ads
ވީޑިއޯ ރިޕޯޓް-
ފުރަތަމަ ޑޯޒަށް ކޮވިޝީލްޑް ޖެހި މީހުންނަށް ދެވަނަ ޑޯޒަށް ވެސް ދޭނީ ކޮވިޝީލްޑް!
ފުޑް އެންޑް ޑްރަގް އޮތީރިޓީން އިންޑިއާގެ ސީރަމް އިންސްޓްޓިއުޓްގައި އުފައްދާ "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަދިންތާ ދެ ދުވަސް ފަހުން ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމު ފަށަފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ. "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށް ހުއްދަދީފައި ވަނީ އެ ކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލާ ދިރާސާކުރުމަށްފަހު އެވެ. އަދި އެ ނިންމުން ނިންމުމުގެ ކުރިން އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު ކަމުގައިވާ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާ ވެސް ހޯދި އެވެ.

އޭރު ވެކްސިނާ ގުޅިގެން ތަފާތު އަޑުތައް ރަށު ތެރޭގައި ފެތުރެމުންދިޔުމުގެ ނަތީޖާއަކީ އެ ވެކްސިނަކީ އިތުބާރު ހިފޭ ވެކްސިނެއްކަން ދެއްކުމަށް ދައުލަތުގެ ވެރިންނާއި ސިއްހީ ހިދުމަތްތެރިން ވެކްސިން ޖަހަން ފެށުމެވެ. އިންޑިއާއިން ހަދިޔާކުރި ދެ ލައްކަ ޑޯޒްގެ ވެކްސިނާއެކު ޕްރޮގްރާމު ފެށިއިރު މަސް ދުވަހުގެ ތެރޭގައި އެ ވެކްސިން ޖަހާއި މިވަނީ ހުސްކޮށްފަ އެވެ. 

އެއާއެކު ވެކްސިން ޕްރޮގްރާމަށް ކުޑަ މަޑުޖެހުމެއް ވެސް އައެވެ. އެއީ ރާއްޖެއަށް ޗައިނާ އިން ހަދިޔާކުރި ދެ ލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ގެނައުމަށެވެ. މިހާރު އެ ވެކްސިން ވެސް ރާއްޖެއަށް ގެނެސްފައިވާއިރު މި މަހުގެ 15 ވަނަ ދުވަހު ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ފައިޒާ ވެކްސިނާއި ޗައިނާގެ ސިނަފޯމް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ވެސް ދީފަ އެވެ. 

ކޮންމެއަކަސް މިއަދު ރާއްޖޭގައި ސިނަފޯމް ވެކްސިން ދޭން ފަށާފައިވާއިރު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް ދެން ވާނީ ކިހިނެއްތޯ އެވެ. އެމީހުން ދެން ޖަހަން ޖެހޭނީ ކޮން ކަހަލަ ވެކްސިނެއްތޯ އެވެ. ކޮވިޝީލްޑް ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި މީހުންގެ ގަޔަށް ދެވަނަ ޑޯޒްއަކަށް ދޭނީ ސިނަފޯމް ވެކްސިންތޯ އެވެ. މި ސުވާލު ހިތާހިތާ ކުރެވުނަސް މިހާތަނަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ޕްރެސްއެއްގައި މިކަމުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާތީ މިއީ ޖަވާބު ނުލިބި އޮތް ސުވާލަކަށް ވަނީ ވެފަ އެވެ. 

އެކަމަކު ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް މިވަނީ މި ސުވާލަށް ޖަވާބު ދެއްވާފަ އެވެ. ޑރ. ފައިސަލް، "ސީއެންއެމް" އަށް ވިދާޅުވީ ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ ގަޔަށް ދެވަނަ ޑޯޒްގެ ގޮތުގައި ވެސް ޖަހާނީ ކޮވިޝީލްޑް ކަމަށެވެ. އަދި ސިނަފޯމް ޖަހާއި މީހުންގެ ގަޔަށް ވެސް ދެވަނަ ޑޯޒްގެ ގޮތުގައި ޖަހާނީ ހަމަ ސިނަފޯމް ކަމަށެވެ. 

ޑރ. ފައިސަލް ވިދާޅުވީ ކޮންމެ މީހަކު ވެސް ވެކްސިންގެ ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހާއި ބާވަތުގެ ވެކްސިން ނޫން ވެކްސިނެއް އެ މީހަކަށް ނުދޭނެ ކަމަށެވެ. އަދި ކޮވިޝީލްޑް މިވަގުތު ހުސްވެފައި ހުއްޓަސް، އެ ގެނެސްގެން ވެސް ދޭނީ ހަމަ އެ ވެކްސިން ކަމަށް ވިދާޅުވި އެވެ. 

ކޮންމެއަކަސް، އަދި މިހާތަނަށް ރާއްޖެއަށް ފައިޒާ ވެކްސިން ވެސް ގެނެސްފައެއް ނުވެ އެވެ. މީގެ ކުރިން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ފައިޒާ ވެކްސިންގެ 5000 ޑޯޒް ރާއްޖެއަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ވެކްސިން ބޭނުންކުރަން މިހާރު ހުއްދަދީފައިވާއިރު ފައިޒާ ވެކްސިން ގެނަޔަސް އަމަލުކުރާނީ ހަމަ މި ފާހަގަކުރި އުސޫލުންނެވެ. 

ސިނަޕޯމް ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވަނީ 18 އަހަރާއި 60 އަހަރުގެ ދެމެދުގެ މީހުންނަށެވެ. ފައިޒާވެކްސިނަކީ ޑަބްލިއުއެޗްއޯއީއާއި އީޔޫއެލްގެ ހުއްދަ ލިބިފައިވާ ވެކްސިނެކެވެ. މިހާރު އެ ވެކްސިން ދުނިޔޭގެ 70 ގައުމެއްގައި ބޭނުން ކުރަމުން އެބަގެންދެ އެވެ.

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް އޭގެ ދެވަނަ ޑޯޒްދޭނީ އަށް ހަފްތާ ހަމަވުމުންނެވެ. އެހެންކަމުން، ދެވަނަ ޑޯޒް، އޭޕްރީލް މަހުގެ ކުރީކޮޅު ދޭން ފަށާނެ އެވެ. އަދި ސިނަފޯމް ވެކްސިނަށް ބަލާއިރު މި ވެކްސިންގެ ވެސް ދެ ޑޯޒް ޖަހަން ޖެހެ އެވެ. މި ވެކްސިންގެ ދެ ޑޯޒް ދޭތެރޭ 2-4 ހަފްތާ ހޭދަކުރާނެ އެވެ.

މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އެންމެ ކާމިޔާބު ކަމާއެކު ވެކްސިންދެމުންދާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނެ އެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 218،912 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް