
ޑރ. ޖަމީލް މިހެން ވިދާޅުވީ މާދަމާ އޭސީސީއަށް ހާޒިރު ވުމަށް އަންގާފައިވާ ކަމަށް މުއިއްޒު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.
އެގޮތުން އެމްޑީޕީ ސަރުކާރުން ފައިނަގާފައިވަނީ ރާއްޖޭގެ ޑިމޮކްރެސީ ހަލާކުކުރަން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ އެއީ އިންތިހާބީ ހައްގު ނިގުޅައިގަތުމަށް ހިންގާ މުޑުދާރު އަމަލެއް ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ހައްގުގައި މިއަދު އިލެކްޝަންސް ކޮބައިތޯ ސުވާލު ކުރައްވާފައި ވެއެވެ.
މީގެ އިތުރުން ސަރުކާރުން އަންނަނީ އިދިކޮޅު ކެންޑިޑޭޓުންނަށް ދޮފު ތުހުމަތުކޮށް ފުރައްސާރަ ކުރާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި "ވަކި ފަރާތަކަށް ޖެހިފައިވާ" އޭސީސީން ދަނީ ބިރު ދެއްކުމުގެ އަމަލުތައް ކުރަމުން ކަމަށް ޑރ. ޖަމީލް ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ޑިމޮކްރަސީއަށް މިކުރާ ދުއްތުރާތަކާ، ހަނިކުރުމަށް ކުރާ އަމަލުތަކާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން އަޑުއުފުލަން ޖެހޭ ކަމަށް ޑރ. ޖަމީލް ވިދާޅުވެފައި ވެއެވެ.
ޑރ. މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ އޭސީސީއަށް ހާޒިރު ކުރަނީ ސަރުކާރުން އަންގައިގެން، އޭނާގެ ކެމްޕެއިނަށް ސަރުކާރުން ހުރަސްއެޅުމުގެ ގޮތުން، އަސްލެއްނެތް ދޮގު ވާހަކަތައް ފެތުރުމަށް އަދި އޭނާގެ އަބުރު ކަތިލުމަށް ކަމަށެވެ. އަދި މާޗް 23 ވާ އަންނަ އަންގާރަ ދުވަހު އޭނާ އޭސީސީއަށް ހާޒިރު ވުމަށް އަންގާފައިވާ ކަމަށާއި، ފުރިހަމައަށް ޖަވާބުދާރީ ވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ.