2019 ވަނަ އަހަރު ވުޖޫދުވި، ސީއެންއެމް ޓީވީ ޗެނަލް އެންމެ ފުރަތަމަ ބްރޯޑްކާސްޓް ކުރަން ފެށީ ދިރާގު ޓީވީންނެވެ. އަދި ސީއެންއެމްގެ ފޭސްބުކާއި ޓްވީޓާ މެދުވެރިކޮށް ޕްރޮގްރާމުތައް އައީ ލައިވްކުރަމުންނެވެ.
މިއަދުން ފެށިގެން މީޑިއާނެޓުން ސީއެންއެމް ޓީވީ ޗެނަލް ދައްކަން ފަށާފައިވާއިރު މި ޗެނަލް ފެންނާނީ މީޑިއާނެޓުގެ ޗެނަލް ނަންބަރު 122 އިންނެވެ.
އެންމެ ފުރަތަމަ އޮންލައިން ނޫހެއްގެ ގޮތުގައި އެކަނި ސީއެންއެމުން ކިޔުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދިއިރު ފާއިތުވި ނުވަ އަހަރުގެ ތެރޭގައި ތަފާތު އެކި ގޮންޖެހުންތަކާއި ސީއެންއެމްއާ ކުރިމަތިލާން ޖެހުނެވެ.
މީގެ ނުވަ އަހަރުކުރިން، މޭ 3، 2011 ގައި ސީއެންއެމުގެ ދަތުރު ފެށީ ވެސް މީޑިއާތަކުގެ މައްޗަށް އޮތް ނުފޫޒާއި އެކުގައި މަސައްކަތް ކުރި ނޫސްވެރިންނަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކުގެ ތަޖުރިބާއާ އެކު އެ ނޫން މަންޒިލެއް ހޯދުމަށެވެ. ތަފާތު ދަތިތަކާއި ގޮންޖެހުންތައް ކުރިމަތިވަމުންދިޔަ ނަމަވެސް ސީއެންއެމުގެ ޓީމުގެ މި ދަތުރަށް ފަހިކަން ހޯދުމުގައި މިއަދާ ހަމައަށް ވެސް މިތިބީ އޮޑި ދުއްވުމުގައި ވަރުބަލިކަމެއް ނެތި އެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީން ވެރިކަމުގައި ކުރިމަތިވި ސިޔާސީ ޕްރެޝަރު ބޮޑުވެގެން ސީއެންއެމްއިން ކުރަމުން އައި ދަތުރު މެދު ކަނޑާލަން ވެސް ޖެހުނެވެ. އެ ހިތްދަތިކަން އިހުސާސް ކުރަން ޖެހުނީ ސީއެންއެމް ރަޖިސްޓްރީކުރި އެންމެ މުހިންމު މަގުސަދު، ރައްޔިތުންނަށް ހަގީގަތް ހާމަކުރަން ކުރި މަސައްކަތް ހުއްޓާލުމަށް ބާރު ހުރި ފަރާތްތަކުން ކުރި ޕްރެޝަރަށް ބޯނުލެނބުމުންނެވެ.
ސީއެންއެމްގެ ދަތުރު ކުރުކޮށްލި ނަމަވެސް، ސީއެންއެމް ޓީމުން ކުރަމުންދިޔަ ދަތުރު ހުއްޓައެއް ނުލެވެ އެވެ. ސީއެންއެމްގެ ޓީމުން ވަނީ ވޮއިސް އޮފް ފްރީ ޕްރެސް (ވީއެފްޕީ) ގެ ނަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ނިކުމެފަ އެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު، ރިޔާސީ އިންތިހާބަށް ވޯޓު ލާން ތައްޔާރުވެފައި ވަނިކޮށް، އަޅުގަނޑުމެންގެ ޓީމުގެ ހަގީގީ ނަން "ސީއެންއެމް" ދަތުރައިގެން ވަނީ ދުއްވަން ފަށާފަ އެވެ.