މިއަދު ވެސް ފުލުހުން ސައިކަލެއް ގެއްލިގެން ހޯދުމަށް ޓްވީޓެއްކޮށް ބުނެފައި ވަނީ މިއީ ނޫ އަދި ފެހި ކުލައިގެ ސައިކަލެއް ކަމަށާއި މި ސައިކަލު ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 8:04 ގައި ކަމަށެވެ. މި ވޭވް 110 ގެއްލިފައި ވަނީ ބޮޑުރަސްގެފާނު މަގު ފާސްޓް ފިކްސް ކައިރީގައި ޕާކު ކޮށްފައި ހުއްޓަ އެވެ. ގެއްލިގެން ހޯދާ މި ސައިކަލުގެ ރަޖިސްޓްރޭޝަން ނަންބަރަކީ P4016 އެވެ.
މީގެ އިތުރުން ރޭގެ ވަގުތެއްގައި އިންޑަސްޓްރިއަލް ޒޯނުގައި ޕާކު ކޮށްފައި ހުރި ސައިކަލެއް ގެއްލިފައި ވާއިރު، މި މަހު 19 ގައި މަޖީދީ މަގު ޒިކުރާ މިސްކިތް ކައިރިންވެސް ވަނީ ސައިކަލެއް ގެއްލިފައެވެ. އަދި ހަމަ އެ ދުވަހުގައި ހެންވޭރު ހިކި ފިނިފެންމާގޭ ޕާކިންޒޯނުގައި އިން ކަޅުުލައިގެ ވޭވް 125އެސް އެއް ގެއްލިފައި ވާއިރު، މި މަހުގެ 18 ވަނަ ދުވަހު އިސްކަންދަރު މައިޒާން ޕާކިން ޒޯނުގައި އިން ނޫ ކުލައިގެ ވޭވް 125 އެއް ވެސް ވަނީ ގެއްލިފައެވެ.
މިފަހުން އަދި ވަކިން ހާއްސަކޮށް މި ފާއިތުވި ދެތިން ދުވަހު މާލޭގެ އެކި ސަރަހައްދުތަކުން ސައިކަލު ވަގަށް ނެގުން އާންމުވެފައިވާއިރު މި ގޮތަށް ގެއްލިގެން ހޯދާ ސައިކަލު، ހެޔޮ އަގުގައި ވިއްކާލަން އުޅުމާއި އަދި ބޭނުންކުރަމުންދަނިކޮށް ވެސް އަތުލައިގެންފައި އެބަ ހުއްޓެވެ.
ސައިކަލު ވަގަށް ނެގުމުގެ އިތުރުން ސައިކަލުގައި ހުންނަ ލޯގަނޑާއި އަދިވެސް އިތުރު ސާމާނު ވަގަށް ނަގާ ކަމުގެ ޝަކުވާއަކީ ރައްޔިތުން ކަންބޮޑުވުމާއެކު ކުރަމުންދާ ޝަކުވާތަކެވެ. ވަގުން ރޯމާއި ދުވާލު މިފަދަ އަގުބޮޑު ސާމާނު ވަގަށް ނަގަމުން އަންނައިރު މީގެ ކުރިން ފުލުހުން ވެސް ވަނީ އެފަދަ މުދާ ގެންގުޅޭ ފަރާތްތަކުން ވަރަށް ސަމާލުވުމަށް އެދިފަ އެވެ. އަދި ރައްކާތެރިވުމަށް ރަނގަޅަށް ލޮކްކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.