ads
އާސަންދަ އޮފީސް-- ފޮޓޯ: އަވަސް
ބޭސްފިހާރަތަކުން މަކަރު ހަދާ މައްސަލަތަކެއް ފާހަކުރެވިފައިވޭ: އާސަންދަ
ބައެއް ފަހަރު ދިގު މުއްދަތަށް ބޭސްކުރާ ފަރާތްތަކަށް ތިން މަސްދުވަހަށް ޑޮކްޓަރު ލިޔެދެއްވާ ބޭސް ސިޓީއަށް ދެމަސްދުވަހަށް ބޭސް ދޫކުރުމަށްފަހު، ތިން މަސްދުވަހުގެ ބޭހަށް އާސަންދައަށް ބިލްކުރުންފަދަ ފްރޯޑް މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް އާސަންދައިން ބުނެފި އެވެ.

އާސަންދައިން އެހެން ބުނެފައި ވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.

އެ ނޫސްބަޔާނުގައި އާސަންދައިން ބުނެފައި ވަނީ އާސްނަދައިގެ ސްކީމްގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރެވެނީ ބޭސްފިހާރަތަކަށް ކަމަށާއި ކޮންމެ ބޭހެއްވެސް ދިވެހިރާއްޖޭގައި ވިއްކޭނޭ އެންމެ މަތީ އަގު (އެމް.އާރް.ޕީ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭ އިން އަދި މިގައުމުގަ ކަނޑައަޅާފަ ނުވިނަމަވެސް، އެއް ބޭހެއް އެކި ބޭސްފިހާރަތަކުން އެކި އަގުގައި ވިއްކަމުން ދާ މައްސަލަ ހައްލުކުރުމުގެ މަގްސަދުގައި، ސްކީމްގެ ތެރެއިން ބޭސް ދޫކުރުމަށް ހުރިހާ ބޭހަކަށް ވަކި އަގުތަކެއް ފާއިތުވީ އަހަރުތަކުގެ ތެރޭގައި އާސަންދައިން ވަނީ ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން އޮކްޓޫބަރު 2019 ގައި، އާސަންދަ ސްކީމްގެ ދަށުން ހިދުމަތްދެމުންދިޔަ ހުރިހާ ބޭސްފިހާރައެއްގެ އެގްރީމެންޓް އާކޮށް ސޮއެކުރުމާއެކު، އެއް ބޭހެއް އެކި ބޭސްފިހާރައިން އެކި އަގުގަ ސްކީމްގެ ދަށުން ދޫކުރުމުގެ ބަދަލުގައި، ކޮންމެ ބޭސްފިހާރައަކުންވެސް އެއް ބޭހެއް ސްކީމްގެ ތެރެއިން ދޫކުރެވޭނީ އެއްއަގަކަށް ކަމަށް ހަމަޖެހިފައި ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އެމް.އެފް.ޑީ.އޭ އިން ކޮންމެ ބޭހެއްވެސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުންވެސް، އާސަންދަ ސްކީމްގެ ތެރެއިން މިވަގުތު ދޫކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ތިންހާހަށް ވުރެ ގިނަ ބޭސް، ބޭސްފިހާރަތަކުން ލިބެން ހުންނަނަމަ، ސްކީމްގެ ތެރެއިން ފޯރުކޮށްދެވޭނެ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަނީ ވަކިވަކި ބޭހަށްކަމުން، ކޮންމެ ޖެނެރިކެއްގެވެސް ސްޓްރެންނާއި ޑޯސޭޖް ފޯމް ދިމާވާނަމަ، މިހާރުވެސް އާސަންދަ ޕޯޓަލްގެ ތެރެއިން އެބޭސްތައް ފެންނަން ހުންނާނެ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

އަދި މިހާރުވެސް އެއް ޖެނެރިކެއްގެ ކެޓެގަރީގައި ހިމެނޭ، ރަޖިސްޓަރު ކުރެވިފައިވާ ބޭހެއް ނަމަ، ޕޯޓަލްގެ ތެރެއިން ދޫކުރެވެނީ އެބޭހަކަށް ކަނޑައެޅިފައިވާ އަގުގައެވެ. އެގޮތުން ޕެރަސެޓަމޯލް 500 މިލިގްރާމްގެ ޓެބްލެޓްގެ އެކި ބްރޭންޑްތައް މިހާރުވެސް އާސަންދަ ލިސްޓުގައި ހިމެނިފައިވާނެ ކަމަށް ވެސް އެކުންފުނިން ބުނެފައި ވެއެވެ.

އެމް.އާރް.ޕީ އައުމުންވެސް މިބޭސްތައް އާސަންދަ ލިސްޓުގައި ހިމެނޭނެ ކަމަށާއި ނަމަވެސް ދޫކުރެވޭނީ އެ ބްރޭންޑަކަށް ނުވަތަ އެ ބޭހަކަށް އެމް.އެފް.ޑީ.އޭ އިން ކަނޑައެޅިފައިވާ އެންމެ މަތީ އަގަށް ވުރެ ބޮޑު ނުވާ ގޮތަށް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ސްކީމްގެ ހަރަދުކުޑަކުރުމަށް، ސްކީމްގެ ތެރެއިން ދޫކުރެވޭ ބޭހުގެ އަގުތައް ރިވިއުކުރުމުގެ މަސައްކަތަކީ އާސަންދައިން ކުރަމުންދާ މަސައްކަތެއް ކަމަށާއި އެ މަސައްކަތުގެ ތެރެއިން، އަގުގެ ފަރަގު ފާހަގަކުރެވޭ ބޭސްތައް އެތެރެކުރާ ފަރާތްތަކާއި އެކު އަގު ކުޑަކުރުމަށް އަބަދުވެސް މަޝްވަރާކުރެވެމުންދާކަން ފާހަގަކުރަމުން އާޝަންދައިން ބުނެފައިވަނީ މިހާރުވެސް އެފަދަ އެތައް ބޭހެއް ހަމަ އަގަށް ގެނައުމަށްޓަކައި އެ ކުންފުނިން އަންނަނީ ބޭސް އެތެރެކުރާ ފަރާތްތަކާ މަޝްވަރާކޮށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެހެންނަމަވެސް ބައެއް ބޭސްތަކަކީ ވަކި ބަޔަކަށް މާކެޓް އެކްސްކޫލިސިވިޓީ ދެވިފައިވާ  ބޭސްތަކަކަށްވުމުން، އެފަދަ ބޭސްތައް ހަމައަގަށް ގެނައުމުގައި އެކުންފުންޏަށް ވަނީ ދަތިތަކާއި ކުރިމަތިވެފައި ކަމަށާއި ނަމަވެސް، 2020 ވަނަ އަހަރުގެ ތެރޭގައި އެފަދަ މާކެޓް އެކްސްކްލޫސިވިޓީ ދެވިފައިވާ ބޭހެއްކަމަށްވާ ޑޮވަންޓާ ބޭހުގެ އަގަށް ބަދަލުގެނައުމަށް އެ ބޭސް އެތެރެކުރާ ފަރާތާއި އެކު މަޝްވަރާކުރެވި، ކާމިޔާބުކުރެވިފައިވާ ކަމަށް އާސަންދައިން ބުނެފައި ވެއެވެ.

އަދި އެންމެ ބޭހެއްގެ އަގަށް މިގެނެވުނު ބަދަލުގެ ސަބަބުންވެސް، އަހަރަކު ގާތްގަޑަކަށް 12،000،000 (ބާރަ މިލިޔަން ރުފިޔާ) ސްކީމް ހަރަދުން ކުޑަކުރެވޭނެކަމަށް ވެސް އާސަންދައިން ފާހަގަކޮށްފައި ވެއެވެ.

ބޭސް ދޫކުރުމުގައި ބައެއް ފާމަސީތަކުން ބަލިމީހާއަށް އަގު ދަށް ބޭސް ދޫކުރުމަށްފަހު އަގު ބޮޑު ބޭހަށް އާސަންދައަށް ބިލްކުރާކަންވެސް ފާއިތުވީ އަހަރުތަކުގެ ތެރޭގައިވަނީ ފާހަގަކުރެވިފައި ކަމަށާއި އަދި ބައެއް ފަހަރު ދިގު މުއްދަތަށް ބޭސްކުރާ ފަރާތްތަކަށް ތިން މަސްދުވަހަށް ޑޮކްޓަރު ލިޔާ ބޭސް ސިޓީއަށް ދެމަސްދުވަހަށް ބޭސް ދޫކުރުމަށްފަހު، ތިން މަސްދުވަހުގެ ބޭހަށް އާސަންދައަށް ބިލްކުރުންފަދަ ފްރޯޑް މައްސަލަތައްވެސް ފާހަގަކުރެވިފައިވާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ. 

އެފަދަ މައްސަލަތައް ބެލުމަށްފަހު، އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާފައިވާނޭ ކަމަށާއި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުންނާއި ސްކީމްގެ ހިދުމަތްތައް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފޯރުކޮށްދިނުމަށް އާސަންދަ މޮބައިލް އެޕްލިކޭޝަނެއްވަނީ ތައާރަފްކޮށްފައި ކަަމަށް ވެސް އެކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އާސަންދައިގެ 'ވިނަވި' ޕޯޓަލްބޭނުންކުރާ ހުރިހާ މަރުކަޒަކުން، ސްކީމްގެ ދަށުން ކޮންމެ ރައްޔިތަކުވެސް ހޯދާ ހިދުމަތްތަކާ ނަގާފައިވާ ބޭސްތައް އެޕް މެދުވެރިކޮށް ޗެކްކުރެވޭނެ ކަމަށާއި އެގޮތަށް ޗެކްކުރާއިރު ޝައްކު އުފެދޭ އެއްވެސް ކަމެއް ފާހަގަވާނަމަ އެޕް މެދުވެރިކޮށް އާސަންދައަށް ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް