ads
ސީސީޓީވީ
ޖޯލިފަތި ސީސީޓީވީ: ރާއްޖޭގެ ހާއްސަ "ޓެކްނޮލޮޖީ"އެއް!
ޒަމާނުއްސުރެ މުނިފޫހި ފިލުވައިލުމަށް ޓަކައި އަތިރިމަތީގައި ޖޯލިތަކާއި ހޮޅުއަށި ތަކުގައި ވާހަކަ ދައްކައި، މަޖާކޮށްލަން ތިބުމީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް މިހާރު މިވަނީ މިސްރާބު ބަދަލުވެ، މިކަންތައް މުޅިން އެހެން ދިމާލަކަށް ދާން ފަށާފައެވެ.
Advertisement

އެގޮތުން މިހާރު މިފަދަ ތަންތަނުގައި ތިބޭ މީހުން މިވަނީ "ސީސީޓީވީ" ކެމެރާ ތަކެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައެވެ. ރަށުތެރޭގައި ވާ ކަންކަން ހޯދާ، އެފަދަ ވާހަކަތައް ދައްކާ ތަނަކަށް މި ހޮޅުއަށި ތަކާއި ޖޯލިފަތިތައް މިވަނީ ވެފައެވެ. އަދި ނެތިމޮށުމާއި ދޮގު މައުލޫމާތު ފެތުރުން ވެސް މިއީ މިފަދަ ތަންތަނުގައި މީހުން މުނިފޫހިފިލުވާލަން މިހާރު ކުރާ ކަމެކެވެ.

މިއީ މިހާރު އަތޮޅު ތެރޭގެ ރަށްރަށުގައި އާންމު ކަމަކަށް ވެފައި ވާއިރު، މިފަދަ ކަންކަމުގެ ސަބަބުން ރަށުތެރޭގައި ދެބަސްވުންތައް އުފެދި ހަމަނުޖެހުންތަކައި ކުރިމަތިލާންޖެހޭ ހާލަތު ވެސް އެބަ އާދެއެވެ. އެހެންކަމުން މިއީ ފިތުނަ ފަސާދާ އުފެދި ރަށުގެ އަމާންކަމަށް ބުރު އަރާނެ ކަމެކެވެ.

މިފަދަ ކަންކަމާ ދެކޮޅަށް ނިކުންނަ މީހުންތަކެއްވެސް އެބަ އުޅެއެވެ. އެގޮތުން ބައެއް ރަށްރަށުގެ މިފަދަ "ސީސީޓީވީ ކެމެރާތައް" ތިބޭ ޖޯލިފައްޗެއް ނަގާ މޫދަށް އެއްލާލުން ފަދަ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ.

މިފަދަ ކަންތަކާ ހުރެ ބަހުގެ ހަމަލާތައް ބަދަލު ކުރެވި ހަމަނުޖެހުންތައް އުފެދުމާއި، މީހުންގެ މުދަލަށް ގެއްލުންދިނުން މިވަނީ ގިނަވެފައެވެ. އަދި ރައްދު ދިނުމާއި ހިތްހަމަ ނުޖެހުންތައް ހާމަ ކުރުމަށްޓަކައި ސޯޝަލް މީޑިއާ ތެރޭގައި ބަހުގެ ހަމަލާތައް ދިނުންވެސް މިވަނީ އާންމު ވެފަައެވެ. 

ދޮގު ހަބަރުތައް ފެތުރުމާއި، ނެތިމޮށުން ފަދަ ކަންތައްތަކަކީ އިސްލާމް ދީނުގައި ވެސް ނަހީ ކުރައްވާފައިވާ ކަންތައްތަކެވެ. 

ނަމަވެސް ކުރިއަށް މިއޮތީ ލޯކަލް ކައުންސިލް އިންތިހާބު ކަމުގައި ވެފައި މިކަމާއި ގުޅިގެން ހިޔާލު ތަފާތުވާނެ މިންވަރު ގިނަވެގެން ދާނެއިރު، މިފަދަ "ސީސީޓީވީ" ތަކުގެ މަސައްކަތްތައް ވެސް އިތުރަށް ފުޅާ ވެގެންދާނެ ކަމަށް ބެލެވެ އެވެ.  

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް