ގޮތުގެ ސަބަބުން ދައުލަތަށް ދެމިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނުކަން ތަހުގީގަށް ލިބިފަިއ ހުރި ހެކިތަކުން އެނގޭތީ ތަކަށް އޭސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް