ads
ފޮޓޯ: ޕީޕީއެމް
އުނގޫފާރަށް ދިޔަ ސަރުކާރުގެ ޓީމު ކަރަންޓީނު ނުވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި
ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ބައެއް މަޖިލީހުގެ މެމްބަރުން ހިމެނޭގޮތަށް މިމަހު އަށްވަނަ ދުވަހު ރ. އުނގޫފާރަށް ވަޑައިގަތް ސަރުކާރުގެ ޓީމަށް ކަރަންޓީނުވާން ނާންގާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، އުނގޫފާރުން ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާކަން ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ރަށް މޮނީޓަރިންގްއަށް ލުމުގެ އިތުރުން އެ ރަށަށް މިމަހު އެއްވަނަ ދުވަހުން ފެށިގެން ދަތުރު ކުރި އެންމެން ކަރަންޓީނު ވުމަށް އެޗްޕީއޭއިން އަންގާފައިވާކަން އިދިކޮޅުގެ މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އުނގޫފާރަށް މި މުއްދަތުގައި ދަތުރުކުރި އެންމެން އެކަން ކަމާބެހޭ އިދާރާތަކަށް އަންގާ، ކަރަންޓީނުވާން އަންގާފައިވާއިރު، މިމަހު އަށެއްގައި މިނިސްޓަރު ނަސީމާއި މަޖިލީހުގެ މެމްބަރުން ހިމެނޭގޮތަށް އުނގޫފާރަށް ވަޑައިގަތް ސަރުކާރުގެ ޓީމުން ވަނީ ރަށަށް އަރާ، އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް، ރަށުތެރޭ ހަރަކާތްތެރިވެފައި ކަމަށް އިދިކޮޅު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އުނގޫފާރުގައި ކޮވިޑް ފެތުރުމަކީ މުޅި އަތޮޅަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަކަށްވުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ރަށްރަށުން އުނގޫފާރަށް މިމުއްދަތުގައި ދަތުރުކުރި އެންމެން ކަރަންޓީނުކޮށް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަމުންދާއިރު، ހުރިހާ ފަރާތްތަކަށް ހަމަހަމަ ކަމާއެކު އުސޫލުތައް ތަންފީޒު ކުރުމަށް އިދިކޮޅުން ގޮވާލާފައިވެ އެވެ.

މީގެ އިތުރުން އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން އަތޮޅުތެރެއަށް ދަތުރުކުރި ފަރާތްތަކުގެ ފުށުން އެކި ސަރަހައްދުތަކުގައި މީގެ ކުރިންވެސް ކޮވިޑް ފެތުރި، ރައްޔިތުންނަށް ނުހަނު ބޮޑު ދަތިތަކާ ކުރިމަތިވި ކަމަށް އިދިކޮޅުން ފާހަގަ ކޮށްފައިވެއެވެ. އަދި ރާއްޖެއިން ބޭރުގެ ދެ ގައުމަކަށް ރައީސް ސޯލިހު ކުރެއްވި ދެ ދަތުރުފުޅަށްފަހު، ކަރަންޓީނުވުމެއް ނެތި އަލުން ބޮޑު ވަފުދަކާއެކުއައްޑޫ ސިޓީއަށް ވަޑައިގަންނަވަން އުޅުއްވާކަމަކީ އެކަމުގައި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަންގެ މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެ ކޯލިޝަނުން ވަނީ އުނގޫފާރުން ޕޮޒިޓިވްވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރުމަށް ދުއާ ކުރާ ކަމަށް ބުނެފައެވެ. އަދި އުނގޫފާރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް، ސިއްހީ ފަރުވާ ދިނުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް